ENGLISH
23 ފެބްރުއަރީ 2026
ގޯއްޗާއި ފުލެޓަށް އެދި 5,000 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފި
23 ފެބްރުއަރީ 2026
|
އެންމެ މަޤްބޫލު
ގޯއްޗާއި ފުލެޓު ދޫކުރުމަށް މި ސަރުކާރުން ކުރިއަށްގެންދާ ސްކީމުގެ ދަށުން މިހާރު ހުޅުވާލާފައިވާ ފުރުސަތުގައި 5،067 ފޯމު ހުށަހަޅާފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން މީޑިޔާއާ ހިއްސާކުރި ހިސާބުތަކަށް ބަލާއިރު މިހާތަނަށް ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވައިލުމުން ޕޯޓަލް މެދުވެރިކޮށް ޖުމްލަ 5،067 ފޯމުވަނީ ހުށަހަޅާފައެވެ. އެއިން އެންމެ ގިނައީ ފުލެޓަށް އެދި ހުށަހަޅާފަައިވާ ފޯމުތަކެވެ. އެގޮތުން ޖުމްލަ 3،434 މީހަކުވަނީ ފުލެޓަށް އެދި ފޯމު ހުށަހަޅާފައެވެ.
މާލޭ ރައްޔިތުންނާއި މާލޭގައި ވަޒަންވެރިވެގެން އުޅޭތާ ގިނަ ދުވަސްވީ މީހުންނަށް ކުރިމަތިލެވޭ ގޮތަށް ހުޅުވައިލި ފުރުސަތުގައި ގޯއްޗަށް އެދި މިހާތަނަށް ހުށަހަޅާފައިވަނީ 1،633 ފޯމު ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.
މި ސަރުކާރުން ކުރިއަށްގެންދާ އާއިލީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުަވއިލީ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުއެވެ. އެކަމަށް ހާއްސަ ޕޯޓަލެއް ގާއިމުކޮށްފައިވާއިރު އީފާސް މެދުވެރިކޮށް ޕޯޓަލަށް ވަދެ ގޯއްޗާއި ފުލެޓަށް އެދެވެއެވެ.
ސަރުކާރުން ހިންގާ މި ސްކީމުގެ ދަށުން 7،900 ފުލެޓު ދޫކުރުމަށް ހުޅުވާލާފައިވާއިރު މާލޭ ސަރަހައްދުގައި ހިއްކާ ބިންތަކާއި ރަސްމާލެއިން 1،250 އަކަފޫޓުގެ 15،000 ގޯތި ދޫކުރަން ސަރކާރުން އިއުލާނުކޮށްފައިވެއެވެ.
މި ސްކީމަށް ކުރިމަތިލުމުގެ ސުންގަޑިއަށް ބަލާއިރު ގޯއްޗަށް ކުރިމަތިލުމުގެ ފަހު ތާރީހަކީ މާރިޗު މަހުގެ ހަތަރުވަނަ ދުވަހުގެ 23:59 އެވެ. އަދި ފުލެޓަށް ކުރިމަތިލުމުގެ ފަހު ތާރީހަކީ އޭޕްރީލު މަހުގެ 17 ވަނަ ދުވަހުގެ 23:59 އެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލުގެ ދަށުން މައިގަނޑު ދެ ކެޓަގަރީއަކާއި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކެއ ހިމަނާފައިވެއެވެ. އެގޮތުން މާލޭގެ ރަށްވެހިންގެ ކެޓަގަރީއިން 10،000 ގޯތި އަދި މާލޭގެ ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއިން 3،000 ގޯތި އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން 2،000 ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭގެ ރަށްވެހިންގެ ކެޓަގަރީންނާއި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން ގޯތި ދިނުމަށް ހަމަޖެހިފައިވަނީ ގްރޭޓަރ މާލެ ސަރަޙައްދުންނާއި ރަސްމާލެއިންނެވެ. މާލޭގެ ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއިން ގޯތި ދިނުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ.
ވަކިން ޚާއްޞަކޮށް މާލޭގެ ވަކިގެއަކަށް ނިސްބަތްނުވާ ގޮތަށް މާލޭގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކުރެވިގެން 1000 ގޯއްޗާއި 1000 ފުލެޓު ވާނީ އިޢުލާނުކުރެވިފައެވެ.
މީގެ އިތުރުން، މާލޭ ރަށްވެހިންނަށް 4000 ފުލެޓާއި، މާލޭގައި ދިރިއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށް 1500 ފުލެޓު އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން 2400 ފުލެޓް ދޫކުރުމަށް ހަމަޖެހިފައިވެއެވެ.
ޢާއިލީ ބޯހިޔާވަހަކިމުގެ ޕްރޮގްރާމް އެކުލަވާލެވިފައިވަނީ އަމިއްލަ އެއްވެސް ބޯހިޔާހަވިކަމެއް ނެތް ޢާއިލާތަކަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގައި އިސްކަން ލިބޭ ގޮތަށެވެ. އަދި ނުކުޅެދުންތެރިކަން ހުރި ފަރާތްތައް ތިބި ޢާއިލާތަކަށާއި، މުސްކުޅި މައިންބަފައިން ބަލާ ޢާއިލާތަކަށާއި ތިމާގެ ބެލުމުގެ ދަށުގައި ދަރިން ތިބި ޢާއިލާތަކަށް އިސްކަން ލިބޭ ގޮތަށްކަމަށް ވުޒާރާއިން ހާމަކުރެއެވެ.