ENGLISH
28 ފެބްރުއަރީ 2026
މެދުއިރުމައްޗަށް ދަތުރުކުރާ މީހުން ސަމާލުކަންދޭންޖެހޭ ކަންކަން ހިމެނޭ އެޑްވައިޒަރީއެއް އެމްއޭސީއެލްއިން ނެރެފި
28 ފެބްރުއަރީ 2026
|
އެންމެ މަޤްބޫލު
އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ގޯސްވެފައިވާ މި ދަނޑިވަޅު އެ ސަރަހައްދަށް ދަތުރުކުރާ ދިވެހިން ސަމާލުކަންދޭންވީ ކަންކަން ހިމެނޭ ޓްރެވަލް އެޑްވައިޒަރީއެއް އެމްއޭސީއެލްއިން ނެރެފިއެވެ.
އެމްއޭސީއެލްއިން މިއަދު ނެރުނު އެޑްވައިޒަރީގައި ބުނެފައިވަނީ މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދކުރުމާ ގުޅިގެން އެ ސަރަހައްދުގެ ގައުމުތަކަށް ދަތުރުކުރާ ހުރިހާ އެންމެންވެސް އެއާޕޯޓަށް ދިއުމުގެ ކުރިން އެ ފަސިންޖަރަކު ފުރުމަށް ހަމަޖެހިފައިވާ ފުލައިޓުގެ މައުލޫމާތު އެއާލައިނުގެ ވެބްސައިޓާއި ޓުއާއޮޕަރޭޓަރުން މެދުވެރިކޮށް ހޯދުމަށް އެދޭ ކަމަށެވެ.
ފަސިންޖަރުން ސަމާލުކަންދޭންޖެހޭ ކަންކަމުުގެ ތެރޭގައި އެއާލައިނުގެ ވެބްސައިޓު ނުވަތަ އެޕް މެދުވެރިކޮށް ދަތުރުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއި، ޓުއަރ އޮޕަރޭޓަރުން މެދުވެރިކޮށް ދަތުރާއި ފުލައިޓުގެ ފަހުގެ މައުލޫމާތު ކަށަވަރުކުރުމާއެކު އެ ފަރާތްތަކުން ދޭ އިރުޝާދަށް ތަބާވުން ފާހަގކޮށްފައިވެއެވެ.
އަދި ދުރާލާ ދަތުރުގެ އެންމެހައި ކަންކަމެއް ރާވައި އިންތިޒާމުކުރުމަށް އެމްއޭސީއެލްއިން މެދުއިރުމައްޗަށް ދަތުރުކުރާ ފަސިންޖަރުންނަށް އިލްތިމާސްކޮށްފައިވެއެވެ.
މެދުއިރުމަތީގެ މަސްރަހު ހޫނުވީ މިއަދު އެމެރިކާއާއި އިސްރާއީލުން އީރާނަށް އުދުވާނީ ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެ ހަމަލާތަކުގެ ރައްދުގައި އީރާނުންވަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އެސެޓުތަކަށް ހަމަލާދޭނެކަން އިއުލާނުކޮށް އެ ގަތަރާއި ޔޫއޭއީއާއި ބަހުރައިނާއި ކުވައިތުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދީފައެވެ.
އެ ހަމަލާތަކާ ގުޅިގެން ޔޫއޭއީއާއި ކުވައިތާއި ގަތަރުންވަނީ އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށް ވައިގެ ދަތުރުފަތުރުތައް ވަގުތީ ގޮތުން ހުއްޓުމަކަށް ގެނެސްފައެވެ.