ENGLISH
23 މާރިޗު 2026
ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިމެނޭހެން ބީއެމްއެލްއިން ފައިނޭންސްކުރާ މަޝްރޫއުތަކުގެ ފައިސާ ދޫކޮށް މަސައްކަތް ފަށަނީ
23 މާރިޗު 2026
|
ބީއެމްއެލްގެ ފައިނޭންސްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުތައް، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގުމަށް ކޮންޓްރެކްޓުކުރެވިފައިވާ ދުއިސައްތަ އެތައް މަޝްރޫއަކަށް ފުރަތަމަ މަރުހަލާގައި ދޫކުރަންޖެހޭ ފައިސާ މިހާރު ދޫކޮށްފައިވާކަމަށާއި، ވަރަށް އަވަހަށް އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ހަވީރު ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަތޮޅު ތެރޭގައި ސަރުކާރުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ހައުސިން މަޝްރޫއުތައް ކުރިއަަށްދާ ގޮތާ ގުޅޭ ގޮތުން ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސް ވިދާޅުވީ އަތޮޅު ތެރޭގައި ސަރުކާރުން ކުރިއަށްގެންދާ ގިނަ ހައުސިން މަޝްރޫއުތަކަަކީ ބީއެމްއެލް މެދުވެރިކޮށް ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ފައިސާ ހަމަޖައްސައިގެން ކުރިއަށްގެންދާ މަޝްރޫއުތަކެއް ކަމަށެވެ. އެގޮތުން އެ މޮޑެލްގެ ދަށުން 13 ރަށެއްގައި ހައުސިން މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އެ ކޮންޓްރެކްޓާ ފައިނޭންސް މޮޑެލްގެ ތެރެއިން ފުރިހަމަކުރަންޖެހޭ އިޖުރާއާތްތައް ފުރިހަމަކުރުމުގައި ވަރަށް ގިނަ ދުވަސްތަކެއް ނަަގާފައިވޭ. މީގައި ސޮއިކުރަންޖެހޭ ހުރިހާ އެއްބަސްވުންތަކެއްގައި ސޮއިކުރެވި ނިމިގެންދިޔައީ ރޯދަމަހުގެ ތެރޭގައި. މިހާރު އެ ފަރާތްތަކަށް ފަސްޓް ޑިސްބާސްމެންޓުވެސް ހަދާފަވަނީ. އޭގެ މާނައަކީ ފުރަތަަމަ ޕޭމެންޓު. މިހާރު މޯބަލައިޒްކުރުމުގެ މަސައްކަތް ފަށާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި މޮޑެލްގެ ތެރެއިން ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާއާއި މިސްކިތްތައް ބިނާކުރުމާއި އެނޫންވެސް ދާއިރާތަކުގެ މަޝްރޫއުތަކެއް ހަވާލުކުރެވުނުއިރު، އެ މަޝްރޫއުތަކާ ގުޅޭ އެއްބަސްވުންތަަކާ ހަމައަށް ވާސިލުވުމުގައި ކުޑަ ލަސްކަމެއް އައިނަމަވެސް އެ މަސައްކަތްތައް ވަރަށް ހަލުއިކަމާއެކު ފެށިގެންދާނެ ކަމަށެވެ.
އިތުރަށް އެމަނިކުފާނު ފާހަގަކުރެއްވީ ބީއެމްއެލްއިން ފައިނޭންސްކޮށްގެން މާލޭ ސަރަހައްދުގައި ހައުސިން ޔުނިޓުތައް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން މާލޭ ސަރަހައްދުގައި ގާއިމުކުރާ ހައުސިން ޔުނިޓުތަކުގެ އަމަލީ މަސައްކަތްވެސް ކުރިއަށް އޮތް ދެތިން ހަފުތާ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.