ENGLISH

28 ފެބްރުއަރީ 2026

Advertisement

ފޯޅަވަހީގެ މައްޗަށް ރާއްޖެއިން ކުރާ ދައުވާގެ ބާރު ފެނުމާއެކު، މޮރިޝަސްއިން ގުޅުން ކަނޑާލައިފި

28 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

މޮރިޝަސްގެ ބޮޑުވަޒީރު

ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހީގެ މައްޗަށް ރާއްޖެއިން ކުރަމުންދާ ސިޔާދަތީ ދައުވާގެ ބާރު ބައިނަލްއަގުވާމީ މަސްރަހުގައި އިތުރުވެ، އިނގިރޭސިވިލާތުގެ ސިޔާސީ ލީޑަރުންގެ ފަރާތުން ރާއްޖެއަށް ތާއީދު ލިބެން ފެށުމާއެކު މޮރިޝަސްއިން ރާއްޖެއާ އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފިއެވެ. 

ޖިއޮގްރަފީގެ ގޮތުންނާއި ތާރީހީ ގޮތުން ރާއްޖެއާ ފޯޅަވަހީގެ މެދުގައި އިންކާރުނުކުރެވޭ ފަދަ ވަރުގަދަ ގުޅުމެއް އޮތް ނަމަވެސް ދިވެހިރާއްޖޭގެ ކުރީގެ އެއްވެސް ސަރުކާރަކުން އެ ސަރަހައްދުގެ މައްޗަށް ސިޔާދަތީ ދައުވާއެއް ނުކުރެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ރާއްޖެއާއި ފޯޅަވަހީގެ މެދުގައި އޮތް ގުޅުންތައް ފާހަގަކުރައްވައި އެ ސަރަހައްދުގެ މައްޗަށް ރާއްޖެއަށް ސިޔާދީ ހައްގު އޮތްކަމަށް ދިވެހި ސަރުކާރުން ދެކޭކަން އިނގިރޭސި ސަރުކާރަށް އަންގަވާފައެވެ. 

އިނގިރޭސިންގެ ބެލުމުގެ ދަށުގައި އޮތް ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުމަށް އެ ގައުމުން ނިންމާފައިވަނިކޮށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަމްޕުވަނީ އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާން ފައްޓަވާފައެވެ. އަދި އެއާއެކު އިނގިރޭސި ބަރުލަމާނުގައިވެސް އެ ސަރަހައްދު މޮރިޝަސްއަށް ދިނުމާމެދު ދެބަސްވުންތަކެއް އުފެދިފައިވެއެވެ. 

އިނގިރޭސިވިލާތުގައި މިހާރު އެންމެ ހަލުއިކޮށް ފުޅާވަމުންދާ ސިޔާސީ ޕާޓީކަމަށްވާ ރިފޯމް ޔޫކޭގެ ލީޑަރު ނައިޖަލް ފަރާޖު ބަރުލަމާނުގައި އެ މައްސަލާގައި ދެއްކެވި ވާހަކަފުޅުގައި ފޯޅަވަހީގެ މައްޗަށް ރާއްޖެއިން ކުރާ ދައުވާއަށް ތާއީދުކުރައްވައި، މޮރިޝަސްއަށްވުރެ އެ ސަރަހައްދު ލިބުމުގެ ހައްގުކަން ބޮޑީ ރާއްޖެއަށް ކަަމަށް ވިދާޅުވެފައިވެއެވެ. 

ނަައިޖަލް ފަރާޖު ފަދަ މަގުބޫލު އަދި ނުފޫޒުގަދަ ލީޑަރަކު ރާއްޖެއިން ފޯޅަވަހީގެ މައްޗަށް ކުރާ ދައުވާއަށް ތާއީދުކުރެއްވުމަކީ އެ ރަށްތައް ރާއްޖެއަށް ހޯދުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. ފަރާޖަކީ އެމެރިކާގެ ރައީސް ޓުރަމްޕާވެސް ގާތް ގުޅުމެއް ބާއްވަވާ ލީޑަރެކެވެ. ފޯޅަވައްސާމެދު ގޮތެއް ނިންމުމުގައި އެމެރިކާގެ ދައުރު ބޮޑުވަނީ އެ ސަރަހައްދުގައި އެ ގައުމުގެ ކަނޑުގެ އަސްކަރިއްޔާގެ ބޭސްއެއް ގާއިމުކޮށްފައިވާ ޑިއޭގޯ ގާސިއާ އޮންނާތީއެވެ. 

މިއަދު މޮރިޝަސްގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު އެ ގައުމުގެ ކެބިނެޓުގެ ނިންމުންތަކުގެ ތެރޭގައި ރާއްޖެއާ އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑައިލުމަށް ނިންމާފައިވާކަން އިއުލާނުކޮށްފައިވެއެވެ. އެގޮތަށް ނިންމީ ފޯޅަވަހީގެ މައްޗަށް އެ ގައުމުގެ ސިޔާދަތީ މިލްކުވެރިކަން އޮންނާނެކަމަށް ރާއްޖެއިން ނުދެކޭކަން އިނގިރޭސި ސަރުކާރަށް އެނގުމާ ގުޅިގެންކަމަށް އެ ލިޔުމުގައި ބުނެފައިވެއެވެ. 

އެފުރިކާ ބައްރުގައި އޮންނަ މޮރިޝަސްއާ ފޯޅަވަހީގެ މެދުގައި އެތައްހާސް ކިލޯމީޓަަރެއްގެ ދުރުމިން އޮތްއިރު ފޯޅަވައްސަކީ ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައި އޮތް ރިޖްގައި އޮންނަ އަތޮޅެކެވެ. އަދި އިހުޒަމާނުގެ ލިޔުންތަކުގައި ދިވެހި ރަސްރަސްކަލުންގެ ސިޔާދަތީ ބާރު ހިނގާ ސަަރަހައްދުގެ ތެރޭގައި ފޯޅަވަހި ހިމަނުއްވާފައިވާކަން ތާރީހީ ލިޔެކިޔުންތަކުން އެނގެއެވެ. 

ޕީއެންްސީން ބޭއްވި ތަރާވީހެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވަނީ ފޯޅަވަހި ރާއްޖެއަށް ހޯދައިދެއްވުމަށް މަސައްކަަތްކުރައްވަނީ ސިޔާސީ މަގުސަދެއް އޮވެގެން ނޫންކަމަށާއި، އެ މަސައްކަތަަކީ ގައުމުގެ ހައްގުގައި ކުރައްވަންޖެހިފައިވާ މަސައްކަތެއް ކަމަށެވެ. 

ޑީކޮލޮނައިޒޭޝަން ނުވަތަ އިސްތިއުމާރުން ސަރަހައްދުތައް މިނިވަންކުރުމުގެ އުސޫލުގެ މައިގަނޑު މަފުހޫމަކީ އެ ސަރަހައްދެއް އިސްތިއުމާރުކުރުމުގެ ކުރިން އެ ސަރަހައްދެއްގެ މައްޗަަށް މިލްކުވެރިކަން އޮތް ގައުމަކާ ނުވަތަ ދައުލަތަކާ އެ ސަރަހައްދު ހަވާލުކުރުން ކަމުގައިވާއިރު، ފަރަންސޭސިން ފޯޅަވަހި އިސްތިއުމާރުކުރުމުގެ ކުރިން އެ ސަރަހައްދު ބޭނުންކުރަމުންއައީ ދިވެހިންކަން ތާރީހުން އެނގެން އޮވެއެވެ. 

މިފަދަ ސަބަބުތަކާހުރެ ރާއްޖެއިން ފޯޅަވަހީގެ މައްޗަށް ކުރާ ސިޔާދަތީ ދައުވާއަކީ ގާނޫނީ ގޮތުންނާއި ތާރީހީ ގޮތުންނާއި ވާގިއީ ގޮތުން މޮރިޝަސްގެ ދައުވާއަށްވުރެ ވަރުގަދަ ދައުވާއަކަށްވުމުގެ ފުރުސަތު ބޮޑުވެފައިވަނިކޮށް އެ ގައުުމުން ރާއްޖެއާ އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑައިލުމަކީ ސަރުކާރުން ފޯޅަވަހި ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަކީ ސީރިއަސް މަސައްކަތެއްކަން އެ ގައުމުން ގަބޫލުކޮށްފަައިވާކަމަށް ދަލީލުކުރާ ކަމެކެވެ. 

ކިޔުންތެރިންގެ ހިޔާލު