ENGLISH
12 މާރިޗު 2026
ދެ އިންތިހާބުގެ ރެފަރެންޑަމްގައި ދުސްތޫރާ ހިލާފު ކަމެއް ނެތް: ފަތުހީ
12 މާރިޗު 2026
|
އެމްއެމްޓީވީން ގެނެސްދޭ ދިވެހީންގެ ރާއްޖެ ޕްރޮގްރާމްގައި އުސްތާޒު ފަތުހީ ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ؛އެމްއެމްޓީވީ
އެންމެ މަޤްބޫލު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު އަންނަ އޭޕްރީލުމަހުގެ ހަތަރު ވަނަ ނަގާ ރެފަރެންޑަމްގައި ދުސްތޫރާ ހިލާފު ކަމެއް ނެތް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޒު މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެ އެވެ.
ދެ އިންތިހާބުގެ ރެފަރެންޑަމްއަށް ރައްޔިތުން ހޭލުތެރިކުރުމަށް އެމްއެމްޓީވީން ކުރިއަށް ގެންދާ "އާނއެކޭ" ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ފަތުހީ ވިދާޅުވީ ރާއްޖޭގެ ތަރީހަށް ބަލާއިރު ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ދުސްތޫރުގައި ކަނޑައެޅިފައި އޮތް މަގެއް ކަމަށެވެ.
"ފެހި ގާނޫނު އަސާސީއިން މި ބާރު ލިބިދޭއިރު އެކަން މާޒީގައި ނުކުރެއްވުމަކީ އަދި އެހެންކަމެއް." - ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޒު މޫސާ ފަތުހީ އާދަމް.
ގައުމުގެ ކަންކަން ނިންމުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ މަގު ފަހިކޮށް، މިފަދަ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ކުރެއްވި އެންމެ މުހިންމު ކަމަކީ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ގާނޫނެއް ވުޖޫދުކުރެއްވުން ކަމަށް ފަތުހީ ވިދާޅުވި އެވެ. އެ ގާނޫނު ވުޖޫދުވި ފަހުން އެ ގާނުނު ގޯސްކޮށްފައި ރާއްޖޭގެ އެއްވެސް ސިޔާސީ ބޭފުޅަކު ވާހަކަ ދައްކާފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ގާނުނު އަސާސީއަށް އަށް ވަނަ އިސްލާހު ގެނައުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފަތުހީ ވިދާޅުވީ މި އިސްލާހާ ވެސް ފާޅުގައި ދެކޮޅު ހައްދަވާ ބޭފުޅަކު ވާދަވެރިންގެ ތެރެއިން ނުފެންނަކަމަށެވެ. މި އިސްލާހުތަކަކީ ޣައިރު ދުސްތޫރީ އިސްލާހުތަކެކޭ ވާދަވެރިން ބުނަނީ ސިޔާސީ މަންފާއެއް ހާސިލުކުރުމަށް އެބޭފުޅުންނަށް ފެންނަ ނަޒަރިއްޔާތުތަކެއް އުފަންކުރުވައިގެން ވަކި މަގުސަދެއް ހާސިލުކުރުމަށް ކަމަށް ފަތުހީ ވިދާޅުވި އެވެ.
"ރާއްޖޭގެ ގާނޫނު އަސާސީގެ ކޮން މާއްދާއެއްގެ ކޮން އަކުރެއްތޯ އުނިވެގެން މި އުޅެނީ. ނުވަތަ ކޮބައިތޯ ހިލާފަކީ؟. ކޮބައިތޯ މީގައި އުނިވެގެންދާ ކަމަކީ؟. ކޮބާތޯ ޢިޖުރާއީ ގޮތުން ފުރިހަމަ ނުވާ ކަމަކީ؟. ބައެއް ބޭފުޅުންގެ ހިޔާލާ މިކަންކަން އެއްގޮތް ނުވުމަކީ ޣައިރު ދުސްތޫރި ވުމެއް ނޫން. ޣައިރު ޤާނޫނީ ވުމެއް ވެސް ނޫން. ގާނުނު އަސާސީއަށް ގެނެވުނު އަށް ބަނަ އިސްލާހާއި، ފެންނަ ނުފެންނަ ވޯޓު ނެގުމަށް އެކަށައެޅުނު ގަރާރަކީ ހަމަ ޔަގީނުންވެސް ގާނޫނީ ހަމަތަކުގެ މައްޗަށް ފެތޭ އަދި ދުސަތޫރީ ގޮތުން ބަލާނަމަ ރާއްޖޭގެ ގާނޫނުތައް ތަންދީފައި އޮތް ގޮތުގެ މަތިން ކުރެވިފައި އޮތް ކަމެއް. " - ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޒު މޫސާ ފަތުހީ އާދަމް.
ރާއްޖޭގެ ނިޒާމު އޮތް ގޮތުން ގާނޫނީ ގޮތުން މިކަމާ މެދު އެއްވެސް ކަންބޮޑުވުމެއް އޮތް ނަމަ ދާންޖެހޭ ތަންތަން ވެސް ގާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްދީފައި ވާކަމަށް ފަތުހީ ވިދާޅުވި އެވެ. ފަތުހީ ވިދާޅުވީ ގާނޫނީ ތަރަހައިގެ ތެރެއިން މައްސަލަތަކަށް ހައްލު ގެންނަން އުޅުމުގެ ބަދަލުގައި ޖަޒުބާތުގައި ޖެހި ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ބަހުސްގައި ވަކިކޮޅެއް ނަގައިގެން ވަކި ނަތީޖާއެއް ހާސިލުވާނެކަން ރައްޔިތުންނަށް ދެއްކުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.