ENGLISH

11 އޭޕްރީލު 2025

Advertisement

ޔުވެންޓަސް އިން ސިޓީ ބަލިކޮށްފި

12 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ޔުވެންޓަސްގެ ވްލާހޮވިޗް (ވ) އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފަހު ހާފުގައި ޖެހި ދެ ލަނޑާއެކު މެންޗެސްޓަރ ސިޓީއަތުން 2-0 އިން ޔުވެންޓަސް މޮޅުވެއްޖެ އެވެ.

މިއީ ހުރިހާ މުބާރާތެއްގައި ސިޓީ އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން ބަލިވި ހަތްވަނަ މެޗެވެ. އޭގެތެރެއިން އެ ޓީމު މޮޅުވި އެންމެ މެޗަކުންނެވެ.

ޔުވެންޓަސްގެ އެލިއާންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ލީޑު ނެގީ 53 ވަނަ މިނެޓުގައި ސާބިއާ ފޯވާޑް، ޑޫސަން ވްލާހޮވިޗް ކާމިޔާބުކުރި ގޯލުންނެވެ.

އޭގެފަހުން، މެޗުގެ 75 ވަނަ މިނެޓުގައި ޔުވެންޓަސްގެ ދެވަނަ ލަނޑުޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެމެރިކާގެ މިޑްފީލްޑަރު، ވެސްޓަން މެކެނީ އެވެ.

މި ނަތީޖާއާއެކު ޔުވެންޓަސް ވަނީ 36 ޓީމު ހިމެނޭ ލީގު ފިޔަވަހީގެ ބުރުގެ 14 ވަނަ އަށް ޖެހިލައިފައެވެ. ޔުވެންޓަސް ކުޅުނު ހަ މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު، އެންމެ ކުރީގައި އުޅޭ ލިވަޕޫލްއާ އެ ޓީމާ ދެމެދު ހަތް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

މި މެޗުން ބަލިވި ސިޓީ އޮތީ 22 ވަނައިގައެވެ. އެ ޓީމު ކުޅުނު ހަ މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި އެތުލެޓިކޯ މެޑްރިޑުން ވަނީ 3-1 އިން ސްލޮވަން ބްރަޓިސްލާވާ ބަލިކޮށްފައެވެ. މި މެޗުގައި އެ ޓީމުގެ ފޯވާޑް، އެންޓޮއިން ގްރީޒްމަން ދެ ލަނޑުޖެހިއިރު، އަނެއް ލަނޑުޖަހައިދިނީ ހޫލިއަން އަލްވަރޭޒް އެވެ. ބްރަޓިސްލާވާގެ ހަމައެކަނި ލަނޑުޖަހައިދިނީ ޑޭވިޑް ސްޓްރެލެޗް އެވެ.

ކިޔުންތެރިންގެ ހިޔާލު