ENGLISH

28 ފެބްރުއަރީ 2026

Advertisement

ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފި

28 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ކުރިން ބޭއްވި އިންތިހާބެއްގެ ތެރެއިން. ފޮޓޯ؛ އީސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފި އެވެ. 

ކޮމިޝަނުން ބުނީ އަންނަ އޭޕްރީލު މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ވޯޓުނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ، އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް މަންދޫބަކު އައްޔަން ކުރުމުގެ ފުރުސަތު ކޮންމެ ކެންޑިޑޭޓަކަށް ވެސް ލިބިގެންވާ ކަމަށެވެ. 

ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން މާޗު މަހުގެ 27 ވަނަ ދުވަހާ ހަމައަށް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ކެންޑިޑޭޓުން އައްޔަންކުރާ މަންދޫބުންނަށް ވުމަށްއެދޭ ފަރާތްތަކުގެ ފޯމު ކޮމިޝަނުން ބަލައިގަތުމަށް ހަމަޖެހިފައިވަނީ މައި ޕޯޓަލް މެދުވެރިކޮށެވެ.

މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކީވެސް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑަށް ބޯލަނބަންޖެހޭ ފަރާތްތަކެކެވެ. އަދި އިންތިހާބުގެ މިނިވަންކަމާއި މުސްތަގިއްލުކަން ހިފެހެއްޓުމުގެ ގޮތުން ވަކި ދާއިރާތަކެއްގައި މަސައްކަތްކުރާ ފަރާތްތަކަށް މަންދޫބަކަށްވުމުގެ ފުރުސަތު ނޯންނާނެ އެވެ. އޭގެ ތެރޭގައި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ވެރިން، ދިވެހި ފުލުހުން އަދި ސިފައިން ހިމެނެއެވެ. އަދި އިންތިހާބީ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނާ ހަވާލުވެގެން ހުރި މީހަކަށް އަދި އިންތިހާބުގެ އިތުރު މަގާމަކަށް ކުރިމަތިލާފައިވާ މީހަކަށް ވެސް މަންދޫބަކަށް ނުވެވޭނެ އެވެ.

މަންދޫބުންގެ މައިގަނޑު މަސްއޫލިއްޔަތަކީ  ކެންޑިޑޭޓުންގެ މަސްލަހަތު ހިމެނޭ މަރުކަޒުތަކުގައި އިންތިހާބުގެ ކަންކަން ކުރިއަށްދަނީ މިނިވަންކަމާއެކު ދެފުށް ފެންނަ ގޮތަށް ކަން ކަށަވަރު ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު