ENGLISH

20 އޭޕްރީލު 2025

Advertisement

ވޯލްޑް ކަޕް ބޭއްވުމުގެ ފުރުޞަތު ސަޢުދީ އަރަބިއާއަށް ލިބުމާ ގުޅިގެން ރައީސްގެ ތަހުނިޔާ

12 ޑިސެމްބަރު 2024

|

އެމް އެމް

ދެހާސް ތިރީސް ހަތަރު ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބޭއްވުމުގެ ފުރުޞަތު ސަޢުދީ އަރަބިއާ އަށް ލިބުމާ ގުޅިގެން އެ ޤައުމުގެ ރަސްގެފާން ސަލްމާން ބިލް ޢަބްދުލް ޢަޒީޒް އާއި ވަލީ ޢަހުދު އަދި ދިފާޢީ ވަޒީރު މުޙައްމަދު ބިން ސަލްމާން އަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ވޯލްޑް ކަޕް ބިޑް ސަޢުދީން ކާމިޔާބުކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ކާމިޔާބީން ރަމްޒުކޮށްދެނީ ބައިނަލްއަގުވާމީ ދުނިޔޭގައި ސައުދީ އަރަބިއާގެ ލީޑަޝިޕަށް އޮތް މަގްބޫލް ކަމާއި އިތުބާރާ އަދި ޔަގީންކަން ކަމަށެވެ. އަދި މިއީ ހަމައެކަނި ސައުދީ އަރަބިއާ އަަށް ލިބުނު ކާމިޔާބީއެއް ނޫން ކަމަށާއި މިއީ މުޅި އަރަބި ދުނިޔެ އާއި އިސްލާމީ މުޖްތަމަޢަަށް ވެސް ލިބުނު ކާމިޔާބީއެއް ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސްގެ ތަހުނިޔާގެ މެސެޖް ނިންމަވާލައްވާފައި ވަނީ ސަޢުދީގައި ބާއްވާ ވޯލްޑް ކަޕަކީ ކުޅިވަރުގެ ނަމޫނާ މުބާރާތެއްގެ އިތުރުން ކުޅިވަރުގެ އެކުވެރިކަމާއި އެއްބައިވަންތަކަމާއި ސަގާފީ ގުޅުންތަކާ އަދި އާކަންކަން ފެނިގެންދާނެ މުބާރާތަކަށް ވާނެ ކަމަށް އުއްމީދު ކުރައްވަމުންނެވެ.

ފީފާ އިން މިއަދު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވޯލްޑް ކަޕް 2034 ގެ ބިޑް ސައުދީ އަށް ކާމިޔާބުވީ އިތުރު ޤައުމެއް އެ މުބާރާތް ބާއްވަން ހުށަހަޅާފައި ނުވާތީ އެވެ. ދެހާސް ތިރީސް ހަތަރު ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން އޭޝިއާ އާއި އޯޝޭނިއާ އަށް ފީފާ އިން ފުރުސަތު ދިން ނަމަވެސް އޮސްޓްރޭލިއާ އިން ހުށަހެޅި ބިޑް ފަހު ވަގުތު ވަނީ އަނބުރާ ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު