ENGLISH
10 އޭޕްރީލު 2025
އޭދަފުށީގެ އަޖުފާނަށް އެއްއަހަރުގެ ސަސްޕެންޝަނެއް
11 ޑިސެމްބަރު 2024
|
އޭދަފުށީގެ ކީޕަރު، އަޖުފާން. --ފޮޓޯ: މިހާރު
ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި ބ. އޭދަފުށީ ޓީމުގެ ގޯލު ބަލަހައްޓަމުން އަންނަ ކީޕަރު، އަލީ އަޖުފާން އަމްޖަދު އެއްއަހަރު ދުވަހަށް ސަސްޕެންޑްކޮށްފިއެވެ.
ގޯލްޑް ކަޕުގެ ޑިސިޕްލިނަރީ ކޮމިޓީން އަޖުފާން ސަސްޕެންޑްކުރަން ނިންމީ، މި މަހުގެ 9 ވަނަ ދުވަހު މާފުއްޓާ ދެކޮޅަށް ކުޅުނު މެޗުގައި ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.
އެ މެޗު ނިމެން ދަނިކޮށް، ކީޕަރު، އަޖުފާން ވަނީ ޕެނަލްޓީ އޭރިޔާ ބޭރުން މާފުށީގެ ކެޕްޓަން، އަހުމަދު އަބްދުއްސައްތާރަށް ނުރައްކާތެރި ފައުލެއް ކޮށްފައެވެ. މި ފައުލާ ގުޅިގެން ރެފްރީ ވަނީ އަޖުފާނަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ.
އަޖުފާންގެ ސަސްޕެންޝަނާ ގުޅޭގޮތުން، ގޯލްޑް ކަޕުގެ ޑިސިޕްލިނަރީ ކޮމިޓީން އޭދަފުށި ޓީމަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އަޖުފާން ކޮށްފައިވާ ފައުލަކީ "ވަޔަލެންޓް ކޮންޑަކްޓް" އަށް ފެތޭ އަމަލެއް ކަމަށެވެ.
މި ސަސްޕެންޝަނުގެ ސަބަބުން ނައިންޓީ ޕްލަސް އިން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި އެއްއަހަރު ވަންދެން އަޖުފާނަށް ބައިވެރިއެއް ނުވެވޭނެ އެވެ. އަދި، އެ ކުށުގެ އަދަބެއްގެ ގޮތުން އަޖުފާން ވަނީ 5،000ރ. އިން ޖޫރިމަނާކޮށްފައެވެ.
މީގެއިތުރުން، އެ މެޗުގައި މާފުށީގެ ސަޕޯޓަރުން ދަނޑަށް އެރުމުން، އެ ޓީމު ވެސް ވަނީ 3،000ރ. އިން ޖޫރިމަނާކޮށްފައެވެ.