ENGLISH

27 ފެބްރުއަރީ 2026

Advertisement

ޤައުމަށް އެންމެ ފައިދާހުރި ގޮތަކީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން: ރައީސް

27 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

މިރޭގެ އިވެންޓްގައި ރައީސް ވާހަކަފުޅު ދައްކަވަނީ --

ޤައުމަށް އެންމެ ފައިދާހުރި ގޮތަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް ޕާޓީން މިރޭ ބޭއްވި "ދިވެހީންގެ ރާއްޖެ ތަރީވީސް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެމަނިކުފާނުގެ ވިސްނުންފުޅު ކަމަށެވެ.

އެކަމުގައި ހުރިހާ ފައިދާއަކާއި މަންފާއެއް އޮތީ ޤައުމާއި ރައްޔިތުންނަށް ކަމުގައި ވިދާޅުވި އެވެ. އެއް ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވީ އެގޮތަށް ނިންމުމުން ވޯޓްލުމަށް ނިކުންނަ ރައްޔިތުން އިތުރުވުމެވެ. އެންމެ ފަހުން އޮތް ތިން ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބުގައި ވޯޓްލީ މީހުންގެ އަދަދަށް ބަލާލުމުން އެއް ދުވަހެއްގައި ދެ އިންތިޚާބު ބޭއްވުމުގެ މުހިންމުކަން ހާމަވާ ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެންމެ ގިނަ ރައްޔިތުން ވޯޓްލާން ނިކުންނަނީ ރިޔާސީ އިންތިޚާބުގައި ކަމަށާ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 85.3 އިންސައްތަ މީހުން އަދި ދެވަނަ ބުރުގައި 86.5 އިންސައްތަ މީހުން ވޯޓްލާން ނިކުތްއިރު އޭގެ ހަ މަސް ފަހުން އޮތް މަޖިލީސް އިންތިޚާބުގައި ވޯޓްލީ 70 އިންސައްތަ މީހުން ކަމަށެވެ.

އޭގެ ފަހުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 87.2 އިންސައްތަ މީހުން އަދި ދެވަނަ ބުރުގައި 91.4 އިންސައްތަ މީހުން ވޯޓްލާން ނިކުތްއިރު އޭގެ ހަ މަސް ފަހުން އޮތް މަޖިލީސް އިންތިޚާބުގައި ވޯޓްލީ 78.8 އިންސައްތަ މީހުން ކަމަށެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި 89.22 އިންސައްތަ މީހުން ވޯޓްލީއިރު 2019 ވަނަ އަަހަރުގެ މަޖިލީސް އިންތިހާބުގައި ވޯޓްލީ 81.32 އިންސައްތަ ކަމުގައި ވިދާޅުވި އެވެ.

އަދި އެންމެ ފަހުން އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 79 އިންސައްތަ އަދި ދެވަނަ ބުރުގައި 87 އިންސައްތަ މީހުން ވޯޓްލީއިރު މަޖިލީސް އިންތިޚާބުގައި ވޯޓްލީ 76 އިންސައްތަ މީހުން ކަމުގައި ވިދާޅުވި އެވެ.

ޑިމޮކްރަސީގައި އެންމެ މުހިންމީ ވޯޓްލާން ނިކުންނަ މީހުންގެ އަދަދު އިތުރުކޮށް އިންތިޚާބީ މަޤާމުތަކަށް ވަޑައިގަންނަވާ ބޭފުޅުން ވީހާވެސް ގިނަ ބައެއްގެ ނިންމުމުން އިންތިޚާބު ކުރުން ކަމުގައިވީއިރު ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން އެ ނަތީޖާ ހާސިލުވާ ކަމުގައި ރައީސް ވިދާޅުވި އެވެ.

"ޑިމޮކްރަސީގެ ހަމަތަކުގެ މަތީން ބެލިނަަމަވެސް މި ޤައުމަށް އެންމެ ފައިދާހުރި ގޮތަކީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން. އެކަމަށްޓަކައި އަޅުގަނޑު ރައްޔިތުންގެ ކިބައިން އެދެނީ ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އޮންނަ ދުވަސް އެއް ދުވަހަކަށް ހެދުމަށް ހަތަރެއް އޭޕްރީލްގައި މިނަގާ ވޯޓްގައި އާއެކޭ ބުނެ އޭގައި ފާހަގަ ޖެއްސެވުމަށް,"

ރައީސް ތަކުރާރު ކުރައްވާ ވިދާޅުވީ މިގޮތަށް ނިންމުމުން ފައިދާ އޮތީ ރައްޔިތުންނަށް ކަމަށެވެ. އަދި ރިޔާސީ އިންތިޚާބު ބާއްވާތާ އެންމެ ހަ މަސް ދުވަސް ފަހުން މަޖިލީސް އިންތިޚާބު ބޭއްވުމުން ވަނީ ގެއްލުން ކަމުގައި ވިދާޅުވި އެވެ.

އަނެއް ކަމަކަށް ރައީސް ފާހަގަ ކުރެއްވީ އައު ސަރުކާރެއް އަންނައިރު ނިމޭންދާ ސަރުކާރަށް އެ އަހަރު ބަޖެޓް ހުށައަޅަން ފުރުސަތު އޮންނަ އޮތުމެވެ. އެކަމުގެ ސަބަބުން އަހަރު ދުވަސް ގެއްލި އައު ސަރުކާރުން ބޭނުންވާ މަޝްރޫޢުތައް ނުހިންގޭ ކަމުގައި ވިދާޅުވި އެވެ.

ރައީސް މިރޭ ވިދާޅުވީ ފެންނަ ނުފެންނަ ވޯޓްގައި ރައްޔިތުން ނިންމާ ނިންމަކަށް ބިނާކޮށް އައު މަޖިލީހުން ޑިސެންބަރު މަހު ބަޖެޓް ފާސްކުރަން ޖެހޭ ގޮތަށް ޤާނޫނަށް ބަދަލު ގެންނަވާނެ ކަމަށެވެ.

ދެ އިންތިޚާބު އެއްދުވަހެއްގައި ބާއްވަން މިހާރު އިދިކޮޅު ލީޑަރުން ދެކޮޅު ހަދާއިރު އެއީ ކުރީން އެ ބޭފުޅުން ވެސް ވަކާލާތު ކުރެއްވި ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ބޭފުޅުންނަށް ދަސްވެފައި އޮތީ އިންތިޚާބަށް ކަޑަ ޖެހުމާއި ބިންގާ އެޅުން ކަމުގައިވާތީ ދެ އިންތިޚާބު އެެއް ދުވަހެއްގައި ބާއްވަން މިހާރު ދެކޮޅު ހަދަނީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު