ENGLISH

02 މާރިޗު 2026

Advertisement

ކައުންސިލަށް އެއްބާރުލުންދީ ޑަބްލިއުޑީސީން މަސައްކަތް ބައްޓަން ކުރާނެ ގޮތްތަކާއި ގުޅޭގޮތުން އަލައިކާ, އެލްޖީއޭއާއެކު މަޝްވަރާކޮށްފި

02 މާރިޗު 2026

|

އަޙުމަދު ޙަމީދު

ކައުންސިލަށް އެއްބާރުލުންދީ ޑަބްލިއުޑީސީން މަސައްކަތް ބައްޓަން ކުރާނެ ގޮތްތަކާއި ގުޅޭގޮތުން އަލައިކާ, އެލްޖީއޭއާއެކު މަޝްވަރާކުރުން --

މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގެ ރައީސާ ކަމަށް، ކޮންގްރެސް ޕާޓީން ވާދަކުރާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ކައުންސިލްއާއެކު އެއްބާރުލުންދީ ގުޅިގެން މަސައްކަތް ބައްޓަންކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންނާއި ލާމަރުކަޒީ ޤާނޫނަށް އައިސްފައިވާ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއެކު ބައްދަލުވުމެއް ބާއްވައިފި އެވެ. 

މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އިދާރާގަ އެވެ. 

މި ބައްދަލުވުމުގައި، މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ދާއިރާތަކަށް ކޮންގްރެސް އިން ވާދަކުރާ ކެންޑިޑޭޓުންނާއި، އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލު އަދި އެ އިދާރާގެ އިސްވެރިންބައިވެރިވި އެވެ. މި ބައްދަލުވުމުގައި އެލްޖީއޭ އިން ވަނީ ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންޑޭޓަށް އައިސްފައިވާ ބަދަލުތަކާ ގުޅޭ މަޢުލޫމާތު ހިއްސާކޮށްފަ އެވެ. 

އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާން އާއި އ.ތ.މ ކޮމިޓީއަށް ވާދަކުރައްވާ މެންބަރުންވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންޑޭޓަށް އައިސްފައިވާ ބަދަލުތަކާއެކު، ކޮމިޓީގެ މަސައްކަތްތައް ވަރަށް ބޮޑަށް ފުޅާވެގެންދާނެތީ، ނަތީޖާ ޙާޞިލުކުރެވޭނެ ގޮތަށް، މި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އެކަށީގެންވާ ވަޞީލަތްތަކާއި ފަންނީ އެހީތެރިކަން ބޭނުންވާނެ ކަން ފާހަގަކޮށްފަ އެވެ. މިގޮތުން، އ.ތ.މ ކޮމިޓީގެ ބަޖެޓް އެކުލަވާލުމާއި،ބަޖެޓް ހޯދުމުގައި، އެލް.ޖީ.އޭގެ ފަރާތުން އެހީތެރިކަން ލިބޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެ އެވެ.

މީގެ އިތުރުން، ކައުންސިލް އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ދެމެދު ރަނގަޅު ގުޅުމެއް ޤާއިމުކުރުމަށާއި، ލާމަރުކަޒީ ޤާނޫނަށްއައިސްފައިވާ އިސްލާހުތަކަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް އެލް.ޖީ.އޭއަށް އަދާކުރެވިދާނެ ދައުރާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެ އެވެ.

ލާމަރުކަޒީ ޤާނޫނަށް އައިސްފައިވާ އިސްލާހުތަކާއެކު، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަސްޢޫލިއްޔަތްތަކަށް އަންނަ ބަދަލުތަކަށް އާންމުން ހޭލުންތެރިކުރުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނާއެކު މަޝްވަރާކުރައްވާނެ ކަމަށާއި، ކައުންސިލްތަކާއި، އ.ތ.މ ކޮމިޓީތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެލްޖީއޭ އިން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު