ENGLISH

01 މާރިޗު 2026

Advertisement

ދެ އިންތިހާބުގެ ރެފަރެންޑަމްގައި ޕީއެންސީގެ ސްޓޭންޑަކީ "އާނއެކޭ": ފަލާހް

01 މާރިޗު 2026

|

އައިމިނަތު ޝަފާ

ފަލާހު، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި. ފޮޓޯ؛އެމްއެމްޓީވީ

ދެ އިންތިހާބުގެ ރެފަރެންޑަމްގައި ކޮންގްރެސް ޕާޓީގެ ސްޓޭންޑަކީ އެކަމަށް "އާނއެކޭ" ބުނުންކަމަށާއި ހުރިހާ ރައްޔިތުން ވެސް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދު ކޮށްދިނުމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު އެދިވަޑައިގެންފިއެވެ. 

މިއަދު ބޭއްވި ކޮންގްރެސް ޕާޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އެ ޕާޓީން ތާއީދު ކުރާ ކަމަށެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ފައިދާ ނުހަނު ބޮޑުކަން ހާމަކުރައްވައި މިކަމަކީ ބޮޑު ކެމްޕެއިނެއްގެ ގޮތުގައި ބައެއް ޕާޓީތަކުން ކުރިއަށް ގެންގޮސްފާނޭ ކަމެއް ކަމަށް ގަބޫލު ނުކުރައްވާކަމަށް ފަލާހު ވިދާޅުވި އެވެ. 

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަނީ އިންތިހާބީ ދައުރުގެ ތެރެއިން ރައްޔިތުންގެ ގާތަށް ނުދާން ވެސް ނޫން ކަމަށާއި، އަދި ރިޔާސީ ދައުރު ދަންމާލުމުގެ މަގުސަދެއް ވެސް ކޮންގްރެސް ޕާޓީން ނުގެންގުޅޭ ކަމަށް ފަލާހު ވިދާޅުވި އެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން މިފަހަރު އަންނާނެ ބަދަލަކީ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ހަ މަސްދުވަސް އުނިވުން ކަމަށާއި، ދައުރު މަދުވާނީ މިހާރު އޮތް މަޖިލީހުގެ އެކަނި ކަމަށް ފަލާހު ވިދާޅުވި އެވެ. 

އެއްގޮތަކަށް ވުރެ ގިނަ ގޮތްގޮތުން ބެލިނަމަވެސް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ގައުމަށް އަދި ރައްޔިތުންނަށް ލިބޭ ފައިދާ ބޮޑުވާނެތީ ދެ އިންތިހާބުގެ ރެފަރެންޑަމްގައި ޕީއެންސީގެ ސްޓޭންޑަކީ އެ ވޯޓަށް ތާއީދުކުރުން ކަމަށް ފަލާހު ވިދާޅުވި އެވެ. 

"ދެ އިންތިހާބުގެ ރެފަރެންޑަމްގައި ޕީއެންސީގެ ސްޓޭންޑަކީ "އާނއެކޭ". އެެއީ އަޅުގަނޑުމެން ތާއީދުކުރާ ކަމެއް. އިންތިހާބުތައް މަދުވާ ވާހަކަ ދައްކާއިރު ރިޔާސީ ދައުރުގެ މެދުތެރެއިން އެބަ އާދޭ ލޯކަލް ކައުންސިލު އިންތިހާބު. ދައުރުގެ މެދު ތެރެއިން އެ އިންތިހާބު އޮއްވާ އިންތިހާބުތައް މަދުވާ ވާހަކަ ނުދެއްކޭނެ. އެންމެ ރަނގަޅު ދުވަސްތަކާ ދިމާކޮށް ބޮޑު އިންތިހާބެއް އެބަ ބޭއްވޭ. " -  ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު

ފަލާހު ވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދު ކުރުމަކީ ޕީއެންސީގެ ސްޓޭންޑްކަމަށް ވުމާއެކު އެކަމަށް ރައްޔިތުން ވެސް ތާއީދުކޮށް ދެއްވުމަށް އެދިފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު