ENGLISH
28 ފެބްރުއަރީ 2026
އެމްޑީޕީގެ ވެރިކަމުގައި ލާމަރުކަޒީ ނިޒާމުގައި އޮތީ އޮބިއަޅުވާފައި: ދާއޫދު
28 ފެބްރުއަރީ 2026
|
ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދު ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ؛ ޕީއެންސީ
އެންމެ މަޤްބޫލު
ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ލާމަރުކަޒީ ނިޒާމުގައި އޮތީ އޮބިއަޅުވާފައި ކަމަށާއި، އެކަން ނިމުމަކަށް ގެނައި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދު ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ ސިޓީގެ މާލެ ކެމްޕޭން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި މެމްބަރު ވަނީ އެމްޑީޕީގެ ވެރިކަމުގައި އެޕާޓީގެ އިސް ބޭފުޅުން އެ ވިދާޅުވާ ފަދަ ފޮނި މީރުކަމެއް ލާމަރުކަޒީ ނިޒާމުގައި ނުލާ ކަމަށް ވިދާޅުވެފަ އެވެ.
މިސާލު ދައްކަވައި މެމްބަރު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ތިން އަހަރެއްހާ ދުވަހު ކައުންސިލުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު ކަމަށެވެ. ރަށުގެ ތަރައްގީއަށް ލޭންޑު ޔޫސް ޕްލޭނާއި ޑިވެލޮޕްމަންޓު ޕްލޭނެއް 90 ދުވަހުގެ ތެރޭގައި ތައްޔާރުކުރުމަށް ގާނޫނުގައި ބަޔާންވެފައި އޮންނަކަމަށާއި ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި އެ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް ލޭންޑު ޔޫސް ޕްލޭނާއި ޑިވެލޮޕްމަންޓު ޕްލޭން ފާސްކޮށްދީފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެން ކައުންސިލުގައި ތިބި ހީވާގި މުވައްޒަފުންނާއެކު ތައްޔާރުކޮށް، ރައްޔިތުންގެ މަޝްވަރާ ހޯދައި ހުރިހާ ކަމެއް ތަރުތީބުކޮށް އެމްޑީޕީ ސަރުކާރުގެ ލޯކަލް ގަވަމެންޓު އޮތޯރިޓީއަށް ފޮނުވީމަ ހުއްދައެއް ނުދިން. އެތައް ފަހަރަކު ފޮނުވިން. ތިން އަހަރު އެ ތަކުލީފުގައި އޮތިން. ހަމަ ކޮންމެ ފަހަރަކު ލޭންޑު ޔޫސް ޕްލޭނާއި ޑިވެލޮޕްމަންޓު ޕްލޭނުގައި އޮބިއަޅުވައި ހިފަހައްޓަނީ. އެތައް އަހަރަކު އޮތި މި ޕްލޭންތައް ތަންފީޒު ނުކުރެވިގެން ޕްރޮޖެކްޓުތައް ނުހިންގިގެން. " - ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދު
މިކަމަށް ނިމުން އައީ ރައީސް މުއިއްޒު 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ހިސާބުން ކަމަށާއި، ކައުންސިލުތަކުގެ ލޭންޑު ޔޫސް ޕްލޭނާއި ޑިވެލޮޕްމަންޓު ޕްލޭންތައް ވީ އެންމެ އަވަހަށް ފާސްކޮށް އެކަމުގެ ހުއްދަތައް ދިނުމަށް އެލްޖީއޭއަށް އެންގެވީ ރައީސް މުއިއްޒުކަމަށް މެމްބަރު ދާއޫދު ވިދާޅުވި އެވެ.
އެލްޖީއޭގެ މިހާރުގެ ސީއީއޯ މުހައްމަދު ނިމާލަށް މިކަންކަން ރަނގަޅަށް އެނގިވަޑައިގަންނަވާނެކަމަށް މެމްބަރު ވިދާޅުވި އެވެެ.
ވުމާއެކު، ތިން އަހަރު ކައުންސިލުތަކުގައި ތަޅުއަޅުވާފައި އޮތް އޮތުން ނިމުމަކަށް ގެނެސްދެއްވައި ލާމަރުކަޒީ ނިޒާމު ހަގީގީ މާނައިގައި "ޗެމްޕިއަން" ކޮށްދެއްވީ ރައީސް މުއިއްޒުކަމަށް މެމްބަރު ވަނީ ރޭގެ ޖަލްސާގައި ތަކުރާރުކޮށް ވިދާޅުވެފަ އެވެ.