ENGLISH
14 މާރިޗު 2026
ދިވެހިރާއްޖޭގައި މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން – ޤާނޫނީ ޞައްޙަ ބަދަލެއް؟
14 މާރިޗު 2026
|
އިންތިޚާބެއްގައި މީހަކު ވޯޓުލަނީ. ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން އޭޕްރީލް 4 ވަނަ ދުވަހު އޮންނާނެ. ފޮޓޯ: އިލެކްޝަންސް ކޮމިޝަން
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުގައި މިދުވަސްވަރު އެންމެ ގަދައަށް ދައްކަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ދައްކާ ވާހަކަތަކެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 03 ޖަނަވަރީ 2026 ދުވަހުއެވެ. އެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 10 ފެބުރުވަރީ 2026 ދުވަހުއެވެ. މި ބިލަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށާއި، އެކަން އެމަގުން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ގުނުމުގެ އުޞޫލު އިޞްލާޙުކުރުމަށް، ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެކެވެ.
މި އިޞްލާޙާ ދެކޮޅު ފަރާތްތަކުން ގެންދަނީ މި އިޞްލާޙުގެ ޤާނޫނީ ޞައްޙަކަމާމެދު ސުވާލު އުފައްދަމުންނެވެ. އެހެންކަމުން، މި އިޞްލާޙާ ގުޅިގެން ނަގާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ކުރިން ރައްޔިތުން ކޮންމެހެންވެސް އެނގެން ބޭނުންވާނެ، އަދި ރައްޔިތުންނަށް ކޮންމެހެންވެސް އެނގެންޖެހޭ އެއްކަމަކީ މި އިޞްލާޙުގެ ޤާނޫނީ ޞައްޙަކެމެވެ. މި އިޞްލާޙަކީ ހަމަ ޙަޤީޤަތުގައިވެސް ޤާނޫނީ ހަމަތަކުގެ މަތިން ގެނެވޭ، ޤާނޫނީގޮތުން ޞައްޙަ އިޞްލާޙެއްތޯއެވެ؟ މި ސުވާލުގެ އެންމެ ކުރު ޖަވާބަކީ އާނއެކޭއެވެ.
މި ޖަވާބު ހުއްޖަތާއެކު ތަފްޞީލުކޮށް ބަޔާންކުރުމަށްޓަކައި މި ލިޔުމުގައި ހިމަނާނީ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ޤާނޫނުއަސާސީގައި ބަޔާންކުރާ ގޮތާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ޤާނޫނު ނަންބަރު: (15/2025) ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު އާއި އެކަމާގުޅޭ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތުތަކާއި، މިކަމާގުޅޭގޮތުން ޢަމަލުކޮށްފައިވާ ގޮތެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ހުށަހަޅައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް އަންނަނީ ތައްޔާރުވަމުން. ފޮޓޯ: މަޖިލިސް
ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރަނީ، ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ބަޔާންކުރާ މާއްދާ އިޞްލާޙުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރަންވާނީ އެ އިޞްލާޙެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއްގައި، އެ އިޞްލާޙެއް ގެނައުމަށް، ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމަކަމުގައެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ 5 ވަނަ މާއްދާއާއި 7 ވަނަ މާއްދާގައި ބަޔާންކުރަނީ، އެފަދަ އިޞްލާޙެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށްޓަކައި، އެ ޤާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނަގަން ރައީސުލްޖުމްހޫރިއްޔާ ނިންމާ އެކަން ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ސޮއިކޮށް ނެރޭ ޤަރާރަކުންކަމުގައެވެ.
ޤާނޫނުގައި އިތުރަށް ބަޔާންކޮށްފައި އޮތް އިޖުރާއަތުތަކަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރާއެކު އެ މައްސަލައާ އެއްކޮޅަށް ހުރި ހުއްޖަތުތަކުގެ މައްޗަށް އެކުލެވޭ މަޢުލޫމާތު ކަރުދާހެއް އޮންނަންވާނެއެވެ. އެ ޤަރާރުގައިވާ ގޮތުގެމަތިން ވޯޓު ނެގުމުގެ ކަންތައްތައް ކުރިއަށް ގެންގޮސްދިނުމަށް އެދި އެ ޤަރާރާއި، ޤަރާރާއެކު ހިމެނޭ މަޢުލޫމާތު ކަރުދާސް ހުށަހަޅަންޖެހެނީ އިލެކްޝަންސް ކޮމިޝަނަށެވެ.
އިލެކްޝަންސް ކޮމިޝަނަށް އެ ހުށަހެޅުން ހުށަހަޅާ ދުވަހުން ފެށިގެން ސަރުކާރު ބަންދުނޫން 5 ދުވަހުގެ ތެރޭގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ހުށަހެޅި ސުވާލުގެ ފުރިހަމަ ޢިބާރާތް އެ ކޮމިޝަނުން ޢާންމުކުރަންވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރާއެކު ހިމެނޭ މަޢުލޫމާތު ކަރުދާސް، ވޯޓު ނެގުމުގެ މަދުވެގެން 21 ދުވަސް ކުރިން އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރަންވާނެއެވެ. ވޯޓު ނެގުން ބާއްވާނެ ތާރީޚަކާއި، ވޯޓުލުން ކުރިއަށްދާނެ ގޮތަކާއި އަދި ވޯޓު ނެގުމާގުޅޭ އެންމެހައި ކަންކަން ނިންމާނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނާއި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައިވާ ގޮތުގެމަތިން އިލެކްޝަންސް ކޮމިޝަނުންނެވެ.
ޤާނޫނު ލާޒިމުކުރަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީޚާއި ވޯޓު ނަގާ ތާރީޚާ ދެމެދު މަދުވެގެން 45 ދުވަހުގެ، އަދި ގިނަވެގެން 90 ދުވަހުގެ މުއްދަތު އޮތުމަށެވެ އަދި ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު ޢާންމުކުރާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި، ވޯޓު ނެގުން ބާއްވާނެ ދުވަހެއް ޢާންމުކޮށް އަންގާ އިޢުލާންކުރުމަށެވެ.
މިކަމާ ގުޅޭގޮތުން ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރުމުގެ ކުރިން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް 16 ފެބުރުވަރީ 2026 ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުން ކަނޑައެޅިއެވެ. އެ ޤަރާރުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލާއި، ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސަބަބާއި، ވޯޓު ނެގުމަށް އެދި ހުށަހަޅާ މުއްދަތު ބަޔާންކޮށްފައި އެބައޮތެވެ. އަދި ޤަރާރާއެކު ހިމެނޭ މަޢުލޫމާތު ކަރުދާހުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލާއި، ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސަބަބާއި، އަދި އެ މައްސަލައާ އެއްކޮޅަށް ހުރި ހުއްޖަތުތައް ބަޔާންކޮށްފައި އެބައޮތެވެ. މި ޤަރާރާއި މަޢުލޫމާތު ކަރުދާހަކީ 16 ފެބުރުވަރީ 2026 ދުވަހު ގެޒެޓްކޮށްފައިވާ އެއްޗެއްސަށްވާތީ އޭގައި ހުރި ތަފްޞީލުތަކަކަށް ނުދާނަމެވެ.
އިންތިޚާބެއްގައި ވޯޓުލުމަށް އާއްމުން ސަފުހަދައިގެން. ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނަގާ ވޯޓުގައި، ރައްޔިތުންގެ ނިންމުމަކީ ޤާނޫނީ ޞައްޙަ ނިންމުމަކަށް ވާނެ. ފޮޓޯ: އިލެކްޝަންސް ކޮމިޝަން
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ކަނޑައަޅައި ރައީސުލްޖުމްހޫރިއްޔާ ނެރުނު ޤަރާރާއި، އެ ޤަރާރާއެކު ހިމެނޭ މަޢުލޫމާތު ކަރުދާހާއެކު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނަގައިދިނުމަށް އެދި ހުށަހަޅާ ހުށަހެޅުން އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާކަމަށް 17 ފެބުރުވަރީ 2026 ދުވަހު އެ ކޮމިޝަނުން ޢާންމުކޮށް އިޢުލާނުކޮށްފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރާއި، ސުވާލާއި، މަޢުލޫމާތު ކަރުދާސް އެ އިޢުލާނާއެކު ޢާންމުކޮށްފައިވެއެވެ. ހަމަ މިއާއެކު، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ބަޔާންކުރާ ސުވާލަށް ރައްޔިތުން ރުހޭތޯ ބެލުމަށް، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނަގާނީ 04 އެޕްރީލް 2026 ދުވަހުކަމަށްވެސް އެ ކޮމިޝަނުން 17 ފެބުރުވަރީ 2026 ދުވަހު އިޢުލާންކޮށްފައިވެއެވެ.
އާނއެކެވެ. ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ތަޞްދީޤުކުރުމުގެ ކުރިން އެ އިޞްލާޙު ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށްޓަކައި ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ބަޔާންކުރާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގޭނެއެވެ.
އެ ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ. އެ ޤަރާރުގައި ހިމަނަންޖެހޭކަމަށް ޤާނޫނުގައި ބަޔާންކުރާ 3 ކަންތައް އެ ޤަރާރުގައި ހިމަނާފައި އެބައޮތެވެ. އަދި އެ ޤަރާރާއެކު އޮންނަންވާނެކަމަށް ޤާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކުރާ މަޢުލޫމާތު ކަރުދާސްވެސް ޤަރާރާއެކު އޮތީ ހިމަނާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރާއި މަޢުލޫމާތު ކަރުދާސް ހިމެނޭގޮތަށް، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް އެދި ހުށަހަޅާ ހުށަހެޅުން އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާކަމަށް 17 ފެބުރުވަރީ 2026 ދުވަހު އެ ކޮމިޝަނުން އިޢުލާންކޮށްފައިވާތީ، އެއޮތީ ޤާނޫނުގެ 9 ވަނަ މާއްދާއާއި 13 ވަނަ މާއްދާގައި ބަޔާންކުރާގޮތަށް ޢަމަލުކޮށްފައެވެ. ހަމަމިއާއެކު ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލުގެ ފުރިހަމަ ޢިބާރާތާއި، މަޢުލޫމާތު ކަރުދާހާއި، ވޯޓު ނަގާނެ ތާރީޚު ހަމަ އެ ދުވަހު އެ ކޮމިޝަނުން އިޢުލާންކޮށްފައިވާތީ ޤާނޫނުގެ 15 ވަނަ މާއްދާއާއި 20 ވަނަ މާއްދާގައި ބަޔާންކުރާ ކަންތައްތައް އެއޮތީ ފުރިހަމަވެފައެވެ.
ކުރިންވެސް ބަޔާންކުރި ފަދައިން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ހުށަހެޅުން ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކުރީ 17 ފެބުރުވަރީ 2026 ދުވަހުއެވެ. އެ ކޮމިޝަނުން ވޯޓު ނެގުމަށް ކަނޑައެޅި ތާރީޚަކީ 04 އެޕްރީލް 2026 ދުވަހެވެ. މި ދެމެދުގައި އޮތީ 47 ދުވަހުގެ މުއްދަތެވެ. ވޯޓު ނެގުމަށް އެދި ހުށަހެޅި ދުވަހާއި ވޯޓު ނެގުމަށް ހަމަޖެއްސި ދުވަސް ނުލައި ގުނި ނަމަވެސް 45 ދުވަހުގެ މުއްދަތެއް އެބައޮތެވެ. އެހެންކަމުން ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތު އެބަ ފުރިހަމަވެއެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާ ގުޅިގެން ކެމްޕޭންކުރުމުގެ ޙައްޤަކީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ 26 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤެކެވެ. އަދި އެކަމާގުޅޭ ޢާންމު މަޢުލޫމާތު ޙިއްސާކޮށް ހޭލުންތެރިކަން އިތުރުކުރުމުގެ ޙަރަކާތްތައް ހިންގުމުގެ ޙައްޤު ސިޔާސީ ޕާޓީތަކަށާއި، ޖަމްޢިއްޔާތަކަށާއި، ޤާނޫނީ ޝަޚްޞުތަކަށާއި، ވަކިވަކި ފަރުދުންނަށްވެސް އެ މާއްދާއިންވަނީ ކަށަވަރުކޮށްދީފައެވެ. އެހެންކަމުން، ޤާނޫނު ހުއްދަކުރާ މުއްދަތުގެ ތެރޭގައި ބާއްވާ އިންތިޚާބަކާ ގުޅޭގޮތުން ކެމްޕޭންކުރުމަށް އެކަށީގެންވާ ވަގުތާއި ފުރުސަތު ނެތްކަމަށް ދެންނެވޭކަށެއްވެސް ނެތެވެ. އަދި ޖުމްލަގޮތެއްގައި މިއީ އަވަސް އަރުވާލައިގެން ޤާނޫނާ ޚިލާފަށް ނަގާ ވޯޓެއްކަމަށް ދެންނެވޭނެ ޤާނޫނީ ހަމައެއްވެސް ނެތެވެ.
ވީމާ، މި ހުރިހާކަމެއް މިގޮތަށް އޮތުމުން، ޤާނޫނުއަސާސީއަށް ގެންނަން އުޅޭ އިޞްލާޙާއި، އެ އިޞްލާޙަށް ރައްޔިތުން ރުހޭތޯ ބެލުމަށްޓަކައި ނަގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގައި، ޤާނޫނުއަސާސީއާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނާއި، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައި ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަވެއެވެ. އަދި މިއީ ހަމައެކަނި ޤާނޫނީ ހަމަތަކުގެ މަތިން ގެނެވޭ އިޞްލާޙެއް އެކަންޏެއްވެސް ނޫނެވެ. މިއީ ޑިމޮކްރަސީގެ އެންމެ ރިވެތި އުޞޫލާ އެއްގޮތަށް ރައްޔިތުންގެ ޚިޔާލު ހޯދައިގެން، ރައްޔިތުން މިބަދަލަށް ރުހި ޤަބޫލުނަމަ ގެނެވޭ ނިޒާމީ ބަދަލެކެވެ. މި ނިޒާމީ ބަދަލު ގެންނާނީތޯ ނުވަތަ ނޫންތޯ ނިންމާނީ ރައްޔިތުންނެވެ. މިބަދަލު ގެނައުމަށް ރައްޔިތުން ނިންމާ ޙާލަތެއްގައި، ރައްޔިތުންގެ ނިންމުމަކީ ޤާނޫނީ ޞައްޙަ ނިންމުމެކެވެ.
ނޯޓު: މި ލިޔުން ލިޔުއްވި ޢީނާ މޫސާ މަތީ ތައުލީމު ހާސިލް ކުރެއްވީ ޝަރީއަތާއި ގާނޫނުގެ ދާއިރާއިންނެވެ. ގާތްގަނޑަކަށް ހަތް އަހަރު ދުވަހު މަސައްކަތް ކުރެއްވީ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި ޕަބްލިކް ޕްރޮސިކިއުޓަރެއްގެ މަގާމުގަ އެވެ.