ENGLISH

05 ޖުލައި 2025

Advertisement

ކޮޕީ ރައިޓްސްގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި

10 ޑިސެމްބަރު 2024

|

އެމް އެމް

ރައީސުލްޖުމްޖޫރިއްޔާ ބިލު ތަސްދީގު ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އެ ބިލަކީ މިދިޔަ ޖުލައި މަހުގެ 1 ވަނަ ދުވަހު ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ހުށަހެޅުއްވި ބިލެކެވެ. އެ ބިލު ފާސްކޮށްފައިވަނީ މި މަހުގެ 2 ވަނަ ދުވަހު އެވެ.

އެ އިސްލާހު ގެނައުމުގެ މަގުސަދަކީ ކޮޕީރައިޓުގެ ހިމާޔަތް ލިބިދޭ އުފެއްދުންތަކާއި ކޮޕީރައިޓާ ގުޅޭ އެނޫން ވެސް ހައްގުތަކާ ގުޅޭ ކަންކަން އިތުރަށް ތަފްސީލުކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ އިސްތިސްނާ އާއި ވިޔަފާރި ފައިދާ ނުލިބޭ ގޮތަށް ދިރާސާ ކުރުމުގެ ބޭނުމަށް ލިބިދޭ އިސްތިސްނާ ހިމެނޭ ގޮތުން ކޮޕީ ރައިޓަޑް އުފެއްދުންތައް ނަކަލު ކުރެވޭނެ ނުވަތަ ބޭނުން ކުރެވޭނެ އިތުރު ހާލަތްތައް ކަނޑައެޅުމެވެ.

އޭގެ އިތުރުން ކޮޕީރައިޓްގެ ހައްގުތަކަށް ހިމާޔަތް ލިބިދެވޭ މުއްދަތު 50 އަހަރުން 70 އަހަރަށް އިތުރު ކުރުމާއި އެ ހައްގުތައް ކަށަވަރު ކުރުމުގަ އާއި އެނޫން ވެސް ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ބައެއް ދަތިތައް ހައްލު ކުރުމަކީ ވެސް އެ އިސްލާހުގެ މަގުސަދެކެވެ.

އެ އިސްލާހަށް އަމަލު ކުރަން ފެށުމުން ރާއްޖޭގެ ސަރަހައްދުގައި އުފައްދާ އަދަބީ އަދި ފަންނާނީ އުފެއްދުންތަކާއި ޕާފޯމަންސްތަކާއި އަޑުގެ ރިކޯޑިންތަކާއި ބްރޯޑްކާސްޓްތައް ހިމާޔަތް ކުރެވޭނެ އެވެ.

އެ ގާނޫނުގެ ދަށުން އުފެއްދުމެއް ހިމާޔަތް ކުރެވޭނީ އެ އުފެއްދުމެއް ހުށަހަޅައިދޭ ގޮތް ނުވަތަ އުފެއްދުމެއްގައި ހިމެނޭ އެއްޗެއްގެ ސަބަބުން ނުވަތަ އެ އެއްޗެއްގެ ފެންވަރަށް ނުވަތަ މަގްސަދަށް ބަލައިގެން ނޫން ކަމަށާއި އުފެއްދުމެއް އުފެއްދީތީވެ، އުފެއްދުމެއް ހިމާޔަތްކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

އެ އިސްލާހުގެ ދަށުން ހިމާޔަތް ކޮށްފައިވާ އެއްވެސް ހައްގަކަށް އެއްވެސް ފަރާތަކުން އަރައިގެންފިނަމަ ނުވަތަ އެއިން ހައްގަކަށް އަރައި ގަންނަން އެއްވެސް ފަރާތަކުން އުޅޭ ކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރި ނަމަ އެ ހައްގު ހިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި ކަމާ ބެހޭ ކޯޓެއްގައި ދައުވާ ކުރުމުގެ ހައްގު ކޮޕީ ރައިޓުގެ ވެރިފަރާތަށް ލިބޭނެ އެވެ.

އެ އިސްލާހު މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައިވާއިރު އެ ގާނޫނަށް އަމަލު ކުރަން ފަށާނީ މިއަދުން ފެށިގެން 3 މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު