ENGLISH

20 އޭޕްރީލު 2025

Advertisement

އަލިފާނުގައި އަނދައި ހުލިވި ތިން ވުޒާރާގެ މަސައްކަތް ވަގުތީ ގޮތުން ދަރުބާރުގެއަށް

13 ޑިސެމްބަރު 2024

|

އެމް އެމް

މާލޭގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވި ތިން ވުޒާރާގެ މަސައްކަތްތައް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އަލިފާނުގައި އަނދައިގެން ދިޔަ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ އާއި އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާ އަދި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާގެ މަސައްކަތް ދަރުބާރުގޭގައި ވަގުތީ ގޮތުން ކުރިއަށް ގެންދިއުމުގެ މަސައްކަތް ފަށާފައި ވަނީ ރޭގަ އެވެ. މަސައްކަތުގައި ސަރުކާރުގެ މިނިސްޓްރީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ދަނީ ބައިވެރިވަމުންނެވެ.

ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަންގެ އޮފީސް ވެސް ހިންގަމުން ދިޔައީ ވެސް ރޯވި އިމާރާތުގަ އެވެ. އެ އޮފީހުގެ މަސައްކަތްތައް ވަނީ ވަގުތީ ގޮތުން ހުޅުމާލެއަށް ބަދަލުކޮށްފަ އެވެ.

އިއްޔެ ހެނދުނު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވީ ގެދޮރުވެރިކަމާބެހޭ ވުޒާރާގެ ފުރަތަމަ ފަންގިފިލާގައެވެ. އޭގެ ފަހުން އަލިފާން ކޮންޓްރޯލް ނުވެ މުޅި އިމާރާތަށް ފެތުރިގެން ދިޔައީ އެވެ. ހަތަރު ގަޑިއިރު ފަހުން އަލިފާން ކޮންޓްރޯލް ކުރި އިރު މުޅި އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ.

ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ ތިން ވުޒާރާގެ މަސައްކަތް ފެށުމަށްޓަކައި ދަރުބާރުގޭގައި ހަދާ ސެޓަޕް ވީހާ ވެސް އަވަހަކަށް ނިންމުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ތިން ވުޒާރާގެ މަސައްކަތް ދަރުބާރުގެ އަށް ބަދަލުކުރާތީ ދަރުބާރުގޭގައި ބޭއްވުމަށް ތަވާލުކުރި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އާއި ރެހެންދި އެވޯޑް ހަފްލާ ވެސް މިހާރު ވަނީ ފަސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު