ENGLISH

28 ފެބްރުއަރީ 2026

Advertisement

މެދުއިރުމަތީގެ ހާލަތު ގޯސް؛ އެ ސަރަހައްދުގައި އުޅޭ ދިވެހިން ކައިރި އެމްބަސީއެއްގައި ރަޖިސްޓްރީވާން އެދިއްޖެ

28 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ރާއްޖޭގެ ހާރިޖީވުޒާރާ

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ހަމަލާދޭން ފެށުމާ ގުޅިގެން އީރާނުން މެދުއިރުމަތީގައި ހުރި އެމެރިކާގެ އެސެޓުތަކަށް އަމާޒުކޮށް ހަމަލާދޭން ފަށާފައިވާތީ، އެ ސަރަހައްދުގެ ނުތަނަވަސްކަން ބޮޑުވުމާ ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހިން ކައިރި އެމްބަސީއެއްގައި ރަސްޖިސްޓްރީވުމަށް ދިވެހި ސަރުކާރުން އިލްތިމާސްކޮށްފިއެވެ. 

ހާރިޖީ ވުޒާރާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދު މެދުއިރުމަތީގައި ފެށުނު ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅޭ އަދި އެ ސަރަހައްދުގެ ގައުމުތަކަށް ދަތުރުކުރާ ދިވެހިން ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ. 

އަދި ހަމަލާތައް އަމާޒުވަމުންދާ ގައުމެއްގައި ދިރިއުޅޭނަމަ، ވީހާވެސް މަދުން މަގުމައްޗަށް ނުކުތުމަށާއި، އެގައުމެއްގެ ސަރުކާރުން ދޭ އިރުޝާދާ އެއްގޮތަށް އަމަލުކުރަމުންދިއުމަށްވެސް ހާރިޖިއްޔާއިން އިލްތިމާސްކުރިއެވެ. 

ހާރިޖިއްޔާއިން ބުނެފައިވަނީ އެ ސަރަހައްދުގައި މިހާރު ތިބި ދިވެހިންގެ ހާލަތު ސަރުކާރުން އަދި އެ ސަރަހައްދުގައި ހުރި ދިވެހި އެމްބަސީތަކުގެ ޒަރީއާއިން ކައިރިން ބަލަމުން އަންނަ ކަމަށެވެ. 

އޭގެ އިތުރަށް އެެ ސަރަހައްދުގައި ދިރިއުޅޭ ދިވެހިންނަށް ބޭނުންވެއްޖެ ހާލަތެއްގައި ކޮންސިއުލާ ހިދުމަތް އެމްބަސީތައް މެދުވެރިކޮށް ފޯރުކޮށްްދެމުންދާނެކަން ފާހަގަކޮށް މެދުއިރުމަތީގައި ދިރިއުޅޭ ދިވެހިން ކައިރި އެމްބަސީއެއްގައި ވީހާވެސް އަވަހަށް ރަޖިސްޓްރީވުމަށް އެ ވުޒާރާއިން އެދިފައިވެއެވެ. 

މެދުއިރުމަތީގައި ހުންނަ ދިވެހި އެމްބަސީތަކާއި ހާރިޖީވުޒާރާގެ ހޮޓްލައިން ނަންބަރުތައް 

ދޯހާ ގައި ހުންނަ ރާއްޖޭގެ އެމްބަސީ: 97451777896 +

ޔޫ.އޭ.އީ ގައި ހުންނަ ރާއްޖޭގެ އެމްބަސީ: 97126740200 +

ސައުދީ އަރަބިއްޔާގައި ހުންނަ ރާއްޖޭގެ އެމްބަސީ: 966506894477 +

ހާރިޖީ ވުޒާރާގެ ކޮންސިއުލާ ހޮޓްލައިން: 7983400 (ވަޓްސްއެޕް)

އީމެއިލް: [email protected]

އެމެރިކާއާއި އިސްރާއީލުން މިއަދު އީރާނަށް ހަމަލާދިނުމުން ރައްދުގައި އީރާނުންވަނީ ގަތަރާއި ކުވައިތާއި ޔޫއޭއީ އަދި ބަހުރައިނުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދީފައެވެ. އަދި އިސްރާއީލަށްވެސް އީރާނުން ހަމަލާދިނެވެ. މި ގައުމުތަކުގެ ތެރެއިން ގަތަރާއި ޔޫއޭއީ އަދި ކުވައިތުންވަނީ އެގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު