ENGLISH

16 މާރިޗު 2026

Advertisement

ހުރަސްއެޅުންތަކާއެކު އައްޑޫ "އައްސޭރި ޓޫރިޒަމް" ޕްރޮޖެކްޓް ހުއްޓިފައި، ވަޒީރުގެ ކަންބޮޑުވުން

16 މާރިޗު 2026

|

އައިމިނަތު ޝަފާ

ވަޒީރު ތޯރިގް އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަންނަވަނީ. މަޝްރޫއުތަކަށް ހުރަސް އަޅާތީ ކަންބޮޑުވުން ފާޅުކުރެއްވި ފޮޓޯ؛ އެމްއެމްޓީވީ

ހުރަސްއެޅުންތަކާއެކު އައްޑޫ "އައްސޭރި ޓޫރިޒަމް" ޕްރޮޖެކްޓް ހުއްޓިފައި އޮތުމުގެ ކަންބޮޑުވުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ފާޅުކުރައްވައިފި އެވެ. 

ވަޒީރު މިފަދައިން ކަންބޮޑުވުން ފާޅުކުރެއްވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕޭނުގައި ކޮންގްރެސް ޕާޓީން މިއަދު ކުރިއަށްގެންދިޔަ މާފަންނު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން "އެމްއެމްޓީވީ"އަށް ދެއްވި ހާއްސަ ބަސްދީގަތުމުގެ ތެރެއިން ނެވެ. 

އިދިކޮޅު ކައުންސިލުތަކުގެ މެޖޯރިޓީ އޮންނަ ސަރަހައްދުތަކުގެ ތަރައްގީއަށް ސަރުކާރުން ކުރަމުން ގެންދާ ކަންކަމަށް ހުރަސްތައް ދިމާވަމުން އަންނަ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ވަޒީރު ވިދާޅުވީ ވުޒާރާއިން ކުރިއަށް ގެންދާ ބައެއް މަސައްކަތްތަކަށް ވެސް އެކަމުގެ ގޮންޖެހުންތައް ކުރިމަތިވަމުން އަންނަ ކަމަށެވެ. 

ފާހަގަކޮށްލަންޖެހޭ ގޮތުގައި މިވަގުތު ރާއްޖޭގެ ބޮޑެތި ސިޓީތަކުގެ މޭޔަރުގެ ގޮނޑި ކޮންޓްރޯލު ކުރަނީ ވާދަވެރި އެމްޑީޕީން ނެވެ. ރައްޔިތުންނަށް އޮޅުވާލުމުގެ ތެރެއިން އެމްޑީޕީން އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭ ކަންކަމަށް ވެސް ހުރަސްއަޅަންކަމަށް ވިދާޅުވެ، ވަޒީރު މިސާލެއްގެ ގޮތުގައި ނެންގެވީ ސަރުކާރުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "އައްސޭރި ޓޫރިޒަމް" ޕްރޮޖެކްޓުގެ މަސައްކަތެވެ. 

މަޝްރޫއަށް ބޭނުންވާ ބިން ސަރުކާރުން ހަމަޖައްސާފައިވާއިރު ބިން ވަކިކޮށްދިނުމަށް އެދި އެތައް ފަހަރަކު ކައުންސިލަށް ސިޓީ ފޮނުވިއްޖެކަމަށާއި ނަމަވެސް އަދިއަދަށް ވެސް ކައުންސިލުން އެކަން ކޮށްދީފައި ނުވާކަމަށް ވަޒީރު ވިދާޅުވި އެެވެ.

"މިހާރު ދެތިން ހަފްތާއެއް ވެގެން މި ދިޔައީ. ބިން ވަކި ނުކޮށްދިންތާ ޖަވާބެއްވެސް ނުދީ. މިކަހަލަ އުނދަގޫތައް މި އަންނަނީ. މިއީ ހަމަ ރައްޔިތުންނަށް ފަސޭހައަކަށް ކޮށްދެން ސަރުކާރުން އުޅޭ ކަމެއް. މިކަން ކުރަން ރައީސް ބިން ހަމަޖެއްސެވީމަ އެ ބިން ވަކި ނުކޮށްދީގެން މި އުޅެނީ އައްޑޫ ކައުންސިލުން. މިއީ ހަމަ ދިމާވާ ކަމެއް. ރައްޔިތުންނަށް ފައިދާއެއްވާނެ ކަމެއްގައި ވިއްޔާ އެމްޑީޕީން ހުރަސްއަޅާނެ. " - ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް

ވަޒީރު ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުތައް ކާމިޔާބުކުރަން އެމްޑީޕީން އެއްވެސް މަސައްކަތެއް ކުރަމުން އަންނަތަން ނުފެންނައިރު ހުރިހާ ކަމެއްވެސް ކުރަނީ ރައްޔިތުންނަށް އޮޅުވާލައި ސަރުކާރަށް ދުއްތުރާ ކުރަންކަމަށެވެ. 

"އައްސޭރި ޓޫރިޒަމް" ޕްރޮޖެކްޓް ހުއްޓިފައި އޮތުމުގެ ކަންބޮޑުވުން ވަޒީރު ފާޅުކުރެއްވިއިރު މި މަޝްރޫއުގެ ބައެއް ތަފްސީލުތައް ރިޔާސީ ކެމްޕޭނަށް އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ހިއްސާކުރެއްވި އެވެ.

އޭރު ރައީސް ވިދާޅުވީ އެއީ ސަރުކާރުން އައްޑޫގެ ޓޫރިޒަމަށް އިންވެސްޓުކޮށްގެން އައްޑޫގެ ޓޫރިޒަމް ފުޅާކުރުމުގެ ކޮންސެޕްޓެއް ކަމަށެވެ.

އައްސޭރި ޓޫރިޒަމް މަޝްރޫއުގެ ތެރެއިން 6،000 އެނދު އިތުރު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

ފަތުރުވެރިކަމުގެ އިތުރުން އެ ސަރަހައްދުގެ އިގްތިސާދީ ހަރަކާތްތައް ފުޅާ ކުރެވޭނެ ކަންކަން ވެސް ޕްލޭންގައި ވަނީ ހިމަނާފައެވެ. އެގޮތުން އައްޑޫގައި ކަލްޗަރަލް ވިލޭޖެއް ހެދުމާއި، ވެލްނެސް ޒޯނާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ފާހަގަކޮށް އެފަދަ ސަރަހައްދުތަކުން ޓޫރިޒަމްގެ ނަފާ ހޯދޭނެ ގޮތްތައް ވަނީ ހިމަނާފައެވެ. އަދި އައްޑޫގައި ހޮސްޕިޓާލިޓީ ސްކޫލެއް ހެދުމަށްވެސް ވަނީ ޕްލޭންކޮށްފައެވެ. މި ޕްލޭންގައި ޝަންގްރިލާ ވިލިނގިލި ރިސޯޓު އަލުން ހިދުމަތް ދޭން ފެށުމަށް ވަނީ ނިންމާފައެވެ.  

ކިޔުންތެރިންގެ ހިޔާލު