ENGLISH
05 ޖުލައި 2025
އެންމެ ފަހުގެ ޗެމްޕިއަން، އެޗްޑީސީ އަތުން ދަޑިމަގު މޮޅުވެއްޖެ
04 ޖުލައި 2025
|
އެޗްޑީސީއާ ދެކޮޅަށް ކުޅުނު މެޗުގައި ދަޑިމަގު ޓީމުން ޕޮއިންޓެއް ހޯދުމަށްފަހު އުފާ ފާޅުކުރަނީ. ފޮޓޯ: ވީއޭއެމް
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބާއްވާ ޤައުމީ ވޮލީބޯލް ލީގުގައި ރޭ ކުޅުނު މެޗުގައި ފަހަތުންއަރައި، ކްލަބް އެޗްޑީސީ އަތުން ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް މޮޅުވެއްޖެއެވެ.
މިއީ އެޗްޑީސީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު ވީއޭއެމް ކަޕްގެ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބު އަތުން ވެސް ވަނީ ބަލިވެފައެވެ. އެކަމަކު، އެންމެ ފަހުގެ ވީއޭއެމް ކަޕްގައި މި ދެ ޓީމު ބައްދަލުކުރި މެޗު ކާމިޔާބުކުރީ އެޗްޑީސީ އިންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗުގައި އެންމެ ފަހުގެ ލީގު ޗެމްޕިއަން، އެޗްޑީސީ އަތުން ދަޑިމަގު މޮޅުވީ 3-1 ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓުގައި 25-21 އިން އެޗްޑީސީ ގެންގޮސްފައިވަނިކޮށް، ދަޑިމަގުން ވަނީ ވާދަވެރި ކުޅުމަކަށްފަހު ދެން ޖެހިގެންއައި ދެ ސެޓުން 25-21 އާއި 25-22 އިން ކުރިހޯދާފައެވެ. އެކަމަކު، އެއަށްފަހު ދެން ކުޅެވުނު ހަތަރުވަނަ ސެޓުގައި މާބޮޑު ވާދަވެރިކަމެއް ނެތި ދަޑިމަގުން ވަނީ ފަސޭހަކަމާއެކު 25-14 އިން ކުރިހޯދައި، މެޗު ކާމިޔާބުކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަޑިމަގުގެ ބިދޭސީ ކުޅުންތެރިޔާ، އޮޓްގޮންބަޔަރް ޒޮލްބޫ އެވެ.
އެޗްޑީސީން އެންމެ ފަހުގެ ޤައުމީ ވޮލީބޯލް ލީގު ކާމިޔާބުކުރީ މެޗަކުން ބަލިނުވެ، ސައްތައިން ސައްތައިގެ ރެކޯޑަކާއެކު އެވެ.
މި މުބާރާތުގައި ކުޅުނު އަނެއް މެޗުގައި ޕޮލިސް ކްލަބް އަތުން ހުރާ ކޮމިއުނިޓީ ކްލަބް މޮޅުވީ ވެސް 3-1 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ދެ ސެޓުން 25-23 އާއި 25-17 އިން ހުރާ ޓީމު ކުރިހޯދާފައިވަނިކޮށް، ޕޮލިހުން ވަނީ ތިންވަނަ ސެޓުގައި 25-22 އިން ކުރިހޯދާފައެވެ. ނަމަވެސް، ދެން ކުޅެވުނު ހަތަރުވަނަ ސެޓުގައި ވާދަވެރި ކުޅުމަކަށްފަހު ހުރާ ޓީމުން ކާމިޔާބުކުރީ 25-23 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ، ހުރާ ޓީމުގެ ލަންކާ ކުޅުންތެރިޔާ، ތަރޫޝާ ވީރައްޕުލިގެ އެވެ.