ENGLISH
23 މާރިޗު 2026
ކްރިޓިކަލް ބޭސް އެތެރެ ކުރުން އަވަސް ކުރަން މަޝްވަރާކޮށްފި
23 މާރިޗު 2026
|
ކްރިޓިކަލް ބޭސް އެތެރެ ކުރުން އަވަސް ކުރަން މަޝްވަރާކޮށްފައި. ފޮޓޯ؛ ހެލްތް މިނިސްޓްރީ
އެންމެ މަޤްބޫލު
ކްރިޓިކަލް ބޭހާއި ކޮންސިއުމަބަލްސް އެތެރެކުރުން އަވަސްކުރުމާއި ގުޅޭގޮތުން ކަމާ ގުޅުން ހުރި ވުޒާރާތަކާއި ކުންފުނިތަކާ ގުޅިގެން މަޝްވަރާކޮށްފި އެވެ.
ހެލްތް މިނިސްޓްރީން ބުނީ ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމް އާއި މިނިސްޓްރީގެ އިސްވެރިންގެ އިތުރުން އެސްޓީއޯ، އާސަންދަ، އެންއެސްޕާ އަދި ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ޚާއްސަކޮށް އުފައްދާފައިވާ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ ފަރާތުން ބައިވެރިވެފައިވާކަމަށެވެ.
މެދުއިރުމަތީގެ މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ޞިއްޙީ ދާއިރާއިން ދެމުންދާ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާފައިވާ ކަންތައްތަކުގެ ތެރޭގައި ކްރިޓިކަލް ބޭހާއި ކޮންސިއުމަބަލްސް އެތެރެކުރުން އަވަސްކުރުމާއި، ޕްރޮސެސްތައް ސްޓްރީމްލައިންކުރުމާއި، ރާއްޖޭގެ ހޮސްޕިޓަލްތަކާއި ޞިއްޙީމަރުކަޒުތަކަށް ބޭނުންވާ އެހެނިހެން ޞިއްޙީ ސާމާނު މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނޭކަމަށެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައްޔިތުންނަށް ތަކުލީފު ކުޑަކޮށް ބޭނުންވާ ހިދުމަތްތަކަށް އެއްވެސް ބުރުލެއް ނާރައި ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން ނެވެ.