ENGLISH

22 ފެބްރުއަރީ 2026

Advertisement

ޕްރެޒިޑެންޓްސް ކަޕް: ބުރު ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ އޮޑި އަށް

22 ފެބްރުއަރީ 2026

|

މުޙައްމަދު އަދުހަމް

އޮޑިއާ ބުރު ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އޮޑި ސްޕޯޓްސް ކްލަބް

ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރޭ ބުރު ސްޕޯޓްސް ކްލަބު 2-0 އިން ބަލިކޮށް، އޮޑި ސްޕޯޓްސް ކްލަބުން އެ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފިއެވެ.

މިއީ އޮޑީގެ ތާރީހުގައި ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ފުރަތަމަ އަހަރު އެ ޓީމުން ކުޅޭނެ ދެވަނަ ފައިނަލެވެ. މީގެކުރީން، މިދިޔަ މެއި މަހު ކުރިއަށްދިޔަ އެފްއޭއެމް ލީގު ކަޕްގެ ފައިނަލުގައި ވެސް އޮޑި ކުޅުނެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ކުޑައިރުކޮޅެއްގެ ތެރޭގައި، މެޗުގެ 51 ވަނަ މިނެޓުގައި އޮޑިން ލީޑުނެގީ އެ ޓީމުގެ މިސްރު ޑިފެންޑަރު، އިސްލާމް ފެކްރީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑުޖެހީ ބޮލުންނެވެ.

މެޗުގެ 63 ވަނަ މިނެޓުގައި އޮޑިން ލީޑުފުޅާކުރިއެވެ. އެ ޓީމަށް މި ލަނޑުޖަހައިދިނީ އަހުޒަމް ރަޝީދު އެވެ. މިއީ އޭރިޔާތެރެއިން ލިބުނު ބޯޅައެއް ހޯދައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، އޮޑީގެ ލީޑު ފުޅާކުރަން ލިބުނު ފުރުސަތެއްގައި އަހުޒަމް ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވެއެވެ. މެޗުގެ ފަހު ބައިގައި ކުޅެން ނިކުތް އޮޑީގެ އަޔާޒް އަހުމަދު (އަޔާ) ފޮނުވާލި ބޯޅަ ވެސް އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ.

މި މުބާރާތުގެ ފައިނަލުގައި މާޒިޔާއާ އޮޑި ބައްދަލުކުރާ މެޗު އޮންނާނީ އަންގާރަ ދުވަހުގެ ރޭގަނޑު 10 ޖަހާއިރު އެވެ.

ކިޔުންތެރިންގެ ހިޔާލު