ENGLISH
10 އޭޕްރީލު 2025
ޖިރޯނާ ބަލިކޮށް ލިވަޕޫލް ނޮކްއައުޓް ބުރަށް ދިއުމާ ގާތަށް
11 ޑިސެމްބަރު 2024
|
ޖިރޯނާ ކޮޅަށް ލަނޑުޖެހުމަށް ފަހު ސަލާހު އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ޖިރޯނާ 0-1 އިން ބަލިކޮށް، ލިވަޕޫލުން ނޮކްއައުޓް ބުރަށް ދިއުމާ ގާތަށް ޖެހިލައިފިއެވެ.
މިއީ މި ފަހަރުގެ މުބާރާތުގައި ޖިރޯނާ ބަލިވި ފަސްވަނަ ފަހަރެވެ. އަނެއްކޮޅުން، މިއީ މި އަހަރުގެ މުބާރާތުގައި ލިވަޕޫލުން މޮޅުވި ހަވަނަ މެޗެވެ. މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ލީގު ފިޔަވަހީގެ ބުރުގައި ކުޅުނު ހަ މެޗު ކާމިޔާބުކޮށްފައިވާ ހަމައެކަނި ޓީމަކީ ވެސް ލިވަޕޫލެވެ.
ޖިރޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލިވަޕޫލްގެ މިސްރު ފޯވާޑް، މުޙައްމަދު ސަލާހު އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ ކޮލަމްބިއާ ވިންގް، ލުއިސް ޑިއާޒަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ސަލާހު ކާމިޔާބުކުރި ގޯލެކެވެ.
މި މެޗުގެ ކުރީކޮޅު، ލިވަޕޫލަށް ލީޑު ނަގައިދޭން ޖޯ ގޯމޭޒް އާއި ޑާވިން ނޫނޭޒް ފޮނުވާލި ހަމަލާތައް ޖިރޯނާގެ ކީޕަރު، ޕައުލޯ ގަޒާނިގާ ވަނީ މަތަކޮށްފައެވެ. އޭގެފަހުން، ފަހު ހާފުގައި ނޫނޭޒް ފޮނުވާލި ބޯޅައެއް ވެސް ގަޒާނިގާ ވަނީ ހުއްޓުވައިފައެވެ.
ލެވަކޫސަންއާ އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ<br>
ދުވަސްތަކަކަށްފަހު، އަނިޔާއިން އެނބުރިއައިސް މި މެޗުގައި ކުޅުނު ލިވަޕޫލްގެ ކީޕަރު، އެލިސަން ބެކާ ވަނީ ޖިރޯނާގެ ކުޅުންތެރިން ފޮނުވާލި ނުރައްކާތެރި ބޯޅަތަކެއް ހުއްޓުވައިފައެވެ.
ރޭގެ ނަތީޖާއާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ ހަ މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. މި މެޗުން ބަލިވި ޖިރޯނާ އޮތީ ތިން ޕޮއިންޓާއެކު 30 ވަނައިގައެވެ.
މި މުބާރާތުގައި ރޭ ކުޅުނު މެޗުގައި އިންޓަ މިލާން ވަނީ ރަށުން ބޭރުގައި 0-1 އިން ބަޔާ ލެވަކޫސަން އަތުން ބަލިވެފައެވެ. މި މެޗުގައި ލެވަކޫސަން މޮޅުވި ލަނޑު، 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނޯޑީ މުކިއޭލޭ އެވެ. މި މެޗުން ހޯދި މޮޅާއެކު ލެވަކޫސަން ވަނީ ހަ މެޗުން 13 ޕޮއިންޓް ހަމަކޮށް، ދެވަނަ އަށް ޖެހިލައިފައެވެ.