ENGLISH
20 އޭޕްރީލު 2025
އެމްޑީޕީގެ ޖަލްސާގައި ކުރެވުނު ކަމަކީ ހިޔަންޏަށް މުޑިނެގުން
11 ޑިސެމްބަރު 2024
|
އެމްޑީޕީން ކަނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ދުރުދުރުގައި ގޮނޑި އަތުރާފައި
ސަރުކާރާއިމެދު ހިތްހަމަނުޖެހޭ އަދި ތާޢީދު ކުނުރާ ރައްޔިތުން ތިބޭނެކަމީ ޝައްކެތްއޮތް ކަމެއްނޫނެވެ. އެންމެ ފަހުން ބޭއްވި ބޮޑު ދެ އިންތިޙާބުން ވެސް ބޮޑުތަނުން ނާކާމިޔާބުވި ޕާޓީން، ރޭގައި ކަނިވާ ސަހަރައްދުގައި ބޭންވި ޖަލްސާއިން ފެނުނީ ކެޔޮގަނޑު ކަޑާލަފާނެކަމަށް ހީވެގެން އުޅުނުތަނާއި ހިޔައްޏަށް މުޑިނެގިތަނެވެ.
އެޖެންޑާގައި އެންމެ ކުރިއަށް ބޭއްވި އެމްޑީޕީ ޤައުމީ މަޖިލިސް ޖަލްސާގައި ދެ ކަމެއް ފާސްކުރި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނު އަސާސީ ގެނައި ބަދަލު، އިޔާދާކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް އަންގާ އަމުރުކުރުމަށް ޕެޓިޝަނެއްގައި ސޮއިކުރުމަށާއި ގޮނޑިގެއްލިގެން އެމްޑީޕީއާ ގުޅޭ މެންބަރުންނަށް އަލުން އެ ގޮނޑި ހޯދައިދިނުމަށް، އެ ޕާޓީގެ ފަރާތުން މަސައްކަތް ކޮށްދިނުމަށް ރޭގައި ޤަރާރެއް ފާސްކުރިއެވެ.
ތަފާތު އެކި ސްލޯގަންތައް ބޭނުންކޮށްގެން ރައްޔިތުން އަވާމެނދުރުގައި ޖައްސާ ޕާޓީގެ ޤައުމީ މަޖިލީހުން ރޭގައި ނިންނި ދެ ނިންމުންވެސް، މެންބަރުން ގުނބޯހައްދަނީކަން ވަރަށް ސާފެވެ.
އެމްޑީޕީ ގައުމީ މަޖިލިސް ޖަލްސާގައި، ޕެޓިޝަން ހަދަން ހުށަހެޅި އެ ޕާޓީގެ ގަލޮޅު އުތުރު ދާއިރާގެ ރައީސް މާރިޔާ އަހްމަދު ދީދީ އަށް ޤާނޫނު އަސާސީއަށް އިންސްލާހު ގެނައުމަކީ ރައީސުލްޖުމްހުރިއްޔާ ކުރައްވާ ކަމެއްނޫންކަން އެނގިވަޑައިނުގަތުމަކީ ބޮޑު ޖޯކެކެވެ. އަދި އެއްވެސް ހަމައަކު ބަލާއިރު، ޕެޓިޝަންހަދައި ރައީސް އަށް "އަމުރު"ކުރުމަކީ ކުރެވޭނެ ކަމެއްނޫނެވެ. މާރިޔާގެ ޕެޓިޝަނުގައި ލިޔެފައިވަނީ އެއީ "ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއަށް އަންގައި އަމުރުކުރަން" ސޮއިކުރާ ޕެޓިޝަނެއް ކަމަށެވެ.
ގާނޫނު އަސާސީއަށް ގެނައި ބަދަލާއި ގުޅިގެން، ރައްޔިތުންގެ ހައްޤުގައި ވަކާލާތުކޮށްގެން ނުވަތަ އެމްޑީޕީއަށް ސޮއިކުރުމުގެ ސަބަބުން ގޮނޑި ގެއްލިއްޖެ ނަމަ އެ މެންބަރަކު ތަމްސީލުކުރި ދާއިރާއަށް އަލުން އިންތިހާބު ކުރަން އެހީތެރިވުމަށް ޤަރާރު ހުށަހެޅީ އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ކޮލަމާފުށި ދާއިރާގެ ރައީސް މަހުފޫޒު ސަޢީދެވެ.
އެކަން ކުރަންޖެހޭ ސަބަބު ޖަލްސާގެ ބައިވެރިންނަށް ވިސްނައިދިނުމުގެ ގޮތުން މަހްފޫޒު ބުނީ، އެމްޑީޕީގެ އަގުލަބިއްޔަތު ނެތް ރައްޔިތުންގެ މަޖިލީހުގައި މިހާރު ކަންހިނގަމުންދާގޮތަށް ބަލާއިރު ސިފަވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކަންހިނގިގޮތް ކަމަށެވެ.
ކުރިން ވެދިޔަގޮތް އަލުންވެދާނެ ކަމަށްބަލައި، ހިޔަންޏަށް މުޑިނަގައިގެން ޤަރާރު ފާސްކުރުމުގެ ފަހަތުގައިވަނީ، އެއްވެސް އަސްލަކަށް ބިނާނުވެ، ސަރުކާރާ މެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމެވެ.
އިންސާފުވެރި ވަދާވެރި އިންތިޙާބެއްގައި ވަދަކޮށްގެން ސަރުކާރު ހިންގާ ޕާޓީން، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދުމަކީ، ތިމާގެ ޕާޓީގެ މެންބަރުންގެ އަޑު މަޑުވެގެން ޖަރުބާތުގައި ޖެހެންޖެހޭނެ ސަބަބެއް ވެސް ނޫނެވެ.
ރައްޔިތުންނަށް އެންމެ ގެއްލުންވާނެ ގޮތަށް އަށާރަވަނަ މަޖިލީހުން ނިންމި އެއްމެ ބޮޑު ކަމެއްގެ ގޮތުގައި މަހްފޫޒު ފާހަގަކުރީ ދިވެހިރާއްޖޭގެ ސަހަރައްދުން ބައެއް ވިއްކާލެވޭ ގޮތަށް ޤާނޫނޫ އަސާސީއަށް އޭރު ގެނައި އިސްލާހެވެ.
މި ސަރުކާރު ހަވާލުވިއިރު ޤާނޫނު އަސާސީ އޮތްގޮތުން، ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ މެންބަރުންގެ ވޯޓުން ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވިދާނެއެވެ. ސަރުކާރުގެ ސުޕަ މެޖޯރިޓީން ވަނީ ރާއްޖޭގެ އެންމެ އަކަ އިންޗިއަކަށްވެސް ބަދަލުގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި މެންބަރުންގެ ވޯޓެއް ނެގުމާއި އެކު، ރައްޔިތުންގެ ވޯޓެއް ވެސް ނަގައިގެންކަމަށް ޤާނޫނު އަސާސީއަށް އިޝްލާޙު ގެނެސްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެންލުމާމެދު، އެމްޑީޕީން މިހާރު ހިތްހަމަނުޖެހިގެން އުޅުނަސް، މެންބަރުން ވިފްލައިނާއި ހިލާފުވެގެން އެންމެ ފުރަތަމަ ފިޔަވަޅު އަޅަންފެށީ އެޕާޓީންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބުވެ ތަމްސީލުކުރައްވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނެއް ހަދަން ހުށަހެޅީވެސް އެމްޑީޕީންނެވެ. އަދި ރައީސް މުޢިއްޒު އެ ޤާނޫނު ތަސްދީގުނުކޮށް ލަސްކުރައްވަނީކަމަށް ބުނެ ހަލޭލެވީ ވެސް، އެޕާޓީގެ މެންބަރުންނެވެ.
ޤާނޫނު އަސާސީގެ ދިފާއުގައި ރައްޔިތުން މަގުމައްޗަށް ނުކުމެ، މުޅި ރާއްޖޭގައި ހަލަބޮލިކަން އުފަންދަން ގޮވާލައި ޤަރާރު ފާސްކުރި ހަމައެކަނި ސަބަބެއްކަމަށް ގޮޑިމަދު ޕާޓީން ބުނީ ގޮނޑިގެއްލުމުގެ މައްސަލައެވެ. މަސްވެރިންގެ ދުވަހާ ދިމާކޮށް، ސަރުކާރަށް ގޮވޭނެ ވަރަށް ގިނަ ވާހަކަ ހުންނާނެ ކަމަށް، ވޭޕްމަނާކުރީމަ ރުޅިއައިސް ތިބި ކުދިންކޮޅަކާއެކު، އެމްޑީޕީން ރޭގައި ކުޅުނީ ވެސް، ކުރިންވެސް އެޕާޓީން ކުޅޭ ކަހަލަ ޑްރާމާ އެކެވެ.