ENGLISH
10 އޭޕްރީލު 2025
އެމްބާޕޭގެ ގޯލާއެކު އެޓަލާންޓާ އަތުން ރެއާލަށް މުހިއްމު މޮޅެއް
11 ޑިސެމްބަރު 2024
|
އެޓަލާންޓާ ކޮޅަށް ލަނޑުޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ
ފްރާންސްގެ ފޯވާޑް، ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ގޯލާއެކު އެޓަލާންޓާ އަތުން 3-2 އިން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.
މިއީ ޗެމްޕިއަންސް ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވި ދެވަނަ ފަހަރެވެ. އަނެއް ތިން މެޗުން ވަނީ ބަލިވެފައެވެ. އޭގެތެރޭގައި އަމިއްލަ ދަނޑުގައި އޭސީ މިލާން އަތުން 3-1 އިން ބަލިވި މެޗު ހިމެނެއެވެ.
މި ނަތީޖާއާއެކު އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް ވަނީ 36 ޓީމު ހިމެނޭ ލީގު ފިޔަވަހީގެ ބުރުގެ 18 ވަނަ އަށް ޖެހިލައިފައެވެ. ރެއާލަށް ހަ މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. އެޓަލާންޓާ އޮތީ ހަ މެޗުން ލިބުނު 11 ޕޮއިންޓާއެކު ނުވަ ވަނައިގައެވެ.
އެޓަލާންޓާގެ ދަނޑުގައި ރޭ ކުޅުނު މި މެޗު ފެށިގެން 10 ވަނަ މިނެޓުގައި ލީޑު ނެގީ ވެސް ރެއާލުންނެވެ. ބްރާހިމް ޑިއާޒް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެމްބާޕޭ އެވެ. މިއީ ރެއާލަށް އޭނާ ޖަހައިދިން 10 ވަނަ ގޯލެވެ. އަދި ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި 50 ވަނަ ގޯލު ވެސް މެއެވެ.
ފުރަތަމަ ހާފު ނިމެންދަނިކޮށް، އެމްބާޕޭ އަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ. އެމްބާޕޭގެ ބަދަލުގައި ކުޅެން ނުކުތީ ބްރެޒިލްގެ ވިންގް، ރޮޑްރީގޯ އެވެ.
އެޓަލާންޓާ ކޮޅަށް ލަނޑުޖެހުމަށްފަހު ބެލިންހަމް އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ
އެޓަލާންޓާ އިން އެއްވަރުކުރި ލަނޑު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޗާލްސް ޑެ ކެޓެލާރެ އެވެ.
ރެއާލުން ވަނީ ދެވަނަ ހާފުގެ ކުޅުމުގެ ތިން މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހައިފައެވެ. އެގޮތުން، އެ ޓީމުން އަލުން ލީޑު ނެގީ 56 ވަނަ މިނެޓުގައި ވިނީޝިއުސް ޖޫނިއާ ކާމިޔާބުކުރި ގޯލުންނެވެ. އަދި، އޭގެ ތިން މިނެޓު ފަހުން، ވިނީޝިއުސް ދިން ބޯޅައަކުން ޖޫޑް ބެލިންހަމް ވަނީ ނަތީޖާ 3-1 އަށް ބަދަލުކޮށްފައެވެ.
މި މެޗުގައި އެޓަލާންޓާ އިން ޖެހި ދެވަނަ ލަނޑު، 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ނައިޖީރިއާ ފޯވާޑް، އަޑެމޯލާ ލުކްމަން އެވެ. މިއީ އެ ޓީމަށް އޭނާ ޖަހައިދިން 11 ވަނަ ގޯލެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ރަށުން ބޭރުގައި އޮސްޓްރިއާގެ އާރްބީ ސަލްޒްބާގް އަތުން 3-0 އިން ޕީއެސްޖީ ވަނީ މޮޅުވެފައެވެ. ޖަރުމަނުގެ އާރްބީ ލީޕްޒިގުގެ ދަނޑުގައި އެ ޓީމު އަތުން އެސްޓަން ވިލާ މޮޅުވީ 3-2 އިންނެވެ.