ENGLISH
27 ފެބްރުއަރީ 2026
މިއީ ސިޔާސީ ކަމެއް ނޫން، ފޯޅަވައްސަކީ ރާއްޖެއަށް ލިބުން ހައްގު ތަނެއް: ރައީސް
27 ފެބްރުއަރީ 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު. ފޮޓޯ؛ޕީއެންސީ
އެންމެ މަޤްބޫލު
އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ދެކުނުގެ އިގްތިސާދީ ސަރަހައްދުން ގެއްލުވާލި ކަނޑުގެ ސަރައްހައްދު ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކަކީ ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ކުރަމުން އަންނަ މަސައްކަތެއް ނޫން ކަމަށާއި، ފޯޅަވައްސަކީ ރާއްޖެއަށް ލިބުން ހައްގު ތަނެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކޮންގްރެސް ޕާޓީގެ ދިވެހިންގެރާއްޖެ ތަރާވީސް ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ކަނޑުން ގެއްލުވާލި ބައި ހޯދުމުގެ މަސައްކަތްތައް ވަރަށް ހަލުއި މިނުގައި ކުރިއަށް ދާކަމަށް ވިދާޅުވެފަ އެވެ. ދެ ހާސް ތޭވީސް ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ކަނޑު ހޯދުމުގެ އަމަލީ މަސައްކަތް ފެށިފައިވުމުގެ ސަބަބުން މިއީ ސިޔާސީ ކަމެކޭ ނުބުނެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، 22 އޮގަސްޓު 2022 ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އަނބުރާ ގެނަސް، ގެއްލުނު ކަނޑުގެ ސަރައްދު ހިމަނައިގެން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު އިއުލާނު ކުރެއްވީ އެކަން ކުރެވޭނެ ހިސާބަށް ކަންކަން ދިއުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ފޯޅަވައްސަކީ އެތައް ގަރުނެއް ކުރިން ވެސް ދިވެހިންގެ ތަނެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ފޯޅަވައްސަކީ، ޗާގޯސްއަކީ ދިވެހިރާއްޖޭގެ ތަނެއް ކުރީ ޒަމާނުގައި، އެތައް ގަރުނެއް ކުރިން ދިވެހިން އެ ތަނަކަށް ފޯޅަވަހީގެ ނަމުން ނަން ދީފައި އޮއްވައި އެހެން ގައުމުތަކުން އެހެން ނަންނަން ކިޔައި ޗާގޯސް ކީ ކަމުގައި ވިޔަސް ދިވެހިންގެެ ތަނެއް ކުރިން. އެތަން އެއްވެސް ގައުމަކާ ހަވާލުކުރާނަމަ އެތަނުގެ ރައިޓުފުލް އޯނާ އަކީ ރާއްޖެކަން އަޅުގަނޑު މިދަނީ ދިވެހި ސަރުކާރުގެ ފަރާތުން ކަމާބެހޭ ހުރިހާ ފަރާތްތަކަށް އަންގަމުން. އެއީ ސިޔާސީ ބޭނުމަކު ކުރާ ކަމެއް ނޫން. " - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
އިނގިރޭސި ވިލާތުން ވެސް ފޯޅަވަހި ވަކި ގައުމަކާ ހަވާލުކުރާނަމަ ހަވާލުކުރަންވާނީ އެތަނުގެ ހަގީގީ މިލްކުވެރިންނާ ކަން ފާހަގަކުރައްވަމުން ރައީސްއަކީ ފޯޅަވަހީގެ މިލްކުވެރިކަން އެންމެ ހައްގު ފަރާތްކަން އަންގައި ދެ ފަހަރެއްގެ މަތިން އިނގިރޭސި ވިލާތަށް ސިޓީ ފޮނުވާފައި ވާނޭ ކަމަށެވެ.
ސިޔާސީ ގޮތުން މި ސަރުކާރުން އެއްވެސް ކަމެއް ނުކުރައްވާނޭ ކަމަށާއި މި ސަރުކާރުން ކުރާ ހުރިހާ ކަންކަމަކީ ވެސް ގައުމީ ވިސްނުމުގައި ކުރާ ކަންކަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސް ޕޮއިންޓްތަކަށް ހަވާލާދީ، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދަކީ، ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭގޮތަށް، ޤާނޫނުގައި މިހާރުވެސް ކަނޑައަޅައިފައިވާ ސަރަހައްދު ކަމަށް ނިންމައި، އެކަން ރައީސް އިއުލާނުކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ނެވެ.
ރިޔާސީ ބަޔާނުގައި ރައީސްވަނީ ފޯޅަވަަހީގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމާމެދު ދިވެހިރާއްޖެއިން ރަސްމީކޮށް އިއުތިރާޒެއް އެ ގައުމަށް ހުށަހަޅާފައިވާކަަން އިއުލާނުކުރައްވާފައެވެ. އޭގެ ކުރިން ރާއްޖެއަށް ފޯޅަވަހީގެ މައްޗަށް ސިޔާދީ ހައްގު އޮތްކަމަށް ރާއްޖެއިން ދެކޭކަން އިނގިރޭސި ސަރުކާރަށް ރަސްމީކޮށް އެންެގިކަން ރައީސްވަނީ ކުރިން ހާމަކުރައްވާފަައެވެ.
އިހުގެ ރަސްމީ ލިޔެކިޔުންތަކުން ރާއްޖޭގެ ސަރަހައްދުގެ ބައެއްގެ ގޮތުގައި ފޯޅަވަހި ހިމަނާފައި އޮތްކަން ފެންނަަކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފޯޅަވަހީގެ ރަށްތަކަކީ އެއިރާއި މިހާރުވެސް ދިވެހި މަސްވެރިން މަހަށް ނުކުންނަ ސަރަހައްދާ ކައިރީ އޮންނަ އަތޮޅެއްކަން ފާހގަަަކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖެއާއި ފޯޅަވަހީގެ މެދުގައި ސިޔާދަތީ ގުޅުމެއް އޮތްކަން އެކި ގޮތްގޮތުން ސާބިތުވާ ކަމަށެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނިކޮށް އިނގިރޭސިވިލާތުގައި އެންމެ ހަލުއިކޮށް ކުރިއަރަމުން އަންނަ ސިޔާސީ ޕާޓީކަމުގައިވާ ރިފޯމް ޔޫކޭގެ ލީޑަރު ނައިޖަލް ފަރާޖުވަނީ ފޯޅަވަހީގެ ރަށްތަކުގެ މައްޗަށް ސިޔާދަތީ ދައުވާކުރުން އެންމެ ހައްގުކަން ބޮޑު ގައުމަކީ ރާއްޖެކަމަށް ވިދާޅުވެ، މޮރިޝަސްއަށް އެ ރަށްތައް ދިނުމަށްވުރެ ރާއްޖެއާ ހަވާލުކުރުން އައުލާކަމަށް އިނގިރޭސި ބަރުލަމާނުގައި ވަކާލާތުކުރައްވާފައެވެ.
ބަހަވީ ގޮތުން ބަލާނަމަ ރާއްޖޭގެ ގަދީމީ ލިޔެކިޔުންތަކުން އައްޑޫގެ ދެކުނުން އޮންނަ އަތޮޅަކަށް ފޯޅަވަހީގެ ނަމުން ދިވެހިން ނަން ކިޔާފައި އޮންނަކަން އެނގެއެވެ. އުތުރުން މަލިކުން ފެށިގެން ފޯޅަވައްސާ ދެމެދުގައިވާ ސަރަހައްދަކީ ރާއްޖޭގެ ގޮތުގައި އިހުގެ ލިޔެކިޔުންތަކުން ފެނެއެވެ. އަދި އެ ސަރަހައްދަށް ޗާގޯސްގެ ނަން ދިނީ ފަރަންސޭސީން އެ އަތޮޅު އިސްތިއުމާރުކުރުމަށްފަހުކަން އެނގެއެވެ.