ENGLISH
22 ފެބްރުއަރީ 2026
ސިއްހީ ހިދުމަތް ފުޅާކުރުން ބާރަށް ކުރިއަށް؛ 11 ރަށެއްގައި ލެބޯޓަރީ ހިދުމަތް ގާއިމުކޮށްފި
22 ފެބްރުއަރީ 2026
|
ލެބޯޓްރީގެ ޚިދުމަތް ސިއްޙީ ވަޒީރު ރަސްމީކޮށް ފައްޓަވައިދެއްވަނީ.، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
2026 ވަނަ އަހަރު ނިމުމުގެ ކުރިން، ލެބޯޓަރީ ނެތް ރަށްރަށުގައި ލެބޯޓަރީ ޤާއިމުކުރުމަށް ކުރެވިގެންދާ މަސައްކަތުގެ ތެރެއިން، ފެބްރުއަރީ 18 ގެ ނިޔަލަށް 11 ރަށެއްގައި ލެބޯރަޓަރީ ޤާއިމުކުރެވި ޚިދުމަތް ދޭން ވަނީ ފަށާފައެވެ.
މި މަޝްރޫގެ ދަށުން ލެބޯޓަރީތައް ގާއިމުކުރުމުގެ މަސައްކަތް ފެށީ 2024 ވަނަ އަހަރުއެވެ. އެ މަސައްކަަތް ފެށިއިރު ރާއްޖޭގައި އެ ހިދުމަތް ގާއިމުނުކުރެވި އޮތް 76 ރަށުގައި ލެބޯޓަރީ ހިދުމަތް ގާއިމުކުރުމަށްވަނީ ހަމަޖައްސާފައެވެ. އެ ނިންމުމުގެ ދަށުން ލެބޯޓަރީ ހިދުމަތް ފެށުމަށް އެ ރަށްރަށުގައި ގާއިމުކުރަންޖެހޭ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ހެލްތު މިނިސްޓްރީން ހާމަކުރި ހިސާބުތަކަށް ބަލާއިރު މިހާތަނަށް މި މަޝްރޫއުގެ ދަށުން 11 ރަށެއްގައި ސިއްހީ މަރުކަޒުތަކަށް ޖާގަ އިތުރުކޮށް، ލެބޯޓަރީ ހިދުމަތް ފެށުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރެވި، އެކަމަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސައި ހިދުމަތްވަނީ ފެށިފައެވެ.
2026 ވަނަ އަހަރު ނިމޭ އިރު ކޮންމެ ރަށެއްގެ އާބާދީގެ ނިސްބަތުން އެރަށެއްގައި ލެެބޯޓަރީގެ ޚިދުމަތް ގާއިމުވެގެންދާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަހަރު ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެކަށީގެންވާ ލެބޮޓަރީ ޓެސްޓު އަތޮޅުތެރޭގެ ގިނަ ރަށްރަށުން ކުރެވެން ނެތުމަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވާ އިރު، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ޤާއިމްކުރުމަކީ ސަރުކާރުގެ މުހިންމު ވަޢުދެކެވެ.
ލެބޯޓްރީގެ ޚިދުމަތަކީ އަސާސީ ޚިދުމަތަކަށްވާއިރު ސަރުކާރުން މަސައްކަތްކުރަނީ، ކޮންމެ މީހަކުވެސް އެމީހަކު ހުރި ރަށަކުން މިޚިދުމަތް ލިބޭނެ މަގުފަހިކުރުމަށެވެ.
ލެބޯރެޓަރީގެ ޚިދުމަތާއެކު ބައެއް ބަލިތައް ދުރާލާ ދެނެގަތުމުގެ މަގުފަހިވެގެންދާނެ ކަމަށާއި، މިއީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށްވެސް ލިބޭނެ އިތުރު ބާރެއްކަމަށްވެސް ސަރުކާރުން ފާހަގަކުރައްވައެވެ.