ENGLISH
25 މާރިޗު 2026
އިންތިހާބާ ގުޅިގެން ވަޒީފާ ބެހުން އަދި އެނޫން ކަމެއްވެސް ނުކުރަން: ރައީސް
23 މާރިޗު 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅިގެން ވަޒީފާ ބެހުން ފަދަ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މި ސަރުކާރުން ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކުގެ އިންތިހާބާ ގުޅުވައިގެން ވަޒީފާތައް އުފައްދަމުންދާކަމަށް ތުހުމަތުކޮށް ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނަކީ އިންތިހާބުތަކާ ގުޅިގެން ކަންކަން ކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ.
ކުރީ ސަރުކާރުގައި އިންތިހާބުތަކާ ގުޅިގެން ވަޒީފާތައް އުފައްދައި، ތަރައްގީގެ މަޝްރޫއުތައް ގިނަ އަދަދަކަށް ފަށަމުންދިޔަ ކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ބައި-އިލެކްޝަނުގައި އެއިރު ފެނަކައިގެ އެމްޑީޕީގެ މަގާމުގައި ހުންނެވި ބޭފުޅާ ގޭގެއަަށް ވަޑައިގެން ވަޒީފާތައް ބައްސަވަމުންދިޔައިރު، ދައުލަތުގެ ބަޖެޓުން ބޭރުން 300 އެތައް މިލިއަން ރުފިޔާއެއް ކޮމަންޑޫ ދާއިރާގައި ސަރުކާރުން ހަރަދުކުރި ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
އެއިރުގެ ސަރުކާރުން ފެނަކަ ހަލާކުކޮށްލި ގޮތަށް އަލިއަޅުވައިލައްވަމުން ރައީސް ވިދާޅުވީ އެއިރު ކަންކަން ކުރި ގޮތް އޮޑިޓު ރިޕޯޓުތަކުން ފެންނަން އެބަހުރި ކަމަށެވެ. އެގޮތުން ފެނަކައިން ވަޒީފާ ދެމުންދިޔަ ގޮތުން ދޯނިތަކުގައި މަސްވެރިކަން ކުރި އެންމެ އޮޑިފަހަރުން ފައިބައި ފެނަކައަށް ވަނުމުގެ ސަބަބުން މަސްވެރިކަން ވަޅުޖެހުނު ކަމުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަތި ފަނޑީގައި ސިޔާސީ ފެންވަރުގައި ތިބި މީހުން ފިޔަވައި އެއްވެސް މީހަކު ވަޒީފާއިން ވަކިނުކުރެއްވުމަށް ނިންމެވި ކަމަށާއި، މިހާތަނަށް ކުންފުންޏަކަށް ގެއްލުންވާނެހެން އަމަލުކުރި މީހަކު ފިޔަވައި، މަތި ފަނޑީގައި ތިބި މީހުން ނޫން އިތުރު މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިނުވާނެ ކަމަށެވެ.
"އަޅުގަނޑު ކުރިން ދެންނެވިން މި ހަނގުރާމަ އައުމުގެ ކުރިން މިދިޔަ އަހަރުގެ ފަަހުކޮޅާ ހަމައަށް ސޮއިކުރި އެތައް މަޝްރޫއެއް އެހުރިއްޔޭ، އަދި މަސައްކަތް ފެށުނު އެތައް މަޝްރޫއެއް އެބަހުއްޓޭ. އެއީ އޮންގޮއިން މަޝްެރޫއުތަކޭ، އެ މަޝްރޫއުތަކަށް ޕްރިއޮރަޓީ ދޭންޖެހޭނޭ. އެހެންނޫނިއްޔާ ކޮންޓްރެކްޓަރުންގެ މަސައްކަތް ހުއްޓި ރައްޔިތުންނަށް ގެއްލުންވާނޭ. އެ ޕްރޮޖެކްޓުތަކަށް ބޭނުންވާ މުވައްޒަަފުން ނަގާނޭ،" ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު މިއީ އިންތިހާބާ ގުޅިގެން ކަމެއް ކުރާ މީހެއް ނޫން. އިންތިހާބާ ގުޅިގެން އަޅުގަނޑު ގޮސްފިންތޯ އެއްވެސް ރަށަކަށް. އިންތިހާބާ ގުޅިގެން މި ސަރުކާރުން ނުކުރާނެ އެއްވެސް ކަމެއް،"
ރައީސް ވިދާޅުވި ގޮތުގައި ކުރިއްސުރެ އިންތިހާބުތަކާ ގުޅިގެން ކަަންކަން ކުރައްވަމުންގެންދަވާ ބޭފުޅުންނަށް އެގޮތަށް ހީފުޅުވުމަކީ އެކަށީގެންވާ ކަމެކެވެ. އެމަނިިކުފާނު ވިދާޅުވީ ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަނީ އިންތިހާބެއް ބޯމަތިވުމުންނެއް ނޫންކަމަށާއި، އެއީ އެމަނިކުފާނު އިންތިހާބެއް ނެތްނަމަވެސް ރައްޔިތުންނާ ގާތުން ވެރިކަން ކުރައްވަން ބޭނުންފުޅުވާތީ ކުރައްވާ ކަމެއް ކަމަށެވެ.
"އަޅުގަނޑު ރައްޔިތުންނާ ބައްދަލުކުރީކީ އިންތިހާބެއް އޮވެގެންނެއް ނޫން. ޕްރޮޖެކްޓްސް ފެށީކީ އިންތިހާބެއް އޮވެގެންނެއް ނޫން. އެހެންމަވީމާ އިންތިހާބު އޮވެގެން ކަޑަޖަހާ އުސޫލުން ކަންކަންކުރާ މީހުން ބޭނުންވާނީ އިންތިހާބު ގާތްވީމާ ޕްރޮޖެކްްޓްސް ފަށައި ވަޒީފާ ދޭން. އެކަމަކު މި ސަރުކާރުން ކަންކުރަނީ ރައްޔިތުންނަށް އަޅުގަނޑުވީ ވައުދުތައް ފުއްދަން ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށްދޭނީ. ޕްރޮޖެކްޓެއް ފަށާނަމަ އެ މަޝްރޫއެއް ހިންގޭނެ ގޮތަށް ކަންކަން ވާންވާނެ.،" ރައީސް ވިދާޅުވިއެވެ.
ހަނގުރާމަ ފެށުނުފަހުން ސަރުކާރުން ނަގާ ހުރިހާ މުވައްޒަފުންނަކީ މިހާރު ފެށިގެން ކުރިއަށްދާ މަޝްރޫއުތަކުގެ މަސައްކަތްތަކާ ގުޅިގެން ނަގާ މުވައްޒަފުން ކަމުގެ ޔަގީންކަން ރައީސްވަނީ ދެއްވާފައެވެ.