ENGLISH
23 މާރިޗު 2026
ދިއްދޫ ރައްޔިތުންނަށް އެމްޑީޕީން ހެދީ ދޮގު، ގެނެވުނު ތަރައްގީއެއް ނެތް: ޝުޖާ
23 މާރިޗު 2026
|
ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު، ފޮޓޯ: ޕީއެންސީ
އެންމެ މަޤްބޫލު
ހއ.ދިއްދޫ ރައްޔިތުންނަށް އެމްޑީޕީން ފާއިތުވި ފަނަރު އަހަރު ހެދީ ހުސް ދޮގުކަމަށާއި، އެ ޕާޓީގެ ވެރިކަންތަކުގައި އެ ރަށަށް ގެނެވުނު ތަރައްގީއެއް ނެތް ކަމުގައި ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ދިއްދޫގައި ރޭ ކުރިއަށްގެންދިޔަ ޕީޕަލްސް ނޭޝަަނަލް ކޮންގްރެސްގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ކުރީގެ އެއްވެސް ވެރިކަމެއްގައި ދިއްދޫއަށް ގެނެވިފައި ނެތް ތަރައްގީ ގެނައުމުގެ މަސައްކަތް ހަލުއިކަމާއެކު ކުރެވެމުންދާ ކަމަށެވެ.
އެގޮތުން ދިއްދޫ ބިން ހިއްކައި އެ ރަށުގައި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ވަރަށް ހަލުއިކަމާއެކު ކުރެވެމުންދާކަން ފާހަގަކުރައްވަމުން ޝުޖާ ވިދާޅުވީ އެ ރަށުގައި ފީފާ މިންގަަނޑުތަކަަށް ފެތޭ ގައުމީ ފުޓުބޯޅަ ސްޓޭޑިއަމެއް އެޅުމުގެ މަސައްކަަތް 28 މާޗުގައި ކުންފުންޏަކާ ހަވާލުކުރެވިގެންދާނެ ކަމަށެވެ.
އެގާރަ އަހަރު ތެރޭ ދެ ފަހަރަށް އެމްޑީޕީއަށް ވެރިކަން ލިބުނުއިރު، އެ މުއްދަތުގައި ދިއްދޫއަށް އެމްޑީޕީ ސަރުކާރުން ކޮށްދެވުނު އެއްވެސް ކަމެއް ނެތްކަމަށް ޝުޖާ ވިދާޅުވިއެވެ. އެމްޑީޕީގެ ނާގާބިލުކަމުގެ މިސާލެއްގެ ގޮތުގަައި ޝުޖާ ފާހަގަކުރެއްވީ ޕީޕީއެމްގެ ވެރިކަމުގައި ދިއްދޫގެ މަގުތައް ހަދަމުންދިޔައިރު، އެކަމަށް އެމްޑީޕީގެ ބައެއް ބޭފުޅުން ފާޑުވިދާޅުވި ނަމަވެސް އެ ޕާޓީގެ ވެރިކަމުގެ ފަސް އަހަރު ނިމުނީ ދިއްދޫގައި އެންމެ މަގެއްވެސް ނުހެދި ކަމެވެ.
ޝުޖާ ވިދާޅުވި ގޮތުގައި ރައީސް ޑރ.މުޢިއްޒުގެ ޒައާމަތުގައި އަދި ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްލަތީފު މުހައްމަދުގެ މެންބަރުކަމުގައި މީގެ ކުރީގެ އެއްވެސް ދައުރެއްގައި ވަޒީފާތައް ނުއުފައްދާ މިންވަރަށް އެ ރަށުގައި ވަޒީފާތައް އުފައްދައި، އެ ރަށުގެ ގޭބީސީތަކަށް އުފާވެރިކަން ގެނެސްދީފައިވެއެވެ.
"ލޮބުވެތި ރައްޔިތުން ޕީއެންސީއަށް ވޯޓުދޭންޖެހޭ ސަބަބަކީ އެމްޑީޕީގެ ވެރިކަމުގައި ކޮށްދޭން ވިދާޅުވި އެއްވެސް ކަމެއް މިފަސްގަނޑަށް ވެފައި ނެތޭ. އަޅުގަނޑު އެދެން މިޖަލްސާ ނިމުމަށްފަހު އެމްޑީޕީން މިއިންތިހާބުގައި ވާދަކުރާ މީހުން އަޅުގަނޑާ ހަމައަށް އާދެބަލަ މިވެނި ކަމެކޭ ތިމަންނަމެން ކުރީ. ނުބުނެވޭނެ،" ޝުޖާ ވިދާޅުވިއެވެ.
ޝުޖާވަނީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އިހަވަންދޫގައި ދެބުރިއަށް ބަނދަރެއް އަޅައިދީ ދިއްދޫ ކައިރީ ކަނޑުގައި ހުރި ކަންނެލި ބޭރުކޮށް އެތަނަށް ކަޅުބިލަމަސް ގެނައުން ފަދަ އެތައް ވައުދެއް އެއިރުގެ ރައީސް މުހައްމަދު ނަޝީދު ވެވަޑައިގެންނެވިކަން ފާހަގަކުރައްވާފައެވެ. އަދި ނިމިދިޔަ ދައުރުގައި ދިއްދޫގައި ފުޓުބޯޅަ ކުޅޭ ދެ ދަނޑު އަޅުއްވާނެ ކަމުގައި އެއިރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވިއިރު އެންމެ ދަނޑެއްވެސް އެޅިފައި ނެތްކަން ފާހަގަކުރެއްވިއެވެ.
ޝުޖާ ވިދާޅުވީ އިސްލާމީ މަރުކަޒެއް ބިންގާ އެޅުމަށްފަހު އެ މަސައްކަތްނުކޮށް ބަހައްޓާފައ ހުއްޓައި، 60 އެތައް މިލިއަން ރުފިޔާ ހަރަދުކޮށް، އެ މަސައްކަތްވެސް ނިންމެވީ ރައީސް ޑރ.މުޢިއްޒު ކަމަށާއި، ޓާޝަރީ ހޮސްޕިޓަލު އަޅަން ބުނި ނަމަވެސް ނޭޅި ދައުރު ހަމަވުމުން އެކަންވެސް ކުރައްވަނީ ރައީސް ޑރ.މުޢިއްޒު ކަމަށެވެ.
ކުރީގެ ދައުރުގައި 400 ހައުސިން ޔުނިޓާއި ކޮލެޖެއްގެ ހިދުމަތް ދިނުމަށް ބުނި ނަމަވެސް އެކަންކަންވެސް އެމްޑީޕީއަށް ނުކުރެވުނެވެ. ދިއްދޫ އެއާޕޯޓުގެ މަސައްކަތްވެސް ނުކުރެވުނުކަމާއި، އިންޖީނުގެެއަށް އަޅަން 60 މިލިއަން ރުފިޔާ ހަރަދުކުރިއިރު އެ މަސައްކަތްވެސް ނިންމައިނުލެވުނު ކަމަށެވެ.