ENGLISH
20 އޭޕްރީލު 2025
އަލިފާނުގެ ސަބަބުން، ގޯތީގެ ރަޖިސްޓްރީތައް އިޔާދަ ނުކުރެވުމުގެ ފުރުސަތު އެބައޮތް: ޑެޕިއުޓީ މޭޔަރ
12 ޑިސެމްބަރު 2024
|
ސަރުކާރުގެ އޮފީސްތަކުގައި މިއަދު ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް އެއްއެންޑީއެފް އިން ކުރަނީ-- ފޮޓޯ/އެމްއެމްޓީވީ
ސަރުކާރުގެ ތިން މިނިސްޓްރީއަކާއި މާލޭ ސިޓީ ކައުންސިލްގެ އޮފީހެއްް ހިންގާ އިމާރާތުގައި މިއަދު ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން، މާލޭގެ ބައެއް ގޯތިތަކުގެ ރަޖިސްޓްރީ ގެއްލުމުގެ ފުރުޞަތު އެބައޮތް ކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
އަލިފާނުގެ ހާދިސާ ހިނގަމުން ދިޔަ ސަރަހައްދުގައި ހުންނަވާ ނަރީޝް ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަންސް އޮފީހަކީ މާލޭގެ ގޯތިތަކުގެ ރެޖިސްޓްރީ އާއި އުފަންވުމާއި މަރުގެ ރެޖިސްޓްރޭޝަންތަކާއި ލިޔެކިޔުންތަކުގެ އިތުރުން ރަށްވެހިކަމާ ގުޅޭ ކަންކަން ބަލަހައްޓަމުން އަންނަ ތަނެއް ކަމަށެވެ.
"މިތާގެ އެއްވެސް އެއްޗަކަށް ގެއްލުން ލިބިއްޖެއްޔާ މާލޭގެ ރައްޔިތުންނަށް، މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުންނަށް ލިބިގެންދާ ވަރަށް ބޮޑު ގެއްލުމަކަށް ވެގެންދާނެ، ފޫނުބެއްދޭވަރުގެ ގެއްލުމަކަށް ވެގެންދާނެ، އިޔާދަކުރެވޭ ވަރަށްވުރެ ބޮޑު ގެއްލުމަކަށް ވެދެންދާނެ، ހާއްޞަކޮށް ގޭގެ ރަޖިސްޓްރި އެއް ގެއްލިއްޖެ ކަމަށްވަންޔާ އަލުން އިޔާދަ ކުރުމަކީ ކުރެވޭނެ ކަމެއްނޫން،" ނަރީޝް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ 1960 ވަނަ އަހަރުން ފެށިގެން މާލޭގައި އުފަންވި އެންމެންގެ ލިޔެކިޔުންތަކާއި ގެދޮރުގެ ރެޖިސްޓްރޭޝަންތައް އެތަނުގައި ހުންނާނެ ކަމަށެވެ. ނަރީޝް ވިދާޅުވި ގޮތުގައި، އުފަންދުވަހުގެ ރަޖިސްޓްރީ އާއި މިދިޔަ ފަސް އަހަރުގެ ގޯތިތަކުގެ ރަޖިސްޓްރީ ހުންނަނީ ޑިޖިޓަލްކޮށް ރައްކާކުރެވިފައެވެ.
ސިޓީ ކައުންސިލުގެ އޮފީހުގައި އަލިފާން ހިފުމުގެ ކުރިން، އެމްއެމްޑީއެފް އާއި ކައުންސިލުގެ މުވައްޒަކުން، ބައެއް ލިޔެކިތުންތަކާއި ފޮޓޯކޮޕީ މެޝިން ފަދަ ތަކެތި ސަލާމަތްކުރިއެވެ. އަލިފާނުގެ ސަބަބުން ލިބުނީ ކިހާވަރެއްގެ ގެއްލުމެއްކަމެއް އަދި ނޭނގެ އެވެ.
ނަރީޝް ވިދާޅުވި ގޮތުގައި އަލިފާހުގެ ހާދިސާ ހިނގި އޮފީހާއި ގުޅޭ ޚިދުމަތްތައް އަލުން ފެށުމަށް ވަގުތު ބޭނުންވާނެއެވެ. އަދި އެ އޮފީހުން ފޯރުކޮށްދޭ ލިޔުމެއް ހުށަހަޅައިގެން ހޯދަންޖެހޭ ޚިދުމަތްތައް ދިނުމުގައި ކަމާ ގުޅޭ އޮފީސްތަކުން އިންތިޒާމުތަކެއް ހަމަޖައްސައި ދިނުމަށް އޭނާ އިލްތިސާމް ކުރުއްވިއެވެ.
ސަރުކާރުގެ ތިން މިނިސްޓްރީއަކާއި މާލޭ ސިޓީ ކައުންސިލުގެ އޮފީހެއް ހިންގަމުން އަންނަ އިމާރާތްތަކުގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ބޮޑު ހާދިސާ ކޮންޓްރޯލް ކުރެވުނީ ހަތަރު ގަނޑިއިރު ފަހުންނެވެ.