ENGLISH
25 ފެބްރުއަރީ 2026
ރައީސުލްޖުމްހޫރިއްޔާ، ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވައިފި
25 ފެބްރުއަރީ 2026
|
ރައީސުލްޖުމްހޫރިއްޔާ، ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވުން. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ބައްލަވައިލައްވައި، މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.
މި މުބާރާތުގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިރޭ ގަލޮޅު ރަސްމީ ދަނޑުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅޭ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގައި ބައްދަލުކުރީ އޮޑި ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުންނެވެ. އަދި، މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން، ޕެނަލްޓީ ޝޫޓްއައުޓްގައި 5-4 އިން ކާމިޔާބުކުރީ އޮޑި ސްޕޯޓްސް ކްލަބުންނެވެ.
މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެމަނިކުފާނު ހުށަހަޅުއްވާފައިވާ ވާދައިގެ ތަށްޓާއި، މެޑަލް ޙަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަހުމަދު ޠާރިޤުގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު އާއި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރު ޢަބްދުﷲ ނާސިރު ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ ޕްރެޒިޑެންޓްސް ކަޕްގެ ފުޓްބޯޅަ މުބާރާތް ރާއްޖޭގައި ބާއްވާ 70 ވަނަ ފަހަރެވެ. މި މުބާރާތް އެންމެ ފުރަތަމަ ބާއްވާފައި ވަނީ 1946 ވަނަ އަހަރުގައެވެ.