ENGLISH
05 ޖުލައި 2025
ގޮނޑި ގެއްލޭ މެންބަރުންނަށް އެމްޑީޕީން އެހީވާނެ ކަމަށް ބުނާ އިރު މާޒީގައި ވަނީ ލަނޑު ދީފައި
12 ޑިސެމްބަރު 2024
|
ގޮނޑި ގެއްލުނު 12 މެންބަރުން
ގޮނޑި ގެއްލޭ މެންބަރުން ހޮވާން އެމްޑީޕީން އެހީވާން އިގްރާރުވުމުން އެތައް ހަނދާންތަކެއް އާވެ އެވެ. ދެހާސް އަށާރަ ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައުމަށް އެންމެ ބޮޑަށް އެހީތެރިވެދިން އެއް ބަޔަކަށް "މަޝްހޫރު 12 މެންބަރުން" ވާނެ އެވެ. އޭރު އޮތް ސަރުކާރު ބަލިކަށިކޮށްލައި، އެމްޑީޕީ އަށް ހިންދެމިލެވޭ ވަރުވީ އެ 12 މެންބަރުން ކުރި މަސައްކަތުންނެވެ.
އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގައި ސޮއިކުރި 12 މެމްބަރަކު މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި، ކަނޑައެޅުން ސުޕްރީމް ކޯޓުން އޮކްޓޯބަރު 30، 2018 ގައި ބާތިލްކޮށް، އެ 12 މެމްބަރުންނަށް ވެސް މަޖިލީހަށް ވަނުމުގެ ފުރުސަތު ލިބުމުން އެމްޑީޕީ އަށް ހީވީ މަޖިލީހުގައި އާ ދިރުމެއް ލިބުނުހެންނެވެ.
މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެންބަރުންގެ ސޮޔާ އެކު މަޖިލީހަށް ފޮނުވީ ޖުލައި 3، 2017 ގަ އެވެ. އެއީ އޭރުގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތަށް ވުރެ ވެސް ގިނަ އަދަދެއްގެ މެމްބަރުން ކަމަށްވާތީ، އެ މައްސަލަ މަޖިލީހަށް އެޖެންޑާ ކުރުމުގެ ކުރިން، އޭގެ ތެރެއިން ބައެއް މެންބަރުން މަޖިލީހުން ވަކި ކުރުމަށް އޭރުގެ ސަރުކާރުން ނިންމި އެވެ.
އެހެންކަމުން، މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުން ވަކިވާނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ދައުލަތުގެ ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އެވެ. ބަންޑާރަ ނައިބުގެ އެދުމަށް ޖުލައި 13، 2017 ގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމްގައި ބުނެފައިވަނީ، އެ ހުކުމް ނެރުނު ދުވަހުގެ ފަހުން، މަޖިލީހުގެ އެއްވެސް މެމްބަރަކު އެ މެންބަރަކު މަޖިލީހަށް އިންތިޚާބުވި ޕާޓީން އެއްވެސް ގޮތަކުން ވަކިވެގެން އެކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އެންގުމާ އެކު، އެ މެމްބަރަކު މަޖިލީހުގެ މެމްބަރުކަމުން ވަކިވީ ކަމަށެވެ.
އެ މެންބަރުން ޕާޓީން ވަކިކުރި ނަމަވެސް އެ މެންބަރުންގެ އިހްތިޖާޖުގެ ސަބަބުން އެމްޑީޕީ އަށް ވެސް ވަނީ އާ ދިރުމެއް ލިބިފައެވެ. އަދި ރިޔާސީ އިންތިޚާބުގެ ކުރިން ވަނީ އެ މެންބަރުން ކޮށްދިން މަސައްކަތުގެ އަގު ވަޒަންކޮށް 2019 ވަނަ އަހަރުގެ މަޖިލީހުން، އެ މެންބަރެއްގެ ދާއިރާ އިން ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭނެ ކަމަށް ވައުދުވެފައެވެ. ނަމަވެސް މަޖިލިސް އިންތިޚާބު ކައިރިވިއިރު އެ މެންބަރުންގެ މަތިން ހަނދާނެއް ނެތެވެ. ވަޢުދު ދިޔައީ ބިލާހަކަށް ވެގެންނެވެ. އެޖެންޑާ 19 އޭ ކިޔައިގެން ބޭއްވި އިންތިޚާބުން 12 މެންބަރުން ފޭލްކޮށްލީ އެވެ. އެމްޑީޕީ އަށް އެންމެ ބޭނުންވި ދަނޑިވަޅު އެހީވި 12 މެންބަރުން މަގުމަތިކޮށްލީ އެވެ.
އަނެއްކާ ވެސް އެމްޑީޕީން އެ ދަނީ އެފަދަ ރޭވުމެއްގެ ވާހަކައެވެ.
ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުން ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އިދިކޮޅު އެމްޑީޕީއާ ގުޅިގެން ގޮނޑި ގެއްލޭ މެންބަރުން އަލުން ހޮވަން ތާއީދުކޮށް އެކަމަށް މަސައްކަތް ކުރުމަށް އެއްބަސްވުމަށް އެމްޑީޕީން މިހާރު އެ ވަނީ އިގްރާރުވެފަ އެވެ. މަސްވެރިންގެ ދުވަހާ ދިމާކޮށް ބޭއްވި ޗޮކުން ދިޔަ ޖަލްސާގެ ކުރިން ގައުމީ މަޖިލީހުން ފާސްކުރި ގަރާރުގައި ބުނެފައި ވަނީ ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން އެއްވެސް ހާލަތެއްގައި އެ މެންބަރަކު ނިސްބަތްވާ ޕާޓީއަކުން ވަކިވެ، އެ މެންބަރަކު އެމްޑީޕީއާ ގުޅިއްޖެނަމަ، އެ މެންބަރަކު އަލުން ވާދަކުރާނަމަ، އިންތިޚާބު ކާމިޔާބުކޮށްދޭން އެ ޕާޓީން އެހީ ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން، އެމްޑީޕީިން އެ މެންބަރަކަށް ތާއީދުކުރުމަށާއި، އެ މެންބަރަކު އަލުން މަޖިލީހަށް އިންތިހާބުކުރުމަށް ގަރާރުގައި އެއްބަސްވެފައިވެ އެވެ. އެކަމަކު މާޒީން ދައްކުވައިދެނީ އެމްޑީޕީން މި ގޮތަށް އެއްބަސްވާ ކޮންމެ ޤަރާރެއް އާޚިރުގައި ބޭޤަރާރަކަށް ވެގެންދާތަނެވެ.
ކޢ ·