ENGLISH

05 ޖުލައި 2025

Advertisement

އިންސާނީ ހައްޤުތައް ހިމާޔަތް ކުރެވޭނީ އިންސާނުންގެ ވިސްނުމާއި ފިކުރަށް ބަދަލު އައިސްގެން: ވަޒީރު ނާޒިމް

11 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

ހެލްތu މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް: ފޮޓޯ- ޕީއެސްއެމް

އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގައި ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލް ކުރެވޭނީ އިންސާނުންގެ ވިސްނުމާއި ފިކުރަށް ބަދަލު އައިސްގެން ކަމަށް ސިއްހަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަ ކުރުމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްއިން އައްޑޫ ސިޓީގައި ބޭއްވި ޖަލްސާ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ އިންސާނީ ހައްގުތައް ހިމާޔަތް ކުރެވޭނީ އިންސާނުންގެ ވިސްނުމާއި ފިކުރަށް ބަދަލު އައިސްގެން ކަމަށެވެ. 

ވަޒީރު ވިދާޅުވީ ދުނިޔޭގެ މި ނިޒާމުތަކަށް ބަދަލު ގެންނާނެ ފަދަ ކަންކަން ކުރަން ބޭނުންނަމަ އެ މުޖްތަމަޢުގައި އުޅޭ މީހުންގެ ވިސްނުމާއި ފިކުރު އެމަގުން ހިނގާނެ ގޮތަށް ބައްޓަން ކުރަން ޖެހޭ ކަމަށެވެ. އަދި އެކަން ނުކޮށް ކިތަންމެ ވަރަކަށް ޤާނޫނު ހަދައިގެން އޮބި އަޅައިގެން މީހުން ހިފަހައްޓާ ހައްޔަރުކޮށްގެން މިފަދަ ކަންކަން ހާސިލް ނުވާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. މިއާއެކު ވަޒީރު ނާޒިމް ވިދާޅުވީ ފަރުދުންގެ ހައްޤުތަކަށް އިޙުތިރާމްކުރާ ފަދައިން ދައުލަތުގެ ހައްޤުތަކަށް ވެސް އިޙްތިރާމް ކުރަން ޖެހޭ ކަމަށެވެ.  

"މީހުންގެ ވިސްނުމާ ފިކުރަށް ބަދަލު އައިސްގެން މެނުވީ އަޅުގަނޑުމެނަށް މިފަދަ ކަންކަމުގައި ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލެއް ނުކުރެވޭނެ. ވަކި ވަކި ރައިޓްސްއަށް އިހްތިރާމްކުރާ ފަދައިން މުޅި ދައުލަތް ދައުލަތުގެ ގޮތުގައި އެ އޮތް ރައިޓްސްތަކަށް ވެސް އިހްތިރާމްކޮށްގެން މެނުވީ މި ނިޒާމް އަޅުގަނޑުމެނަކަށް ނުދެމެހެއްޓޭނެ." - ވަޒީރު ނާޒިމް 

މި ޖަލްސާގައި ވަޒީރު ނާޒިމް ވަނީ ކުރީގެ ރައީސް މުހައްމަދު އަމީން އަވަހާރަކޮށްލި ގޮތަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާ މެދު އަމަލު ކުރުމަށް ސިޔާސީ ޕާޓީއަކުން ފާޅުގައި ގޮވާލާފައިވާތީ އެކަން ކުށްވެރިކުރައްވާފައެވެ. ވަޒީރު ވިދާޅުވީ ސިޔާސީ ޕާޓީގެ މަސައްކަތްތައް ހަމަ މަގުން ނުގެންދެވޭ ކަމަށްވާނަމަ އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ކުރާ މަސައްކަތް ވާނީ ފޫނެއް ފަޔަށް ފެންފުރުން ކަހަލަ ކަމަކަށްކަމަށެވެ.

މީގެ އިތުރުން، ޔުނިވާރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގައި ވާގޮތުން އިންސާނީ ޙައްޤުތައް ކަށަވަރު ކުރުމަކީ ވަކި މީހެއްގެ ކުލައަކަށް، ދީނަކަށް، ޖިންސަކަށް، ވަހަކަ ދައްކާ ބަހުރުވައަކަށް، ސިޔާސީ ފިކުރަކަށް، ލިބިފައިވާ މުދަލަކަށް، މުޖުތަމަޢުގައި ލިބިފައިވާ ދަރަޖައަކަށް ނުވަތަ ޤަބޫލުކުރާ ޤަބޫލުކުރުމަކަށް ބެލުމެއްނެތި ހުރިހާ އެންމެންނަށް އެއް ހަމައެއްގައި އިންސާނީ ހައްޤުތައް ލިބުން ކަމަށް ވެސް ވަޒީރު ފާހަގަ ކުރެއްވެވިއެވެ.

ރާއްޖެއިން ދަތިތަކާއެކު ވެސް އިންސާނީ ހައްގުތަކުގެ ތެރެއިން ބައެއް ކަންކަން ހާސިލް ކުރެވިފައިވާކަމަށާއި ދިވެހިރާއްޖޭގައި ބޭސްފަރުވާކުރުމުގެ ހައްގާއި ތަޢުލީމު ލިބިގަތުމުގެ ހައްގުތަކުގައި ކުރިއެރުންތައް ހޯދަމުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު