ENGLISH

20 އޭޕްރީލު 2025

Advertisement

އިންވެސްޓްމެންޓްތަކުގެ ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2024

|

އެމް އެމް

ދެ މިނިސްޓަރުންގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން.

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް، އޮމާންގެ ފިނޭންސް މިނިސްޓަރު ސުލްތާން ބިން ސާލިމް ބިން ސައީދު އަލް ހަބްސީ އާ ބައްދަލު ކުރައްވައި، އިންވެސްޓްމެންޓްތަކުގެ ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ހަލީލް އޮމާނަށް ވަޑައިގެންނެވީ އޮމާންގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރު ބިން ހަމަދު ބިން ހަމޫދު އަލްބުސައީދީގެ ދައުވަތަކަށެވެ.

ފޮރިން މިނިސްޓްރީން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ، ހަލީލް އޮމާންގެ ފިނޭންސް މިނިސްޓަރާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވެސް ވަނީ އިންވެސްޓްމަންޓްގެ ފުރުސަތުތަކާ އަދި ތަރައްގީގެ ސިޔާސަތުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ކަމަށެވެ.

އަދި ރާއްޖެ އާއި އޮމާން އާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓްރީން އިއްޔެ ވިދާޅުވެފައިވަނީ ހަލީލް އޮމާނަށް ކުރައްވާ 3 ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، އޮމާނުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި ތަފާތު ދާއިރާތަކުން ގުޅުން ބަދަހި ކުރުމުގެ ފުރުސަތުތައް ހޯއްދެވުމަށް އޮމާން ސަރުކާރުގެ އިސްވެރިންނާ މިނިސްޓަރު ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު