ENGLISH
26 ފެބްރުއަރީ 2026
އައްޑޫ ސިޓީއާ ހުޅުދޫ އަދި މީދޫގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞަށް ބަދަލުގެންނަވައިފި
26 ފެބްރުއަރީ 2026
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އައްޑޫ ސިޓީ އާއި އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞަށް ބަދަލުގެންނަވައި، އެ ބަދަލުތައް ރަސްމީކޮށް އިޢުލާންކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި ބަދަލުތައް ގެންނަވާފައިވަނީ، އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް ޓަކައި، 2025 އޮކްޓޫބަރު 25 ގައި ބޭއްވި އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ، އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާއާ ގުޅިގެން، އައްޑޫ ސިޓީ އަލުން ކަނޑައަޅުއްވައި، އައްޑޫގެ އިޚްތިޞާޞްގެ ބައެއްގެ ގޮތުގައި ކުރިން އޮތް ހުޅުދޫ އާއި މީދޫ އަކީ، މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވާފައިވާތީ ކަމަށެވެ.
އެގޮތުން، އައްޑޫ ސިޓީ އާއި ހުޅުދޫ އާއި މީދޫގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ގެންނެވި ބަދަލުތައް އެކަށައަޅުއްވައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުތައް ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފަ އެވެ. މިއާއެކު، އެ ދާއިރާތަކުގެ އިޚްތިޞާޞް ދައްކުވައިދޭ ޗާޓުތައް، އެ ޤަރާރުތަކުގެ ޖަދުވަލުގައި ވަނީ ހިމަނުއްވާފަ އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުއްވުމަކީ، ރައީސުލްޖުމްހޫރިއްޔާއަށް މަތިކުރައްވާފައިވާ މަސްއޫލިއްޔަތެކެވެ.