ENGLISH

25 ފެބްރުއަރީ 2026

Advertisement

ދެ އިންތިހާބު އެއްކޮށްލުމުން ގައުމަށާއި ދައުލަތަށް ލިބޭނީ ބޮޑެތި ފައިދާތަކެއް: އާދަމް ޝަރީފު

25 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ވަޒީރު އާދަމް ޝަރީފާއި ރައީސް ޑރ.މުޢިއްޒު

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމުން ގައުމާއި ދައުލަތަށް ލިބޭނީ ބޮޑެތި ފައިދާތަކެއް ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ. 

މާފަންނު މެދު ދާއިރާގައި މިއަދު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީން ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުަގއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެން އެ ސަރަހައްދުގައި ހުންނަވައި އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި އާދަމް ޝަރީފު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމާ ހަމައަށް މިހާރު އާދެވިފައި އޮތް ނަމަވެސް، މި ސިޔާސަތަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ފެށިގެން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ހުށަހަޅުއްވަމުން ގެންދެވި ސިޔާސަތެއް ކަމަށެވެ. 

މި ވިސްނުމަކީ ކުރީގެ ވެރިންވެސް ގެންގުޅުއްވި ވިސްނުންފުޅެއްކަން ފާހަގަކުރައްވަމުން އާދަމް ޝަރީފު ވިދާޅުވީ ސިޔާސީ ގޮތުން ފަސްޖެހިވަޑައިގަތުމާއި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ތާއީދު ލިބިވަޑައިނުގަތުން ފަދަ އެތައް ސަބަބުތަކެއް މެދުވެރިގެން ކުރީގެ ރައީސުންނަށް އެ ފިޔަވަޅު އަޅުއްވަން ކެރިވަޑައިނުގަތް ނަމަވެސް ރައީސް ޑރ.މުޢިއްޒަކީ އާދަޔާ ހިލާފު ހިތްވަރުގަދަ ބޭފުޅަކަށްވާތީ އެމަނިކުފާނު އެ މިސްރާބަށް މަސައްކަތްކުރައްވައި ގާނޫނުއަސާސީއަށް އެ ބަދަލު ގެނައުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކާ ހަމައަށް ގެނެސްދެއްވީ ކަމަށެވެ. 

އާދަމް ޝަރީފު ވިދާޅުވީ އެ ބަދަލުގެ ސަބަބުން އިދާރީ ހަރަދުތައް ކުޑަކުރެވުމުގެ އިތުރަށް ރައްޔިތުން ބޭނުންވާ ތަރައްގީގެ މަސައްކަަތްކުރުމަށް ފޯކަސްކޮށް ސަމާލުކަން ދިނުމަށް ވަގުތު ލިބިގެންދާނެ ކަމަށެވެ. އަދި ޕާޓީ ނިޒާމުވެސް އެ ބަދަލުގެ ސަބަބުން ހަރުދަނާވާނެކަމަށާއި އެގޮތުން ރިޔާސީ ކެންޑިޑޭޓުންނާއި މަޖިލީހަށް ކުރިމަތިލައްވާ ބޭފުޅުންގެ މެދުގައި އެއްބަައިވަންތަކަމުގެ ގުޅުމެއް މި ބަދަލުގެ ސަބަބުން ގާއިމުވެގެންދާނެ ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި ބަދަލާއެކު ރައީސްކަމަށް ވާދަކުރައްވާ ބޭފުޅުންނާއި ޕާޓީތަކުގެ ޓިކެޓުގައި މަޖިލީހަށް ކުރިމަތިލައްވާ ބޭފުޅުންގެ މެދުގައި އޮންނަ އެއްބައިވަންތަކަމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި މަޖިލީހުގެ އިންތިހާބާ ގުޅުވައިގެން އިތުރު ވައުދުތަކެއް ވެވަޑައިގަންނަވަން ނުޖެހި ރިޔާސީ ކެންޑިޑޭޓުންނަށް އެ ބޭފުޅުންގެ ވައުދުފުޅުތައް ދާއިރާތަކާ ގުޅުވައިލައްވައިގެން އެއްބުރުން ހުށަހަޅުއްވައި ނިންމަވައިލެއްވޭނެ ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ. 

އޭގެ އިތުރަށް އާދަމް ޝަރީފު ފާހަގަކުރެއްވީ އިންތިހާބުތަކުގެ ކެމްޕެއިނުގައި ހޭދަކުރަންޖެހޭ ވަގުތުތައް ކުޑަވެ، ރައްޔިތުންނަށް ހިދުމަތްދީ ގެންނަންޖެހޭ ހެޔޮ ބަދަލުތައް ގެނައުމަށް ވަގުތު ހުސްކުރަން ވަރަށް ބޮޑު ޖާގައެއް މި ބަދަލުން ލިބިގެންދާ ކަމެވެ. 

އަދި ރައީސް ވެރިކަމަށް ވަޑައިގަތުމާއި މަޖިލިސް އިންތިހާބާ ދޭތެރޭގައި ހިނގާ މުއްދަތުގައި އުފެދޭ ސިޔާސީ ނުތަނަވަސްކަަމަށްވެސް މި ބަދަލުގެ ސަބަބުން ޖާގަ ނުލިބޭނެ ކަމުގައި އާދަމް ޝަރީފު ވިދާޅުވިއެވެ. އޭނާ މިސާލެއްގެ ގޮތުގައި ފާހަގަކުރެއްވީ ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާއި މަޖިލިސް އިންތިހާބާ ދެމެދުގައި ހޭދަވި ވަގުތުތަކުގެ ތެރޭގައި އެމްޑީޕީން އެމަނިކުފާނު އަޒުލުކުރަން މަސައްކަތްކުރުމެވެ. 

މަޖިލީހާއި ރައީސްގެ ސިޔާސަތު އެއްގޮތްވުމުން ތަރައްގީގެ ދުވެލި ހަލުއިވެގެންދާނެކަން ފާހަގަކުރައްވަމުން އާދަމް ޝަރީފު ވިދާޅުވީ މި ބަދަލަކީ މިހާރު ރާއްޖެ އޮތް ހާލަތުގައި ދައުލަތުގެ ހިންގުން ހަރުދަނާކުރުމަށް ގެނެވިގެންދާނެ ވަރަށް މުހިއްމު ބަދަލެއް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު