ENGLISH
24 މާރިޗު 2026
ފެނުގެ ޚިދުމަތް ދިނުމުގެ އައު ބާބެއް: ޑީސަލްއާ ނުލައި ފެން އުފެއްދުމުގެ ޤާބިލުކަން ކުޅުދުއްފުށްޓަށް
24 މާރިޗު 2026
|
ޑީސަލްއާއި ނުލާ ފެންއުފެއްދުމުގެ ނިޒާމު ކުޅުދުއްފުށީގައި ގާއިމުކުރެވިފައި. ފޮޓޯ: އެމްޑަބުލިއުއެސްސީ
އެންމެ މަޤްބޫލު
ފެނުގެ ހިދުމަތުގެ ރައްކާތެރިކަން ޔަގީންކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ ބައެއް ހާއްސަ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށާއި އަންނަ އޭޕްރީލް މަހުން ފެށިގެން ހދ. ކުޅުދުއްފުށީގައި ޑީސަލްއާ ނުލައި މުޅި ރަށަށް ބޭނުންވާ ވަރަށް ފެން އުފެއްދުމުގެ ގާބިލުކަން ލިބިގެން ދާނެކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެ އެވެ.
އިއްޔެ ފާހަގަކުރި ދުނިޔޭގެ ފެނުގެ ދުވަހާއި ގުޅިގެން އެމްޑީ މަތީން ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި ގުދުރަތީ ކާރިސާތަކާއި ދުނިޔޭގައި ހިނގާ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައިވެސް ފެނުގެ ހިދުމަތް ރައްޔިތުންނަށް ކަށަވަރުވާނޭ ގޮތަކަށް ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް އެންމެ ބޮޑަށް ބޭނުން ކުރެވޭނޭހެން ފެނުގެ ނިޒާމުތައް ފަރުމާކޮށް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތު ކަމަށެވެ. މިގޮތުން ޑީސަލް ބޭނުންނުކޮށް ހަމައެކަނި އިރުގެ ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދުމުގެ ނިޒާމު ގާއިމުކުރުމަށް މިދިޔަ އަހަރު ކުޅުދުއްފުށި ސިޓީގައި އެމްޑަބްލިޔުއެސްސީ އިން ފެށި މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ނިމިފައިވާކަން ފާހަގަކުރެއްވި އެވެ.
އެމްޑީ ވިދާޅުވީ މިހާރު ކުރިއަށް ގެންދެވޭ ޓެސްޓިން މަރުހަލާ ނިމުމަށްފަހު އޭޕްރީލް މަހުން ފެށިގެން ކުޅުދުއްފުށީގައި ޑީސަލްއާ ނުލައި މުޅި ރަށަށް ބޭނުންވާ ވަރަށް ފެން އުފެއްދުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށެވެ.
މިއާއެކު ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ހިދުމަތް ދިނުމުގެ އައު ބާބެއް ފެށިގެން ދާނެކަމަށާއި މިއީ ދެމެހެއްޓެނިވި ތަރައްގީއަށް ރާއްޖެ ކުރާ ދަތުރުގައި ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއްކަން މަތީން ފާހަގަކުރެއްވި އެވެ.