ENGLISH

26 ފެބްރުއަރީ 2026

Advertisement

ޑިޖިޓަލް ރާއްޖެއެއްގެ ފަސޭހަތަކާއެކު ރަށުގައި ތިބެ އާމްދަނީ ހޯދުމުގެ ފުރުޞަތު އިތުރަށް ތަނަވަސްވާނެ: ރައީސް

26 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

މޯލްޑިވްސް 2.0 ގެ އަމާޒުތައް ޙާޞިލްވެ ޑިޖިޓަލް ދިވެހިރާއްޖެއެއްގެ ފަސޭހަތައް ހޯދެމުންދިޔަ ވަރަކަށް ރަށްތަކުގައިތިބެ، ޚިދުމަތްތައް ހޯދައި އާމްދަނީގެ މަގުތައް ފަހިކުރުމުގެ ފުރުޞަތު ދިވެހި ރައްޔިތުންނަށް އިތުރަށް ތަނަވަސްވަމުން ދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.

ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ދެއްވި މި ޚިޠާބުގައި، ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުންނާ ގާތުން ޚިދުމަތްތައް ދިނުމަށް ސަރުކާރުން ކުރާ މަސައްކަތް ދުވަހުން ދުވަހަށް ހަރުދަނާކޮށް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމުގެ ޢަޒުމު އައުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ލާމަރުކަޒީ ދުވަހުގެ ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަދި މި ޚިދުމަތުގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ހުރިހާ ހީވާގި ޚިދުމަތްތެރީންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު އަރިސްކުރައްވާފަ އެވެ.

ޖިއޮގްރަފީ ގޮތުން ބަލާއިރު، ދިވެހިރާއްޖެ އުފެދިފައިވަނީ ވަކިވަކި ރަށްތަކެއްގެ މައްޗަށްކަމަށް ވުމާއެކު، އެންމެ އިހު ޒަމާނުއްސުރެވެސް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދައުލަތުގެ ފަރާތުން ފޯރުކޮށްދެއްވާފައިވަނީ ލާމަރުކަޒު ކުރެވިގެން ކަމުގައި، ވޭތުވެ ދިޔަ ޒަމާންތަކުގެ ކަންހިނގާފައިވާ ގޮތަށާއި، އިހުގެ ރަސްމީ ލިޔުންތަކަށް ބަލާއިރު ފެންނާންއޮތްކަން އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރެއްވި އެވެ. އަދި މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީއާއެކު ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ފުރުޞަތު އިތުރަށް ފަހިވެފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މި ވޭތުވި ދެ އަހަރު ދުވަހު ލާމަރުމަޒީ ޚިދުމަތްތައް ފުޅާކުރުމަށް އިތުރުބާރުތަކާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް އިތުރަށް ފަހިކޮށްދިނުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ޙައްޤު މަޤާމާއި ޙައިޘިއްޔަތު ހޯދައިދިނުމާއި، ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުން ފަދަ، ލާމަރުކަޒީ ޤާނޫނު ވުޖޫދުވީއްސުރެ ކައުންސިލުތަކުން އިންތިޒާރުކުރަމުން އައި އެތައް ކަމެއް މިއަދު ވަނީ ހަގީގަތަކަށް ވެފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން މި ސަރުކާރުން ވަނީ ކައުންސިލްތަކަށް ވަސީލަތްތައް ފަހި، ޒަމާނީ އައު އިމާރާތްތައް ބިނާކޮށްދިނުމުގައި އިސްނަގައިފައިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރަށްތަކުގައި ކުޅިވަރުކުޅޭނެ ވަސީލަތްތަކާއި ޕާކުތައް ޤާއިމުކުރުމުގައި އެންމެ ބޮޑު ކާމިޔާބު އިރާދަކުރެއްވިއްޔާ ސަރުކާރުން ހޯއްދަވާނެ ކަމަށާއި ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް ފުރިހަމަކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނުގެ ޚިޠާބުގައި ދެއްވި އެވެ. މަގުހެދުން، ބަނދަރުހެދުން ފަދަ ޢުމްރާނީ އެންމެ ގިނަ މަޝްރޫޢު އެއްފަހަރާ މުޅި ރާއްޖޭގައި ހިނގަމުން ގޮސްފައިވަނީވެސް މި ވޭތުވި ދެ އަހަރުގެ ތެރޭގައިކަން އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރައްވައިފައިވެ އެވެ. އަދި ރާއްޖޭގެ ޤައުމީ ތަރައްޤީގެ މައި ތަޞައްވުރު އެކުލަވައިލުމަށް ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ޚިޔާލު ސަރުކާރުން ހޯއްދަވާފައިވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

މީގެއިތުރުން، ގަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ގިނަވުމާއި މަސްތުވާތަކެތީގެ ވިޔަފާރިއާއި ގޭންގު ކުށްތައް ފަދަ ރައްޔިތުން ކަންބޮޑުވާ ކަންކަމުގައި ހުރިހާ ރަށެއްގައި އެކަންކަމަށް ދާއިމީ ޙައްލު ހޯދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަން އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު