ENGLISH

27 ފެބްރުއަރީ 2026

Advertisement

ދޫންޏަށް ވޯޓް ދެއްވާ، ވަޢުދުތައް ފުއްދެވުމުގައި ވަރަށް ފަސޭހަވާނެ: ރައީސް

26 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ --

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓް ދެއްވުމަށް ދިވެހިރައްޔިތުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު މިކަަމަށް އެދިވަޑައިގެންނެވީ "ދިވެހީންގެރާއްޖެ ތަރާވީސް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޭ އާޓިފިޝަލް ބީޗުގައި އޮތް ތަރާވީސް ގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވެރިކަމަށް ވަޑައިގެން ފުރަތަމަ ދުވަހު ވެސް އެމަނިކުފާނު އިސްކުރެއްވީ އިޚްލާސްތެރިކަމާއި ތެދުވެރިކަން ކަމަށެވެ. އަދި ހަމަހަމަ ކަމާއެކު މުޅި ރާއްޖެއަށް ތަރައްޤީ ގެނައުމަށް މަސައްކަތް ފެއްޓެވި ކަމަށެވެ.

މާލޭގައި މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރު ސްޓެރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވާލައްވާ ތަންފީޒު ކުރެއްވުމުގެ މަސައްކަތް ފެއްޓެވި ކަމަށާ ނަމަވެސް ނަމަވެސް މިދިޔަ ދެ އަހަރު އެ ޕްލޭންގައި ހުރި ކަންކަން ހާސިލުވެފައިނުވާ ކަމަށެވެ.

"މިިދިޔަ ދެ އަހަރު ދިޔައީ ގޯސްކޮށް," މާލެ ސިޓީގެ މޭޔަރަކަށް އެމްޑީޕީ މެންބަރަކު ވަޑައިގެންނެވި ފަހުން ޕްލޭންގައި ހުރި ކަންކަން ނުހިނގާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެކްޝަން ޕްލޭންގައިވާ އެއްކަމެއްވެސް މިދިޔަ ދެ އަހަރު ނުހިނގާ ކަަމަށާ ހުރިހާ ކަމެއް ހުރީ ހުއްޓިފައި ކަމަށެވެ. 

އެހެން ކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ގޮތް ނިންމާއިރު މިހާރު އޮތްގޮތަށް އެކަން ދެމި އޮންނަން ފުރުސަތު ދޭނީތޯ ނުވަތަ ކަންކަން ވާނެ ގޮތަށް ފުރުސަތު ފަހިކުރާނީތޯ ވިސްނާލުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

ރައީސް ތަކުރާރުކުރައްވާ ވިދާޅުވީ އެމަނިކުފާނަށް އެއްބާރުލުން ދޭނެ ކައުންސިލްތަކެއް އިންތިޚާބުކޮށްފިނަމަ ވައުދުތައް ފުއްދެވުމުގައި ވަރަށް ފަސޭހަވާނެ ކަމަށެވެ. އަދި ނަތީޖާ ނެރެދިނުމުގައި ކައުންސިލްތައް ހުރަހަކަށް ވެގެންނުވާނެ ކަމަށް ވިދާޅުވި އެވެ.

"ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ މޭޔަރަކަށް ހޮވައިދިނުމަކީ ކައުންސިލެއް ހޮވައިދިނުމަކީ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާނެ ކޮމެޓީއެއް ހޮވައިދިނުމަކީ އަޅުގަނޑު މާލޭގެ ލޮބުވެތި ރައްޔިތުންގެ ކިބައިން ވަރަށް އިޚްލާސްތެރިކަމާއެކު އެދޭ އެދުމެއް," އެގޮތަށް ރައްޔިތުން ނިންމަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމުގައި ފާހަގަ ކުރައްވާ ރައީސް ވިދާޅުވި އެވެ.

އަދި އެހެން ސިޓީތަކާއި ރަށްރަށުން ވެސް އެގޮތަށް ވޯޓް ދިނުމަށް އެދިވަޑައިގެންނެވި އެވެ. ރައީސް ވިދާޅުވީ ގޮންޖެހުންތަކާ އެކުވެސް މިދިޔަ ދެ އަަހަރު ވަރަށް ގިނަ ކަންކަން ކުރެވިފައިވާ ކަމަށެވެ. ނަންބަރާއި ތަފްސީލުން އެކަންކަން ރިޔާސީ ބަޔާނުގައި ހިއްސާކުރައްވާފައިވާނެ ކަމުގައި ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންފައިވާ އެހެން ހުރިހާ ވަޢުދުތަކެއް ފުއްދެވުމަށް އެމަނިކުފާނު އެދިވަޑައިގަންނަވަނީ ޕީއެންސީއަށް ވޯޓް ދެއްވުމަށް ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު ދަންނަވަން ކެނޑިޑޭޓުންގެ ނަމާއި ނަަންބަރު ކޮންމެހެން ބައްލަވާނެ ކަމެއް ނެތް. ދޫނި (ޕީއެންސީގެ ލޯގޯ) ފެނުނީމަ ވޯޓް ދިނީމަ ހުންނާނީ ރަނގަޅަށް," މިރޭގެ ތަރާވީސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު