ENGLISH
27 ފެބްރުއަރީ 2026
ކުއްޖަކު މަރުވި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި ޒުވާނާ ދޫކޮށްލައިފި
27 ފެބްރުއަރީ 2026
|
އެކްސިޑެންޓްވެފައި -- ފޮޓޯ: ސަން
އެންމެ މަޤްބޫލު
މާލޭގެ ބޮޑުތަކުރުފާނު މަގު ބްރިޖް ލައިޓް ކައިރިން ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް އެކްސިޑެންޓްވެ ހިނގި ނުރައްކާތެރި ހާދިސާގައި ކުއްޖަކު މަރުވި މައްސަލާގައި ހައްޔަރުކުރި ޒުވާނާ ދޫކޮށްލައިފި އެވެ.
ސައިކަލު ކޮންޓްރޯލް ނުވެ ޕޭމެންޓް މައްޗަށް އަރައި އެކްސިޑެންޓްވެ ލިބުނު އަނިޔާތަކާއި ގުޅިގެން ނިޔާވީ ބ. ދަރަވަންދޫ, ހިޔަލީގުލްޝަން މުހައްމަދު ނިހާން ނާޒިމް އެވެ. ނިހާން އަކީ ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ކުއްޖެކެވެ.
ސައިކަލު ދުއްވަން އިނީ ރ. އިނގުރައިދޫއަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ އާދިން އާރިފެވެ. އާދިންގެ އަތުގައި ލައިސަންސް ވެސް ނެތެވެ.
އެހެން ކަމުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ބަންދުގެ މަޖިލީހަށް ހާޒިރުކުރުމުން އާދިންގެ ވާހަކަތަކަށް ރިޔާއަތްކޮށް ގާޒީ ވަނީ ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލާފަ އެވެ. އާދިން ބުނީ އެކްސިޑެންޓްވީ ގަސްތުގައި ކުރި އަމަލަކުން ނޫން ކަމަށެވެ. އަދި އެކުވެރިޔާގެ މަރާމެދު ވަރަށް ހިތާމަ ކުރާ ކަމަށެވެ.
އެކްސިޑެންޓްގައި އޭނާއަށް ވެސް އަނިޔާވި ކަމަށާ އެހެން ކަމުން އެދެނީ ހަރުކަށި ޝަރުތުތަކެއް ކުރުމަށް ފަހު ނަމަވެސް ބަންދުން ދޫކޮށްލަން ކަމަށެވެ.
އެހެން ކަމުން ތަަހުޤީޤަށް އެއްބާރުލުންދޭން ޝަރުތުކޮށް އަދި މާލެއިން ފުރައިގެން ދިއުން މަނާކޮށް ކޯޓުން ވަނީ އޭނާ ދޫކޮށްލާފަ އެވެ. ފުލުހުން ވެސް ވަނީ އެ ނިންމުމާމެދު އިއުތިރާޒެއް ނެތް ކަމަށް ބުނެފަ އެވެ.