ENGLISH

20 އޭޕްރީލު 2025

Advertisement

ރައީސްގެ އަމާޒަކީ ވެރިކަމުގެ ދެވަނަ ދައުރެއް ހޯއްދެއްވުމެއް ނޫން: މެމްބަރު އިބްރާހީމް ދީދީ

12 ޑިސެމްބަރު 2024

|

އާމިނަތު މައިހާ

އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ކޮލަމާފުށީ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: އެމްއެމް ޓީވީ

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ވެރިކަމުގެ ދެވަނަ ދައުރެއް ހޯއްދެއްވުމެއް ނޫންކަމަށް، ކޮލަމާފުށީ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ވިދާޅުވެއްޖެ އެވެ. 

އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމް ވާހަކަދައްކަވަމުން މެމްބަރު ވިދާޅުވީ ދިވެހިރާއްޖެ މިއޮތް ހާލަތުން އަރައިގަނެ، ރާއްޖޭގެ ރައްޔިތުންނަށް ހުރިހާ ގޮތަކުން މަންފާކުރާނެ، ފުދުންތެރި ގައުމަކަށް ހެދުމަށް މަސައްކަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ފުރަތަމަ އަމާޒުކަމަށެވެ.

"ކޮންމެ ވެރިއަކު ވެސް މި މަސައްކަތްކުރައްވާފައި މި އޮތީ އެބޭފުޅެއްގެ ދެވަނަ ދައުރަށް، ދިވެހިރާއްޖެއާ ނުބައްދަލު އެތައްކަމެއް ކޮށްގެން، ރާއްޖޭގެ ގާނޫނު އަސާސީއާ ޚިލާފު ވިޔަސް، އަދި ރާއްޖޭގެ ގާނޫނުތަކާ ޚިލާފު ވިޔަސް، ރާއްޖޭގެ ފައިސާ ވެސް ބޭނުންކުރީ ހުއްދައެއް ނެތް މިންވަރަށް. ރާއްޖޭގެ އަގުބޮޑެތި މުދާ ވެސް މޯގޭޖްކޮށް ހިތަށް އެރި ގޮތަކަށް މަސައްކަތްކުރައްވަމުން މި ގެންދަވަނީ ދެވަނަ ދައުރަކަށް،" ކުރީގެ ސަރުކާރުތަކަށް ނިސްބަތްކުރައްވާ މެމްބަރު ވިދާޅުވި އެވެ. 

މެމްބަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ޒުވާނުންނަކީ ޒިންމާދާރުކަމާއެކު ރާއްޖޭގެ މުސްތަގުބަލު ބިނާކުރަން ތިބޭ ބަޔަކަށް ހެދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މި ސަރުކާރުން އަޅާ ކަމަށެވެ. އެގޮތުން ސިނގިރޭޓާއި ވޭޕް މަނާކޮށް، މަސްތުވާތަކެތީގެ ގާނޫނުތަކަށް އިސްލާހުތައް ގެނެވުމަކީ މިކަމަށް އެޅުނު މުހިންމު ފިޔަވަޅުތަކެއްކަން ފާހަގަކުރެއްވި އެވެ. އަދި މިއީ ރާއްޖޭގެ ރައްޔިތުންނަށް ގެއްލުން ދިނުމަށް މި ސަރުކާރުން ކުރާ ކަމެއް ނޫންކަމަށް ވެސް ވިދާޅުވި އެވެ. 

"ޚާއްސަކޮށް ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ބިދޭސީންނާ ގުޅޭގޮތުން މި ހިނގާ ކަންތައްތައް. މިއިން ޒަމާނަކު ދިވެހި ރާއްޖޭގައި ނުކުރާކަމެއް މިއީ،" ބިދޭސީންގެ މައްސަލަތަކަށް ހައްލެއް ގެނުވީ ވެސް މި ސަރުކާރުން ކަމަށް ފާހަގަކުރައްވާ މެމްބަރު ވިދާޅުވި އެވެ.

ރަޢީސް ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތްކުރައްވަނީ މުޅި މުޖުތަމައާ މުޅި ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ކަން އެންގިވަޑައިގަންނަވާ ކަމަށް މެމްބަރު އިބްރާހީމް ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ހިޔާލު