ENGLISH
20 އޭޕްރީލު 2025
ވާނުވާގައި ބެހެއްޓި ލަވަކިޔުންތެރިޔާ އެމްޑީޕީގެ ސަރުކާރަށް ހެދި ލަވަ ވިދާޅުވެ ސޯލިހު ވެސް ވާނުވާގައި
11 ޑިސެމްބަރު 2024
|
އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ސޯލިހު ވާހަކަ ދައްކަވަނީ.
އެމްޑީޕީގެ ސަރުކާރުގައި ވާނުވާގައި ބެހެއްޓި ޒުވާން ލަވަކިޔުންތެރިއަކު އެ ސަރުކާރަށް ރައްދުވާ ގޮތަށް ކިޔާފައިވާ ލަވައެއް، އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި އިބްރާހިމް މުޙައްމަދު ސޯލިހު ވެސް ވާނުވާގައި ހުންނަަވައިގެން ވިދާޅުވެވިއްޖެ އެވެ.
އެމްޑީޕީން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާ އަށް ދިޔަ މީހުން އުއްމީދު ކުރި ކަހަލަ ވާހަކަތަކެއްގެ އަޑު ނީވި އެންމެ ފަހުން އިބްރާހިމް މުހައްމަދު ސޯލިހު ވެސް ޕޯޑިއަމަށް އަރުއްވާ އަމިއްލަ ނަފްސަށް މަލާމަތް ކުރި ފަދަ ވާހަކަތަކެއް ވަނީ ދައްކަވާފަ އެވެ. ވާހަކައިގެ ވަކި ހިސާބަކުން އުޅުއްވީ ލަވައެއް ވިދާޅުވާށެވެ. ޕޯޑިއަމަށް އަރުއްވާ ރާގުގައި ލަވަ ވިދާޅުވުމަށް ފަރިތަކުރެއްވި ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް އޮޅުމަކުން ނަމަވެސް ވިދާޅުވެވުނީ އެއީ ރާގު ހުންނަ ބޭފުޅެެއް ނޫން ކަމަށެވެ.
ސޯލިހު ވިދާޅުވީ އެ ލަވަ ވިދާޅުވާން ބޭނުންވީ މި ވަގުތުގެ ހާލަތާ ވަރަށް ބޮޑަށް ގުޅޭ ލަވައަކަށްވާތީ ކަމަށެވެ. ނަމަވެސް އެއީ ޒުވާން ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު ނުވަތަ މަޝްހޫރު ނަމުން ނަމަ ޕެސްޓް ސޯލިހުގެ ސަރުކާރަށް ނިސްބަތްކޮށް ކިޔާފައިވާ ލަވައެކެވެ. ސޯލިހުގެ ސަރުކާރުން އެ ޒުވާން ލަވަކިޔުންތެރިޔާ ބަންދުކުރީ ފެބްރުއަރީ 13، 2021 ގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް މާލޭގައި ހިންގި އޮޕަރޭޝަނެއްގަ އެވެ. އޭރު ވެރިކަމުގައި އޮތީ ސޯލިހުގެ ސަރުކާރެވެ. އެ ލަވާގައި ދައްކާ ހުރިހާ ވާހަކަތަކެއް ރައްދު ވަނީ ސޯލިހުގެ ސަރުކާރަށެވެ.
"މިދިޔަ ދުވަސްތަކުގައި ލިބުނު ހުސް ވަގުތުތަކުގައި ޒުވާނަކު ކިޔާފައިވާ ލަވައެއް އަޅުގަނޑަށް ވަރަށް ބޮޑަށް ފާހަގަކުރެވުނު. އެ ރާގުގައި ކިޔޭތޯ އަޅުގަނޑު ކޮންމެވެސް ވަރަކަށް ފަރިތަކުރިން. އަޅުގަނޑަކީ ރާގު ހުންނަ މީހެއް ނޫން ލަވަކިޔުމުގައި. އެހެންވީމާ އެ ޅެން އަޅުގަނޑު ކިޔާލާނަން. މި ވަގުތުގެ ހާލަތާ ވަރަށް ބޮޑަށް ގުޅޭ ލަވައަކަށްވާތީ. އެ ޒުވާނާ މި ބުނަނީ. ވެރިންގެ ވެރިކަން ތިން ބާރޯ، ޖަލު ކުޑަގޮޅި މިއީ މަގޭ އިންފާރޯ. ވެރިއެއް ވިއްޔާ ތިން ކާރޯ. މަށަށް ޖޫރިމަނާއާއި އިންޒާރޯ. ވެރިންނަށް ރައްޔިތުން ދިން ބާރޯ. ރައްޔިތުންނަށްވީ ހަމަ ގުދު ބިންދާށޯ،" ޕެސްޓުގެ ލަވައަށް އިޝާރާތް ކުރައްވައި ސޯލިހު ވިދާޅުވިއެވެ.
ލަވައިން ތަންކޮޅެއް ނަންގަވައި ސޯލިހު ދެން ވިދާޅުވީ ގައުމުގެ މާލިއްޔަތު ވެރިމީހާ ދަވާލިއަސް އެ ވާހަކަ ދެއްކެން ނެތް ކަމަށެވެ.
"މާލިއްޔަތު ކައި ހުސްކޮށްލިއަސް އެ ވާހަކަ ނެތޭ ދެއްކޭކަށް. އެވާނީ އަބުރަށް އަރައިގަތުމަށޭ. ދެން ގެންގޮސް ބަންދޭ މިކުރަނީ. ވަރަށް ރަނގަަޅަށް އަޅުގަނޑުމެން ކަނުލާ އަޑުއަހަން ޖެހޭ ޅެމެއް މި ޒުވާނާ ކިޔާފައި ވަނީ،" ސޯލިހު ވިދާޅުވިއެވެ.
އެކަމަކު ލަވާގައި މިކިޔަނީ އެމްޑީޕީގެ ވާހަކައެއް ކަމެއް ސޯލިހަކަށް ރޭކާނުލިއެވެ. ސޯލިހުގެ ވެރިކަން ނިމުނު އިރު ގައުމު އޮތީ ދަރާ ހުސްކޮށްފަ އެވެ. މިސަރުކާރު ހަވާލުވިއިރު 124 ބިލިއަން ރުފިޔާ އިން އޮތީ ގައުމު ދަރުވާލައިފައެވެ. މަސްވެރިންނަށް އެކަނިވެސް 250 މިލިއަން ރުފިޔާ ދޭން އޮތެވެ.
ދެ އަހަރާއި ހަ މަސް ވަންދެން ވާނުވާގައި ބެހެއްޓުމަށް ފަހު ޕެސްޓް ދޫކޮށްލީ އޮގަސްޓް 23، 2023 ގަ އެވެ. އޭރު ސޯލިހު ގެންދެވީ ރިޔާސީ އިންތިޚާބަށް ހޭބޯ ނާރުއްވައި ކުރެވުނުހާ ކަމެއް ކުރައްވަމުންނެވެ. ވާނުވާގައި ބެހެއްޓި ލަވަކިޔުންތެރިޔާ ދޫކޮށްލީ ވެސް އިންތިޚާބުގެ ތެރޭގައި ވާއެއް ނުވާއެއް ނޭނގިއެވެ. ރޭގެ ޖަލްސާގައި އެ ލަވަ ވިދާޅުވެވުނީ ތިމަންމަނިކުފާނަށް ރައްދުވާގޮތަށް ހަދާފައި އޮތް ލަވައެއްކަން އެނގިވަޑައިނުގެން ވާނުވާގައި ހުންނަވައިގެންނެވެ.