ENGLISH

14 މާރިޗު 2026

Advertisement

ފުރިހަމަ ލަވައަކުން މި ކިޔައިދެނީ ދެ އިންތިޚާބު "އެއް ދުވަހެއްގައި" ބޭއްވުމުގެ މުހިންމުކަން!

13 މާރިޗު 2026

|

އައިމިނަތު ޝަފާ

"އެއްދުވަހެއްގައި" މި ނަމުގައި ޕީއެންސީން އާއްމުކުރި ލަވައިގެ ސްކްރީން ޝޮޓެއް. ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ މުހިންމުކަން މި ލަވައިން ބުނެދޭ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ވޯޓު ދިނުމުގެ މުހިންމުކަން ހާމަކޮށް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން ރީތި ލަވައެއް އާއްމުކޮށްފި އެވެ.

"އެއް ދުވަހެއްގައި" މި ނަމުގައި އާއްމުކުރި ލަވައިގައި އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ އޮންނަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްދުވަހެއްގައި ބާއްވަން ވޯޓު ދިނުމަކީ ކިހާ މުހިންމު ކަމެއްކަން ބުނެދީފައިވެއެވެ. އަދި އިންތިހާބުގައި "ދޫންޏަށް" ވޯޓު ދިނުމަށް ވެސް ލަވައިގައި ހިމަނާފައިވެއެވެ. 

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންގެ ޖީބަށް ލުއިވެ، ދައުލަތުގެ ބައިތުލްމާލުން ގިނަ އަދަދެއްގެ ފައިސާ ސަލާމަތްކުރެވިގެންދާ ކަމަށާއި ވުމާއެކު މިއީ ހަރަދު ކުޑަ ގޮތެއްކަމަށް ލަވައިގައި ބުނެފައި ވެއެވެ. 

ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފައި، ވިސްނުންތެރިކަމާއެކީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެންނަ ކަމަށް ވޯޓު ދިނުމަށާއި ފަރުދީ ޒިންމާ އަދާކުރުމަށް އެ ލަވައިގައި ވަނީ ބުނެދީފަ އެވެ. ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކުރިއަރާފައިވާ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ވެސް ކުރަމުން އަންނަ ކަމެއްކަމަށް ވެސް ލަވައިގައި ވަނި ބުނެފަ އެވެ. 

ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ނުކުތް "ދޫނިތައް" ނުކުތީ ހެޔޮ ބަދަލެއް ގެންނަންކަމަށާއި ވުމާއެކު "ދޫންޏަށް" އެންމެހައި ދިވެހިން ވެސް ވޯޓު ދިނުމަށް ލަވައިގައި ވަނީ ގޮވާލާފަ އެވެ. 

ދެ އިންތިހާބުގެ ރެފަރެންޑަމްއާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން އަންނަނީ ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ފަތުރަމުންނެވެ. ނަމަވެސް އައު ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި ހިމެނިވަޑައިގެންނެވި މެމްބަރުންނާއި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުން އަންނަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް މިހާތަނަށް ރާއްޖޭގެ ގިނަ ސިޔާސީ ފަރާތްތަކުން ތާއީދުކުރައްވާއިރު އެކަމަށް ދެކޮޅު ހަދާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. 

ކިޔުންތެރިންގެ ހިޔާލު