ENGLISH
23 ފެބްރުއަރީ 2026
ފަތުރުވެރިން އައި މިންވަރު %9.5 މައްޗަށް؛ ހަތަރު ލައްކަަައަށްވުރެ އިތުރުވެއްޖެ
23 ފެބްރުއަރީ 2026
|
ފަތުރުވެރިންނަށް މަރުހަބާ ކިޔުން. ފޮޓޯ: ވީއައިއޭ
އެންމެ މަޤްބޫލު
މި އަހަރުގެ މިހާތަނަށް ރާއްޖެެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ނިމުނު އަހަރާ އަޅާބަަލާއިރު 9.5 އިންސައްތަ އިތުރުވެ، ހަތަރު ލައްކައަށްވުރެ ގިނަ ފަތުރުވެރިން އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 418،034 ފަތުރުވެރިން އައިސްފައިވެއެވެ.
ނިމިދިޔަ އަހަރުގެ މި މުއްދަތުގައި 381،870 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ ފާއިތުވި އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 9.5 އިންސައްތައިގެ ކުރިއެރުމެކެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ގައުމަކީ ޗައިނާއެވެ. އެގައުމުން 67،185 ފަތުރުވެރިން އައިއިރު، ރަޝިއާ އިން 46،636 ފަތުރުވެރިން، އިޓަލީން 40،345 ފަތުރުވެރިން އައިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި އިނގިރޭސިވިލާތުން 38،162 ފަތުރުވެރިންނާއި ޖަރުމަނުން 24،980 ފަތުރުވެރިން އައިސްފައިވެއެވެ.
މި މުއްދަތުގެ ތެރޭގައި ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 283،272 ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރިއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. އެއީ 111،390 ފަތުރުވެރިންނެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އެވްރެޖްކޮށް މިހާރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް 8000 އަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު މިދިޔަ ދެ އަހަރަކީ ވެސް ރާއްޖޭގެ ފަތުރުވެރިކަމަށް ރެކޯޑު އަހަރުތަކެކެވެ. މިދިޔަ އަހަރު ރާއްޖެއަށް 2.24 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ މި އަހަރު އެ އަދަދު 2.4 މިލިއަނަށް އިތުރުކުރުމެވެ.