ENGLISH

01 މާރިޗު 2026

Advertisement

ގުޅިގެން ކުރާ މަސައްކަތުން މި ހާލަތުން އަރައިގަނެވޭނެ: މަޓާޓޯ

01 މާރިޗު 2026

|

އައިމިނަތު ޝަފާ

ރާއްޖެ ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންތަކެއް. ފޮޓޯ: ދައުރު

މިހާރު ކުރިމަތިވެފައި އޮތް ހާލަތުން އަރައިގަތުމަށް ސަރުކާރާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ހިއްސާދާރުންނާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށް މަޓާޓޯ އިން ބުނެފި އެެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން މެދުއިރުމަތިގެ މަސްރަހު ހޫނުވެ ބައިނަލްއަގްވާމީ ދަތުރުފަތުރުގެ އޮޕަރޭޝަންތަކަށް ބުރޫއަރާފައިވާ މި ދަނޑިވަޅުގައި މަޓާޓޯއިން ނެރުނު ބަޔާނެއްގައި ބުނީ މިކަމުގެ ސަބަބުން ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގުތިސާދަށް އަސަރުކުރާނެކަން ގަބޫލުކުރާކަމަށް ބުނެފަ އެވެ. 

މެދުއިރުމަތީގެ ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ކުރިމަތިވަމުންދާ ބުރޫތަކުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މިހާރު ވެސް އޭގެ ނޭދެވޭ އަސަރުކޮށްފައިވާކަމަށާއި އެގޮތުން މިހާރު ވެސް ބުކިންތައް ކެންސަލްވުމާއި، ދަތުރުފަތުރުގެ އިންތިޒާމުތަކަށް ގޮންޖެހުންތަކާ ކުރިމަތިވަމުންދާކަން ފާހަގަކުރެވިފައި ވާކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. 

މި ދަތި ދަނޑިވަޅުގައި، މަޓާޓޯ އޮތީ ދިވެހި ރައްޔިތުންނާއި، ސަރުކާރާއި، އަދި ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ހިއްސާދާރުންނާ އެކު ސާބިތުކަމާއެކުގައިކަމަށް ބަޔާނުގައި ބުންޏެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް، ރާއްޖެއަކީ އިތުބާރު ހުރި މަންޒިލެއްގެ ގޮތުގައި ބައިނަލްއަގުވާމީ މައިދާނުގައި ދެމެހެއްޓުމަށްޓަކައި، އެންމެންގެ އެއްބައިވަންތަކަން ބޭނުންވާކަމަށާއި ގުޅިގެން އެކުގައި ކުރެވޭ މަސައްކަތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހޯދާފައިވާ އިތުބާރު ދެމެހެއްޓޭނެ ކަމަށް މަޓާޓޯ އިން ވަނީ ބުނެފަ އެވެ. 

މީގެ ކުރިންވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވަނީ ދުނިޔެއަށް ކުރިމަތިވި ބޮޑެތި ކާރިސާތަކުން ކާމިޔާބުކަމާއެކު އަރައިގަނެފައިކަން މަޓާޓޯ އިން ވަނީ ފާހަގަކޮށްފަ އެވެ. 

ވުމާއެކު އެންމެން ގުޅިގެން ކުރާ މަސައްކަތުގެ ތެރެއިން މިހާރު ދިމާވެފައި އޮތް ގޮންޖެހުމުންވެސް އަރައިގަނެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓޭނެ ކަމަށް  މަޓާޓޯ އިން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު