ENGLISH
20 އޭޕްރީލު 2025
އެމްޑީޕީގެ ޖަލްސާއަށް ރައްޔިތުން "ރިއެކްޓު" ނުކުރި؛ ސިޔާސަތާއި ލީޑަރޝިޕް ފެއިލް
11 ޑިސެމްބަރު 2024
|
އެމްޑީޕީގެ ބައެއް ސަޕޯޓަރުން
ޤާނޫނު އަސާސީގެ ދިފާއުގައި ކާނިވާ ސަރަހައްދަށް ރޭގައި ރައްޔިތުން އެއްކޮށްގެން އެމްޑީޕީއިން ބޭއްވި ޖަލްސާއަށް ލިބުނީ ކުރި ބުރަ މަސައްކަތާ ބަލާއިރު ފިނި ތަރުހީބެކެވެ. ސޯޝަލް މީޑިއާގައި ވެސް ގިނަ މީހުން ވަނީ މިހާރު އެމްޑީޕީ އަކީ ނަމެއްގައި އޮތް ޕާޓީއެއް ކަމުގައި ސިފަކޮށް ފާޑުކިއާފައެވެ. ސަބަބުތަކެއްވެސް ނެތިއެއް ނޫނެވެ.
"120 މިލިއަން ރުފިޔާއިން ޤައުމު ދަރުވާލި ބައެއް ޕޯޑިއަމް އަށް އަރައިގެން ކޮން ވާހަކަ އެއްތޯ ދައްކަން އޮންނާނީ،" - އަލީ ރަޝީދު ފޭސްބުކްގައި ކޮމެންޓު ކޮށްފައި އޮތެވެ.
އެންމެ ގިނަ މީހުންގެ ފާޑުކިއުން އަމާޒު ވެގެން ދިޔައީ އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ)ގެ ސަރުކާރަށް ފާޑުކިޔައި ހަދާފައިވާ ލަވައެއް އެމަނިކުފާނު އަމިއްލަފުޅަށް ފޯޑިއަމްގައި ވިދާޅުވުމުންނެވެ.
"އަޅުގަނޑަށް ޒުވާނަކު ކިޔާފައި އޮތް ލަވައެއް ވަރަށް ބޮޑަށް ފާހަގަވި، އެ ރާގުގަ ކިޔޭތޯ ކޮންމެސް ވަރަކަށް ފަރިތަވެސް ކުރިން. އެކަމަކު އަޅުގަނޑަކީ ރާގު ހުންނަ މީހެއް ނޫން، އެހެންވީމާ ޅެން އަޅުގަނޑު ކިޔައިލާނަން" ރައީސް ޞާލިހް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ޅެމަކީ އެމްޑީޕީގެ ސަރުކާރަށް ފާޑު ކިޔައި، ސިމްބޮލިކް ރެކޯޑުގެ ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ކިޔާފައިވާ ލަވައެކެވެ. އެވަރުވެސް ކުރީގެ ރައީސް އިބުރާހިމް މުޙައްމަދު ޞާލިހުއަށް ވިސްނިވަޑައި ނުގެންނެވުމަކީ ހައިރާންވެ ލަދުގަންނަން ޖެހޭ ކަމެކެވެ.
"ދެން އެކަމަމު، އެވަރު ކަމެއް ކުރާއިރު ކައިރީގަ ތިބި މީހުންވެސް ބުނަލަން އެންމެ ރަނގަޅެއްނު،" އަލީ ހުމައިދު ފޭސްބުކްގައި ކޮމެންޓު ކޮށްފައިވެއެވެ. "ލަދުން ބޯހަލާކު."
ކުރީގެ ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތީ ވާނުވާ ބަންދު އުވާލާނެ ކަމުގެ ވައުދާ އެކުގަ އެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލިހުގެ ސުޕަމެޖޯރިޓީ ލިބި އޮވެމެ، ވެރިކަން ނިމި ދިޔައިރު ވެސް "ވާނުވާ" ބަންދުގެ މައްސަލައަށް ހައްލު ހޯއްދަވައި ދެއްވާފައެއް ނުވެ އެވެ.
އެމްޑީޕީގެ ހަރަކާތްތައް ކުރިން އޮތް ތާއީދު ފަނޑުވެ ނިވުނީ އެތައް ބައިވަރު ސަބަބުތަކަކާއި އެކުގައި ކަމަށް ބުނެ ރައްޔިތުން އަންނަނީ ކުރީ ސަރުކާރުން ގޯސްކޮށް ކޮށްފައިވާ ގިނަ ކަންކަމަށް ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. ކުރީ ސަރުކާރުގެ ލިޔެކިޔުންތަކާއި ހިސާބުތަކުން ފެންނަ ޙަޤީޤަތަކީ ރައީސް ޔާމީނުގެ ފަސް އަހަރު ނުކުރައްވާ މިންވަރަށް ރައީސް ޞާލިޙު ދަތުރު ކުރައްވާފައިވާ ކަމާއި އެ ދަތުރުފުޅުތަކުގެ ތެރެއިން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުތަކުން ހަމަޖެހުނު ކަމެއް ފިޔަވައި މާ ބޮޑު ކަމެއް އެހެން ދަތުރުފުޅުތަކުން ހަމަޖެހިފައި ނެތް ކަމެވެ.
އިބޫގެ ވެރިކަމުގެ ފުރަތަމަ އަހަރު ގިނަ އަދަދެއްގެ ކުންފުނިތަކަށް ބަދަލުގެ ގޮތުގައި އެތައް ބިލިއަން ރުފިޔާއެއްގެ ފައިސާ ބެހިއެވެ. އެއްވެސް އުސޫލެއް ނެތި ބަދަލު ދިނުމާ ގުޅޭ ގޮތުން ސެޓުލްމެންޓު ކޮމިޓީން ނިންމި ނިންމުން ތަކުގައި ރަށްތަކާއި ފަޅުތައް ދޫކުރުމުގެ އިތުރަށް އެކި ފަރާތްތަކުން ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާ ބާތިލުކޮށް ދައްކަން ނުޖެހޭ ގޮތް ހެދުން ވެގެން ދިޔައީ އަދިވެސް ރައްޔިތުން އެކަމަކާއި މެދު ނުރުހުން ފާޅުކުރާ ކަމަކަށެވެ. ދީބާޖާ އިންވެސްޓުމެންޓު ޕްރައިވެޓް ލިމިޓެޑަށް ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު އޮންނާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން އެ ކުންފުންޏަށް 64 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ކަނޑައެޅުމުން އެފަދަ ކަންކަން މިއަދު ރައްޔިތުން ހަނދާނުން ނައްތާ ނުލާނެ ކަމަށް ވެސް މީހުން ބުނެފައިވެއެވެ.
ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ދޫކުރުމުގެ އިތުރަށް ދައުލަތަށް އެކި ފަރާތްތަކުން ދައްކަންޖެހިފައި ހުރި ފައިސާވެސް މައާފު ކޮށްދީފައި ވެއެވެ. އެފަދައިން މައާފު ކޮށްދީފައިވާ ފައިސާ ހިމަނައިގެން ބަދަލުގެ ގޮތުގައި ދޫކުރި މިންވަރު ވަޒަންކޮށްފިނަމަ ޖުމްލަ 1 ބިލިއަން ރުފިޔާއަށްވުރެ އެތައް ގުނައެއް ބަދަލުގެ ގޮތުގައި ދިން އަދަދު އިތުރުވެއެވެ. ފަސް އަހަރުގެ ދައުރެއް، އާރާއި ބާރާއެކު ރައްޔިތުން ހަވާލު ކުރުމުން، ދިވެހި ދައުލަތުގެ ބަޖެޓު ދަރަނި 8 ބިލިއަން ރުފިޔާއަށް އަރައިފައި ވަނިކޮށް އެކަމަށް އެއްވެސް ވަރަކަށް ބަލާލުމެއް ނެތި އަދި އެދަރަނި ދެއްކޭނެ ގޮތެއް ހާމަނުކޮށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ގިނަ ނިންމުންތަކެއް ތަންފީޒުކުރުމަށް ނިންމައި އާ ވައުދުތަކެއް ވެވަޑައިގަނެފައެވެ.
ފައިސާ ޗާޕްކޮށްގެންވެސް 2018 ވަނަ އަހަރު ވެވަޑައިގެންނެވި ވައުދުތައް ވެސް އަދި ވަނީ ނުފުއްދިއެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ޕްލޭނެއް ނެތި ވޯޓު ހޯދުމުގެ މަގުސަދުގައި، ނުވަތަ ތިމާ ނުހޮވިއްޖެނަމަ ދެން އަންނަ ވެރިއަކަށް ޖެއްސުން ކުރުމުގެ ނިޔަތުގައި ނިންމާ މިފަދަ ނިންމުން ތަކަކީ އެއިރެއްގެ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރެއް ކަމަށް ދެކުނަސް އެއީ ގާނޫނު އަސާސީ އާ މުޅިން ޚިލާފް ކަމެކެވެ. އެހެންކަމުން އެމްޑީޕީން ރޭ ނިކުތީ ކޮން ޤާނޫނު އަސާސީއެއް ދިފާޢުކުރަންތޯ ސުވާލު އުފެދެއެވެ.
ޕޯޑިއަމްގައި ރައްޔިތުން ވޯޓު ދީގެން ހޮވާފައިވާ މިހާރުގެ ސަރުކާރު ވައްޓާލަން ނިކުތުމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ގޮވާލެއްވިއިރު އެބޭފުޅުންގެ ގާތް މީހާކަށް ރަހުމަތް ތެރިއަކަށްވެސް ހެއްދެވީ ސީރިއާގެ އަނިޔާވެރި އެތައް ލާއިންސާނީ އަމަލެއް ހިންގާފައިވާ ރައީސް ބައްޝާރެވެ.
"އިހަކަށް ދުވަހު ސީރިއާގައި ، އަޅުގަނޑުމެންގެ ރަޙްމަތްތެރި ބަޝާރު ވަކިކޮށްފި، ބޭރުކޮށްލައިފި،" މައުރޫފު މިގެން ވިދާޅުވުމުން، ނުބައި އަނިޔާވެރިން އެކުވެރިންގެ ގޮތުގައި ދެކެވޭ ބަޔަކަށް މިހާރަކު ތާއީދު ކުރާނެ ބަޔަކު ނޫޅޭނެ ކަމަށް ބުނެވެސް ގިނަބަޔަކު ފާޑުކިޔާފައިވެއެވެ.
"ތަނެއްގަ ނުބާ ޖައްބާރެއް ހުރިއްޔާ އެމްޑީޕީ ގެ އެކުވެރިއަކަށް ވާނެ ، އެހެންވެ މަ ލާދީނީ އޭ ކިޔަނީ " އައިޝަތު ހަފީޒާ ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަށް ކޮމެންޓް ކޮށްފައިވެއެވެ. ހަޤީގަތާއި ބޮޑުމަންޒަރު މިހާރު ވަރަށް ސާފެވެ. ރައްޔިތުން ނޫނެކޭ ބުނެ ގޮތް ނިންމައިފިއެވެ. ގެދޮރުވެރިން ، ޒުވާނުންނާއި މަސްވެރިން ހިމެނޭ ގޮތަށް ހުރިހާ ރައްޔިތުން މިހާރު އެމްޑީޕީއިން ދެތިން މީހުން އެއްކޮށްގެން ޖަހާ ސަކަރާތުގައި އަތްޖަހަން ތިބޭ ވަރަށް ވުރެން ވިސްނުން ތަނަވަހެވެ. ސަރުކާރުން ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކުރާ ވެރިކަމުގައި ޝާމިލްވެ ކުރިއަށް ދިއުމުގައި މާބިޒީއެވެ.ފައިސާ ޗާޕު ނުކޮށް މިސަރުކާރުން އިޤްތިޞާދީ އަނދަވަޅުން ރާއްޖެ އުފުލާލައި ތަރައްޤީގެ ދަތުރުގައި ރައްޔިތުން ތިބީ ކަމަރު ބާރަށް ބަނދެލައިގެންނެވެ.
އެމްޑީޕީން އުޅުނީ ސަރުކާރު ގުއިރޯނެއްގައި ޖައްސާށެވެ. އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގެންނެވިއެވެ. އެމްޑީޕީން ވިސްނައިގެން ތިބީ އެޕާޓީގެ އިސް ލީޑަރުން، ރޭގެ ޖަލްސާގެ ކުރިން ސަރުކާރުން ހައްޔަރުކުރާނެ ކަމަށެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާނެ ކަމަށް އެމީހުން ދެކުނު ނަމަވެސް ސަރުކާރުން އޮތީ ހުރިހާ މިނިވަން ކަމެއް ތައްމިނަށް ދޫކޮށްފައެވެ. ޖަލްސާ ބާއްވަން ކަނޑައަޅާފައިވާ ކާނިވާ ސަރަހައްދު ބަންދުކުރާނެކަމަށް ބުނެ، އެމްޑީޕީން އަޑު ފެތުރި ނަމަވެސް، އެއްވެ އުޅުމުގެ މިނިވަންކަން އޮތީ ހުޅުވާލާފައެވެ.
މިހުރިހާ ކަމަކުންވެސް ސަރުކާރަށް ލިބުނީ ކާމިޔާބެވެ. އަނިޔާވެރިކަމަށް ގޮވާލައި، އެމްޑީޕީން ބޭއްވި ޖަލްސާއިން ހާސިލްކުރަން ބޭނުންވި ސިޔާސީ މަންފާއެއް އެޕާޓީއަކަށް މިފަހަރަކު ނުހޯދުނެވެ. ރައްޔިތުންނާއި ޒުވާނުން އަދި މަސްވެރިންގެ ތާއީދު ނުލިބުމުގެ ސަބަބުންނެވެ.