ENGLISH
18 މާރިޗު 2026
ލަރިޖާނީ އަވަހާރަކޮށްލުމަކުން އީރާނުގެ ސިޔާސީ ނިޒާމަކަށް ލޮޅުމެއް ނާންނާނެ: ޚާރިޖީ ވަޒީރު
18 މާރިޗު 2026
|
އީރާނުގެ ގައުމީ ސަލާމަތާ ބެހޭ ވެރިޔާ، ޢަލީ ލަރިޖާނީ
އެންމެ މަޤްބޫލު
އީރާނުގެ ގައުމީ ސަލާމަތާ ބެހޭ ވެރިޔާ، ޢަލީ ލަރިޖާނީ ޝަހީދުކޮށްލުމަކުން އީރާނުގެ ސިޔާސީ ނިޒާމަށް ކުޑަވެސް ލޮޅުމެއް ނާންނާނެކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެ އެވެ.
ފެބުރުއަރީމަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލު އިސްވެ އޮވެ އިރާނަށް ދޭންފެށި ހަމަލާތަކުގައި އީރާނުގެ ރޫޙާނީ ލީޑަރުގެ މަގާމުގައި އެއިރު ހުންނެވި އާޔަތުالله ޢަލީ ޚާމަނާއީއާއި އޭނާގެ އާއިލީ ބައެއް ބޭފުޅުން ވަނީ ޝަހީދުކޮށްލާފަ އެވެ. ލަރިޖާނީ ވެގެން ގޮސްފައި ވަނީ ޚާމަނާއީއަށް ފަހު ޝަހީދުކޮށްލި އީރާނުގެ ސަރުކާރުގެ އެންމެ އިސް ވެރިޔާއަށެވެ.
އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި އަރާގްޗީ ވިދާޅުވީ، އީރާނު ސަރުކާރަކީ ވަކި ފަރުދެއްގެ މައްޗަށް ބިނާވެފައި އޮތް ނިޒާމެއް ނޫންކަން އެމެރިކާއާއި އިސްރާއީލަށް އަދިވެސް ފަހުމް ނުވާ ކަމަށެވެ.
"އަހަރެންނަކަށް ނޭނގެ އެމެރިކާއާއި އިޒްރޭލަށް މިކަން ނުވިސްނިގެން މިއުޅެނީ ކީއްވެގެން ކަމެއް. އިރާނުގެ އިސްލާމީ ޖުމްހޫރިއްޔާ އަކީ ވަރުގަދަ ސިޔާސީ، އިގްތިސާދީ އަދި އިޖުތިމާއީ މުއައްސަސާތަކެއްގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ އޮނިގަނޑެއް މަތިގައި ގާއިމުވެފައި އޮތް ގައުމެއް." - އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ
އަރާގްޗީ އިތުރަށް ވިދާޅުވީ، ވަކި މީހަކު ހުރުމާއި ނެތުމަކުން އީރާނުގެ ދައުލަތުގެ ހިންގުމަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. ޝަހީދުވި ކޮންމެ މީހަކީވެސް އިރާނުގެ ވެރިމުގެ ނިޒާމުގައި މުހިންމު ދައުރެއް އަދާކުރި މިހެއް ނަމަވެސް އީރާނުގެ ސިޔާސީ ނިޒާމަކީ ވަރަށް ވަރުގަދަ ބިންގަލެއްގެ މަތީގައި އޮތް ނިޒާމެއްކަން ވަޒީރު ފާހަގަކުރެއްވި އެވެ.
"އަހަރެމެންގެ ރޫޚީ ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީއަކީ އެންމެ އިސް ލީޑަރު. އޭނާއަށްވުރެ މުހިންމު އެހެން މީހަކު އަހަރެމެންގެ ތެރެއަކު ނެތް. ޚާމަނާއީ ޝަހީދުވުމުން ވެސް ނިޒާމު މެދުނުކެނޑި ކުރިއަށް ގޮސް، ވަގުތުން އެ މަގާމަށް ބޭފުޅަކު އައްޔަންކުރެވުނު." - އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ
އަރާގްޗީ ވިދާޅުވި ގޮތުގައި، އެހެން ބޭފުޅަކު ޝަހީދުކޮށްލިޔަސް ކަން ހިނގާނީ ހަމަ އެފަދައިންނެވެ. އަދި ޚުދު އޭނާ ޝަހީދުކޮށްލި ކަމުގައިވިޔަސް، އެ މަގާމާ ހަވާލުވާނެ އެހެން ބޭފުޅަކު ހުންނާނެ ކަމަށް ވިދާޅުވި އެވެ.
ޚާމަނާއީ ޝަހީދުކޮށްލުމަށްފަހު ލަރިޖާނީއާއި އީރާނުގެ މިހާރުގެ ރޫޙީ ލީޑަރު މުޖްތަބާ ޚާމަނާއީ ޝަހީދުކޮށްލާނެކަމުގެ އިންޒާރު ޔަހޫދީން ދީފައިވެއެވެ. އާންމު ތަނެއްގައި ލަރިޖަނީ އެންމެ ފަހުން ފެނިފައި ވަނީ މާރިޗު މަހުގެ 13ވަނަ ދުވަހު އީރާނުގެ ވެރިރަށް ތެހެރާނުގައި ކުރިއަށް ގެންދިޔަ އަލް-ޤުދުސް އެއްވުމުގަ އެވެ. އެ އެއްވުމުގައި އޭނާއާއެކު އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.