ENGLISH

11 މާރިޗު 2026

Advertisement

ވެރިކަމުގެ ނިޒާމު ހަރުދަނާކުރުން؛ ދެ އިންތިޚާބު އެކުގައި ބޭއްވުމާމެދު އޮތް ބަހުސް

11 މާރިޗު 2026

|

އަލީ ޝާމިލް

ދިވެހިރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވައިލީ، ދިވެހި ރައްޔިތުންނަށް ޒަމާނީ ޑިމޮކްރަސީއެއްގެ ފޮނިމީރުކަން ހޯދައިދޭށެވެ. ފެހި ގާނޫނުއަސާސީ އެކުލަވައިލުމަށްޓަކައި ރައްޔިތުންގެ ޚާއްސަ މަޖިލީހުން ކުރި މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ގިނަ ބަހުސްތަކެއް ކުރެވުނެވެ. މީގެ ތެރޭގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ކުރެވުނު މަސައްކަތް ހިމެނެއެވެ.

ޚާއްސަ މަޖިލީހުގައި މި ވިސްނުން އުފަންވީ، ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ކަނޑައެޅުމަށް ބޭއްވުނު ނިޒާމީ ވޯޓަށްފަހުގައެވެ.

ޚާއްސަ މަޖިލީހުގެ ތަޅުމަށް މި ހުށަހެޅުން އައީ، ރިޔާސީ ނިޒާމެއްގެ ދަށުން ސަރުކާރެއް ހިންގުމުގައި ހަމަޖެހުން ގާއިމުކުރުމަށާއި، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ބޭނުމުގައެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް މަސައްކަތް ކުރެވޭނެ ފަދަ މެޖޯރިޓީއެއް މަޖިލީހުގެ ތެރެއިން ލިބޭނެ ގޮތެއް ފަހިކޮށްދޭށެވެ.

އޭރުގެ ޚާއްސަ މަޖިލީހުގެ މެންބަރުން ކަމުގައިވާ އިބްރާހީމް އިސްމާޢީލް (އިބުރާ)، މުޙައްމަދު ނަޝީދު (ކާނަލް)، އަދި އަޙްމަދު ތަސްމީން ޢަލީއަކީ ވެސް މި ކަމާ އެއްކޮޅަށް ވަކާލާތު ކުރެއްވި ބޭފުޅުންނެވެ. އެ ބޭފުޅުން ހުށަހެޅުއްވި މައިގަނޑު ކަންކަމަކީ ދައުލަތުން އިންތިޚާބުތަކަށް ކުރާ ޚަރަދު ބޮޑުތަނުން ކުޑަކުރުމާއި، ސިޔާސީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި، ރައްޔިތުން ވެރިކަމަށް އިންތިޚާބުކުރާ ފަރާތަކަށް މަޖިލީހުގެ ތާއީދު އޮތްތޯ އެއްފަހަރާ ކަށަވަރުކުރުމެވެ. އަދި ގައުމު އަބަދު "އިންތިޚާބީ ފޯރިއެއްގައި" އޮތުމުގެ ބަދަލުގައި، ފަސް އަހަރުގެ ދައުރެއްގައި ހަމަޖެހިލައިގެން މަސައްކަތް ކުރުމުގެ ފުރުސަތު ވެސް އެއިރަކު އޮންނަ ސަރުކާރަކަށް ދިނުމެވެ.

މި ހުށަހެޅުމާ ދެކޮޅަށް ވަކާލާތު ކުރެއްވި ބޭފުޅުންގެ ތެރޭގައި އޭރުގެ ސަރުކާރަށް ތާއީދުކުރެއްވި ބައެއް މެންބަރުންނާއި ބައެއް މިނިވަން މެންބަރުން ހިމެނެއެވެ. އަދި އޭރުގެ ބައެއް ވަޒީރުންނާއި އިލްމީ ބޭފުޅުން ވެސް ހިމެނެއެވެ. އެ ބޭފުޅުން ދެއްކެވި ދަލީލުތަކަކީ، ދެ އިންތިޚާބު އެކުގައި ބޭއްވުމުން ވޯޓުލާ މީހާއަށް އޮޅުން އަރާނެ ކަމާއި، ވެރިކަމުގެ ބާރާއި، ގާނޫނު ހަދާ މަޖިލީހުގެ ބާރު އެއްބައެއްގެ އަތްމައްޗަށް ދިއުމުގެ ބިރުވެރިކަމުން ސަލާމަތް ހޯދުމެވެ. އެ ބޭފުޅުން ސިފަ ކުރެއްވީ، ރާއްޖޭގެ އިދާރީ އޮނިގަނޑު އޭރު އޮތް ގޮތުން އެއް ދުވަހެއްގައި ދެ އިންތިޚާބު މެނޭޖުކުރުމަކީ އުނދަގޫ ކަމެއްގެ ގޮތުގައެވެ.

ދެ އިންތިޚާބު އެކުގައި ބޭއްވުމަށް ކުރެވުނު މަސައްކަތް ހުއްޓުމަކަށް އައީ ގާނޫނުއަސާސީ އެކުލަވާލައި ނިންމަންޖެހޭ ސުންގަޑި ކައިރިވަމުން ދިއުމާއި، އޭރު އުފެދުނު ސިޔާސީ ނުތަނަވަސްކަމުގެ ތެރެއިންނެވެ. ޚާއްސަ މަޖިލީހުގެ ތެރޭގައި މިކަމަށް އެއްބަސްވުމަކަށް ނާދެވި ގިނަ ދުވަސްތަކެއްވުމަށްފަހު، އެންމެ ފަހުން ނިންމުނީ އޭރު އޮތް އިންތިގާލީ މަރުހަލާގައި އަވަހަށް އިންތިޚާބު ބޭއްވޭނެ ގޮތަކަށް ކަންކަން ތަރުތީބު ކުރުމަށެވެ. ނަތީޖާއެއްގެ ގޮތުން، ރިޔާސީ އިންތިޚާބު ބާއްވާ ތާރީޚާއި މަޖިލިސް އިންތިޚާބު ބާއްވާ ތާރީޚު ތަފާތުވާ ގޮތަށް ގާނޫނުއަސާސީގެ ދަށުން ކަނޑައެޅިގެން ދިޔައީއެވެ. މިއީ އޭރު އޮތް ސިޔާސީ މަސްލަހަތުތަކުގެ ސަބަބުންނާއި، އަވަހަށް ގާނޫނުއަސާސީ އެކުލަވާލައި ނިންމުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ދޫކޮށްލެވުނު މުހިންމު އިސްލާހެކެވެ.

ރިޔާސީ، އަދި މަޖިލިސް އިންތިޚާބު ބާއްވާނީ އެއްދުވަހެއްގައިތޯ، ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ބާރު މިއަދު ފުރޮޅިގެން އައިސްފައި މި އޮތީ ރައްޔިތުންގެ އަތް މައްޗަށެވެ.

ދުނިޔޭގެ ކުރިއަރާފައިވާ، އަދި ތަރައްގީވަމުން އަންނަ އެތައް ގައުމެއްގައި މި ދެ އިންތިޚާބު ބާއްވަނީ އެއް ދުވަހެއްގައެވެ. އިންޑޮނީޝިޔާ، ބްރެޒިލް، އެމެރިކާ، ފިލިޕީންސް، އާޖެންޓީނާ އަދި މެކްސިކޯއަކީ ވެސް މީގެ ތެރެއިން ބައެއް ގައުމުތަކެވެ.

ވޯޓުލާ މީހުންގެ ނިސްބަތް އިތުރުކުރުމާއި، ސިޔާސީ ހަލަބޮލިކަން ކުޑަކުރުމާއި، ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ތަރައްގީގެ ދުވެލި އަވަސްކުރުމަކީ، މި ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވާ ގައުމުތަކުން ހޯދާ ފައިދާތަކެވެ.

ދިވެހިރާއްޖެއަށް ބަލާއިރު، ނިސްބަތުން އެންމެ ގިނަ މީހުން ވޯޓުލަނީ ރިޔާސީ އިންތިޚާބުތަކުގައެވެ. މަޖިލިސް އިންތިޚާބުތަކުގައި ވޯޓުލާ މީހުންގެ އަދަދު މަދެވެ.

ރިޔާސީ އިންތިޚާބުތަކުގައި ވޯޓުލީ މީހުންގެ ނިސްބަތް

2008 – 87%

2013 - 86%

2018 - 88%

2023 - 87%

މަޖިލިސް އިންތިޚާބުތަކުގައި ވޯޓުލީ މީހުންގެ ނިސްބަތް

2009 - 78%

2014 - 77%

2019 - 81%

2024 - 76%

އިންތިޚާބުތަކުގެ ބޭނުމަކީ ވީހާ ވެސް ގިނަ ރައްޔިތުން އެދޭ ގޮތަށް މަގާމުތަކަށް މީހުން ހޮވުމެވެ. ކައިރިކައިރީގައި އިންތިޚާބުތައް ބާއްވަން ޖެހުމުން، ރައްޔިތުންގެ މެދުގައި ވޯޓާމެދު ފޫހިކަން އުފެދޭ ގޮތްވެއެވެ. އެއީ ފުލުފުލުގަައި ކެމްޕޭނުތައް ކުރުމާއި، ސިޔާސީ ހަލަބޮލިކަން އިތުރުވުމުގެ ނަތީޖާ ވެސްމެއެވެ.

އެކުގައި އިންތިޚާބުތައް ބާއްވާނަމަ، ގިނަ ރައްޔިތުންގެ ރުހުމާއެކު ވެރިން ހޮވުމުގެ ޒިންމާ އެއްދުވަހަކުން އަދާކޮށް ނިންމައިލެވުނީއެވެ.

ކިޔުންތެރިންގެ ހިޔާލު