ENGLISH
28 ފެބްރުއަރީ 2026
ތާރީހު ބަދަލުކުރާނަން، މިފަހަރު މެޖޯރިޓީ ނަގާނީ ޕީއެންސީން: އިބްރާހިމް ހަސަން
28 ފެބްރުއަރީ 2026
|
ޕީއެންސީގެ ޓިކެޓުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ވާދަކުރައްވާ މޭޔަރު ކެންޑިޑޭޓް އިބްރާހިމް ހަސަން. ފޮޓޯ؛ޕީއެންސީ
އެންމެ މަޤްބޫލު
ވޭތުވެދިޔަ ހުރިހާ ދައުރުތަކުގައި ވެސް ކުޅުދުއްފުށީ ސިޓީ ކައުންސިލަކީ އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކެއް ނަމަވެސް ތާރީހު ބަދަލުކޮށް މިފަހަރު ކައުންސިލުގެ މެޖޯރިޓީ ނަގާނީ ޕީއެންސީން ކަމަށް އެ ޕާޓީގެ ޓިކެޓުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ވާދަކުރައްވާ މޭޔަރު ކެންޑިޑޭޓް އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ ސިޓީގެ މާލެ ކެމްޕޭން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި އިބްރާހިމް ހަސަން ވިދާޅުވީ މިފަހަރުގެ އަމާޒަކީ ޒަމާނުންސުރެ ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މެޖޯރިޓީ އެމްޑީޕީއަށް އޮތް އޮތުން ބަދަލުކުރުން ކަމަށެވެ.
"ވޭތުވެދިޔަ ހުރިހާ ކައުންސިލުތަކެއްގައި ވެސް ކުޅުދުއްފުށީ ސިޓީ ކައުންސިލްތަކަކީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކެއް. މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން ނުކުމެ މިތިބީ މި ތާރީހު ބަދަލުކުރުމަށް. އަޅުގަނޑުމެންގެ މަސައްކަތުން މި ތާރީހް ބަދަލުކުރާނަން." - ޕީއެންސީގެ ޓިކެޓުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ވާދަކުރައްވާ މޭޔަރު ކެންޑިޑޭޓް އިބްރާހިމް ހަސަން
ކުޅުދުއްފުށީ ސިޓީ ކައުންސިލު ބަދަލަކަށް ބޭނުންވާ ގިނަ ސަބަބުތަކެއް އެބަހުރި ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު ސަބަބަކީ ވޭތުވެ ދިޔަ ދައުރުތަކުގައި އެ ސިޓީގެ އިގްތިސާދީ ތަރައްގީއަށް އައިސްފައިވާ ހީނަރުކަން ކަމަށް އިބްރާހީމް ހަސަން ވިދާޅުވި އެވެ. ކައުންސިލް އިންތިހާބުގައި ޕީއެންސީ ކެނޑިޑޭޓުން ހޮއްވަވައިފިނަމަ ކުޅުދުއްފުށީ ސިޓީގެ ތަރައްގީ އިތުރު ހަރުފަތަކަށް ގެންދަން އަތުކުރި އޮޅާލައިގެން އެންމެ ފަހު ދުވަހާ ހަމައަށް ވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ އެ ސިޓީގެ ރައްޔިތުންނަށް ދެއްވާފަ އެވެ.
ކުޅުދުއްފުށި ސިޓީއަށް އޭނާގެ ތަސައްވުރެއް އޮތްކަން ހާމަކުރައްވައި ކުޅުދުއްފުށީ ސިޓީއަކީ ވިޔަފާރިއަށް ހަމަހަމަ ފުރުސަތު އޮންނަ ވަޒީފާގެ ދޮރުތައް ހުޅުވިފައިވާ، ތަރައްގީގެ މަންފާ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކަމާއެކު ލިއްބައިދެވޭ އަދި އިގްތިސާދީ ގޮތުން އުއްމީދީ ސިޓީއަކަށް ހެދުމަކީ އަމާޒެއްކަމަށް އިބްރާހިމް ހަސަން ވިދާޅުވި އެވެ.