ENGLISH
19 އޭޕްރީލު 2025
އިންސާނީ ޙައްޤުތަކަށް އަހުލުވެރި މުޖުތަމަޢުއެއް ބިނާކުރުމަށް ސަރުކާރުން މަސައްކަތް ކުރާނަން: ރައީސް މުޢިއްޒު
10 ޑިސެމްބަރު 2024
|
ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ހިންމަފުށީގެ ރައްޔިތުންނަށް ބައްދަލު ކުރެއްވުމުގެ ތެރެއިން
އިންސާނީ ޙައްޤުތަކަށް އަހުލުވެރި މުޖުތަމަޢުއެއް ބިނާކުރުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އިންސާނީ ހައްގުތަކާ ބެހޭ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަ ކުރަމުން ދާއިރު، އަހަރެމެންގެ ޙައްޤުތަކަކީ ގުޅިލާމެހިފައިވާ އެއްޗެއްކަން ހަނދާން ކޮށްދޭ ކަމަށެވެ. އަދި އެހެން މީހުންގެ މިނިވަން ކަމަށް ތެދުވުމަކީ އަމިއްލަ ޙައްޤުތައް ރައްކާތެރިކުރުމަށް މުހިންމު ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.
"މި އުސޫލަކީ 75 އަހަރު ކުރިން އެކުލަވާލެވުނު އދ. ގެ އިންސާނީ ޙައްޤުތަކުގެ ޢާންމު ޤަރާރުގެ މައިގަނޑު އަސާސް" - ރައީސް މުޢިއްޒު
ރައީސް އިތުރަށް ވިދާޅުވެފައިވަނީ، ކަރާމާތްތެރިކަމާއި، ހަމަހަމަކަމާއި، އިންސާފު ދީމިޤްރާތީ ނިޒާމުގެ މައިގަނޑު ތަނބުތަކަށް ހެދުމަށް ދިވެހިރާއްޖެއިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ވަކި ޚާއްޞަ ޖިއޯގްރަފީއަށް ބައްޓަންކޮށްގެން، ޞިއްޙަތާއި، ތަޢުލީމާއި، އިންސާފަށް ހަމަހަމަ ގޮތެއްގައި ވާޞިލު ވެވޭނެ ސިޔާސަތުތަކާއި ޤާނޫނުތައް އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމާއި، މަސައްކަތްތެރިންގެ ޙައްޤުތަކާއި، ޖިންސުގެ ހަމަހަމަކަމާއި، އަދި ކުރިމަގުގެ ޖީލުތަކަށް ދެމެހެއްޓެނިވި ތިމާވެއްޓެއް ޤާއިމުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުން ދާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މިއަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ ޝިޢާރަކީ "އަހަރެމެންގެ ޙައްޤުތައް. އަހަރެމެންގެ މުސްތަޤުބަލު. މިހާރުން މިހާރަށް" ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.