ENGLISH
23 މާރިޗު 2026
ކާޑެއްދޫ ނެގުމުގެ މުއާމަލާތް ބައްޓަންކުރާނީ ރައްޔިތުން އަތުން އެއްޗެއް ދޭންނުޖެހޭ ގޮތަށް
23 މާރިޗު 2026
|
ރައީސް ޑރ.މުއިއްޒާއި ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހީމް، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ކާޑެއްދޫ އެއާޕޯޓު ރަނގަޅު ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތްކުރުމުގެ ގޮތުން މިހާރު އެ އެއާޕޯޓު ހިންގާ ވިލާ ކުންފުނީގެ ދަށުން އެއާޕޯޓު ވަކިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ދައުލަތުން އެއާޕޯޓުގެ ބަދަލުގައި އެއްވެސް އެއްޗެއް ދޭންނުޖެހޭނެ ގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި މުއާމަލާތާ ގުޅިގެން ކުރިން ވިލާ ކުންފުނީގެ ޗެއާޕާސަން އަދި މާމިގިލީ ދާއިރާގެ މެންބަރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެފައިވަނީ އެއާޕޯޓު ނެގުމާއެކު ބަދަލެއްގެ ގޮތުގައި 18 މިލިއަން ޑޮލަރު ދިނުމަށް ސަރުކާރުން ހުށަހަޅައި، އެ ހުށަހެޅުން ވިލާ ކުންފުނިން ގަބޫލުކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން މިއަދު ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެ މުއާމަލާތް ކުރިއަށްގެންދަނީ އޮޑިޓާ ޖެނެރަލްގެ އިތުރަށް ދައުލަތުގެ ބަންޑާރަނައިބުގެ ލަފައާއި އިރުޝާދު ހޯއްދަވައިގެން ދައުލަތުން އެކަމުގައި އުފުލަންޖެހޭ ބުރަ ކުޑަވާނެ ގޮތަށް ރިއާޔަތްކުރައްވައިގެން ކަމަށެވެ.
ރައީސް ވިދާޅުވީ މިހާރު އެ މުއާމަލާތް ބައްޓަންކުރެވިފައިވަނީ ސަރުކާރުން ވިލާއަށް އެއްޗެއް ދޭންނުޖެހި، ރައްޔިތުންނަށް އެއިން އެންމެ ބޮޑު މަންފާއެއް ހާސިލުވާނެ ގޮތަށް ވިލާ ކުންފުންޏަށްވެސް ގެއްލުމެއް ނުލިބޭނެ ގޮތަށް ބެލިގެން ކަމަށެވެ.
"މިކަމުގައި ރައްޔިތުންގެ އަތުން، ރައްޔިތުންގެ ބައިތުލް މާލުން އެއްޗެއް ދޭންނުޖެހޭނެ ގޮތަކަށް މިކަން ބައްޓަންކުރެވޭނެ ގޮތަކަށް މިކަން ކުރިއަށްމިގެންދަނީ. މިކަމުގައި އޭޖީގެ ލަފާވެސް ހޯދިގެން ކުރިއަށްގެންދަނީ. އެކަމުގެ ތަފުސީލުތައް ނިމޭ މިންވަރަކުން ހިއްސާކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުގައި އެކި މުއާމަލާތްތަކާ ގުޅިގެން ބަދަލުގެ ގޮތުގައި އެތައް ބިލިއަން ރުފިޔާއެއް އެކި ވިޔަފާރިތަކަށް ދޫކުރި ނަމަވެސް އެގޮތަށް ބަދަލުތައް ދޫކުރުން މި ސަރުކާރުންވަނީ ހުއްޓާފައެވެ. އަދި އެ މުއާމަލާތްތައް މުރާޖައާކުރުމުގެ މަސައްކަތްވެސް މި ސަރުކާރުން ކުރެވިގެންދިޔައެވެ.